Roadha Mihaaru
ތައުލީމާ ގުޅޭ "އިނޮވޭޝަން ކޮންފަރެންސް" ފަށައިފި

ތައުލީމާ ގުޅޭ "އިނޮވޭޝަން ކޮންފަރެންސް"ގައި 47 ޕްރޮޖެކްޓެއް ހުށަހެޅި

21 ނޮވެމްބަރ 2020

ކޮވިޑް-19ގެ ހާލަތުގައި އިންޓަނެޓް މެދުވެރިކޮށް ދަރިވަރުންނަށް ކިޔަވައިދޭން ޓީޗަރުން ކުރި މަސައްކަތުގެ އަގު ވަޒަން ކުރަން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ކުރިއަށް ގެންދާ "އިނޮވޭޝަން ކޮންފެރަންސް" އަށް 47 ޕްރޮޖެކްޓެއް ހުށަހަޅައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19ގެ ހާލަތުގައި އިންޓަނެޓް މެދުވެރިކޮށް ދަރިވަރުންނަށް ކިޔަވައިދޭން ޓީޗަރުން ކުރި މަސައްކަތުގެ އަގު ވަޒަން ކުރަން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ކުރިއަށް ގެންދާ "އިނޮވޭޝަން ކޮންފެރަންސް" އަށް 47 ޕްރޮޖެކްޓެއް ހުށަހަޅައިފި އެވެ.

އޮންލައިންކޮށް ކުރިއަށް ގެންދާ މި ކޮންފަރެންސް އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. ފަސްޓް ލޭޑީގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ އާއި އެންއައިއީގެ އިސްވެރިޔާ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވެސް މި ކޮންފަރެންސްގައި ބައިވެރިވަޑައިގަތެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއް

މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވަނީ ޓީޗަރުން މި ދުވަސްވަރު ކުރަމުން އަންނަ ބުރަ މަސައްކަތަކީ ނަމޫނާ މަސައްކަތެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމަށް އެކަމަނާ ޝުކުރު އަދާކުރެއްވި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ކެމްބްރިޖް ޔުނިވާސިޓީއާ ގުޅިގެން ދެ ދުވަހަށް ކުރިއަށްދާ މި ކޮންފަރެންސްގައި 23 ސްކޫލަކުން ބައިވެރިވި އެވެ. އަދި ތައުލީމް ކުރިއަރުވަން ކަނޑައަޅާފައިވާ ހަތް ދާއިރާއަކަށް 47 ޕްރޮޖެކްޓެއް ހުށަހަޅާފައި ވެ އެވެ.

ޕްރޮޖެކްޓް ހުށަހެޅި ދާއިރާތައް

- އޮންލައިން ޓީޗިން އެންޑް ލާނިން

- ކޮމިއުނިޓީ އެންގޭޖްމެންޓް

- އެޑިއުކޭޝަނަލް ލީޑާޝިޕް ޑިއުރިން ކްރައިސިސް

- އިންކްލޫސިވިޓީ

- ވެލްބިއިން އެންޑް ސައިކޯ-ސޯޝަަލް ސަޕޯޓް

- ޕްރޮފެޝަނަލް ސަޕޯޓް އެންޑް ޓްރެއިނިން

- ކްރިއޭޓިވް ލާނިން ސްޕޭސް

މި ކޮންފަރެންސްގެ ޗީފް ކޯޑިނޭޓަރު ޝަހުދާ ރިޒްވާން ވިދާޅުވީ އެންމެ ގިނަ ޕްރޮޖެކްޓް ހުށަހަޅާފައި ވަނީ އޮންލައިން ލާނިންއާ ގުޅޭ ގޮތުން ކަމަށެވެ.

"މި ދުވަސްވަރު އެންމެ ރިލަވަންޓް ދާއިރާ އަކީ އެއީ ކަމަށް ވުމުން އެންމެ ގިނަ ޕްރޮޖެކްޓް ލިބިފައި ހުރީ އެކަމާ ގުޅޭ ގޮތުން،" ޝަހުދާ ވިދާޅުވި އެވެ.

ކޮންމެ ދާއިރާއަކުން ހުށަހަޅާފައިވާ ޕްރޮޖެކްޓްތަކަށް ހަތަރު އެވޯޑެއް ދޭން ކަނޑައަޅާފައިވާ ކަމަށް ޝަހުދާ ވިދާޅުވި އެވެ. އެއީ މޮސްޓް އިނޮވޭޓިވް ކެޓަގަރީ އާއި ބެސްޓް އިމްޕްލިމެންޓޭޝަން ކެޓަގަރީ އާއި މޮސްޓް އިންސްޕައަރިން ކެޓަގަރީ އަދި މޮސްޓް ސަސްޓެއިނަބްލް ކެޓަގަރީ އެވެ.