29 ޖެނުއަރީ 2019
އައިޖީއެމްއެޗުގެ އާ އިމާރާތް، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޯއްދަވައި ދެއްވި "ފަރުވާއެއް" ކަމަށް އެ ސަރުކާރުގެ ވެރިން ވިދާޅުވި އެވެ. ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ކުރިއަރުވަން ގެންގުޅުއްވި ވިސްނުންފުޅާ އެކު އަރަމުން އައީ ރާއްޖޭގައި މިހާތަނަށް އެންމެ އުސް އިމާރާތެވެ. ވިދާބަބުޅާ އެ އިމާރާތް ވަނީ ދިވެހިންގެ އުއްމީދާ ގުޅިފަ އެވެ. އެކަމަކު މި އުއްމީދު ފަނޑުވެ، އިމާރާތުގެ ވިދުން ގެއްލެނީ އެ މަޝްރޫއާ ގުޅިފައިވާ ބޮޑު ހިޔާނާތުގެ ތުހުމަތުންނެވެ.
އައިޖީއެމްއެޗުގެ އާ އިމާރާތް، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޯއްދަވައި ދެއްވި "ފަރުވާއެއް" ކަމަށް އެ ސަރުކާރުގެ ވެރިން ވިދާޅުވި އެވެ. ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ކުރިއަރުވަން ގެންގުޅުއްވި ވިސްނުންފުޅާ އެކު އަރަމުން އައީ ރާއްޖޭގައި މިހާތަނަށް އެންމެ އުސް އިމާރާތެވެ. ވިދާބަބުޅާ އެ އިމާރާތް ވަނީ ދިވެހިންގެ އުއްމީދާ ގުޅިފަ އެވެ. އެކަމަކު މި އުއްމީދު ފަނޑުވެ، އިމާރާތުގެ ވިދުން ގެއްލެނީ އެ މަޝްރޫއާ ގުޅިފައިވާ ބޮޑު ހިޔާނާތުގެ ތުހުމަތުންނެވެ.
ސަރުކާރުން ހޭދަކޮށްގެން މިހާތަނަށް ރާއްޖޭގައި ހަދާ އެންމެ އަގު ބޮޑު އިމާރާތް، 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަންއާ ހަވާލުކުރީ ބިޑްކުރުމެއް ނެތި އެެވެ. އެ އަގަކީ، ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި، އެފަދަ އިމާރާތަކާ ބަލާއިރު ތިން ގުނަ ބޮޑު އަދަދެކެވެ.
އިމާރާތަށް ހޭދަވާނެ އަގު ދިރާސާކުރި ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެންމެ ބޮޑުވިޔަސް 40 މިލިއަން ޑޮލަރު (620 މިލިއަން ރުފިޔާ) އަށް އެފަދަ އިމާރާތެއް ނިންމޭނެ އެވެ. މި އަގުން ބަލާ ނަމަ، ދަރުމަވަންތަ ހޮސްޕިޓަލަށް އެ އޮތީ ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފަ އެވެ.
ހުޅުމާލޭގައި ހެދި އަށް ބުރީގެ، 30،000 އަކަފުޓޫގެ ޓްރީ ޓޮޕް ހޮސްޕިޓަލާ އަދި އެއާ ޖެހިގެން އަށް ބުރިއަށް ހެދި 10،000 އަކަފުޓޫގެ ބިލްޑިންގެ މަޝްރޫއު ފެށިއިރު ބެލެވުނީ ގާތްގަނޑަކަށް 90 މިލިއަން ޑޮލަރުން ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް ޓްރީ ޓޮޕް ހޮސްޕިޓަލް ނިމުނުއިރު ވަނީ 110 މިލިއަން ޑޮލަރު (1.6 ބިލިއަން ޑޮލަރު) ހޭދަވެފަ އެވެ.
މި ތުހުމަތާ އެކު މައްސަލަ ބަލައިދޭން އެންޓި ކޮރްޕަޝަން ކޮމިޝަން (އޭސީސީ) އާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހުށަހެޅި އެވެ. އެކަމަކު ހިޔާނާތުގެ އެ ތުހުމަތުތަކަކީ "ތަރައްގީ އަށް ހުރަސްއެޅުން" ކަމަށް ހެދުން ފިޔަވައި އިތުރު "ހެއްކެއް" ދެ މުއައްސަސާއަކަށް ވެސް ނުފެނުނެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ ބައެއް: އެ އިމާރާތް މި އަހަރު ފަހުކޮޅު ބޭނުންކުރަން ފަށާނެ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެހެންވެ، ކޮރަޕްޝަންގެ ކުށެއް ނެތް ކަމަށް ތައްގަނޑު ޖަހައި 2017 ގައި އޭސީސީން މި މައްސަލަ ފައިލްކުރީ އެވެ. އެކަމަކު އެ ތަހުގީގުގެ ބައެއް އިހުމާލުތަކާއި ޝެންހުއާ އަށް މަސައްކަތް ހަވާލުކުރުމުގައި ސަރުކާރުން އަމަލުކުރި ގޮތުގެ މައުލޫމާތުތަކެއް "މިހާރު" އަށް ވަނީ ލިބިފަ އެވެ. އެ މައުލޫމާތުތަކުގައިވާ ގޮތުން، ދައުލަތުގެ ތެރޭގައި އޮންނަ ދެ ފުށް ފެންނަ، ވާދަވެރި ބީލަމުގެ ނިޒާމު ފުނޑާލައި ޝެންހުއާއާ ހަވާލުކުރި އެ މަޝްރޫއުން ދައުލަތަށް ގެއްލުންވި ފައިސާގެ އަދަދު 1.5 ބިލިއަނަށް އަރާނެ އެވެ.
އައިޖީއެމްއެޗުގެ އާ އިމާރާތް 140 މިލިއަން ޑޮލަރަށް ޝެންހުއާ ކުންފުންޏާ ހަވާލުކުރީ މާލިއްޔަތު ގަވާއިދަށް ބަދަލު ގެނެސްގެންނެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ކުރިން އޮންނަ ގޮތުން 25،000ރ. އަށް ވުރެން ބޮޑު މަސައްކަތެއް ބަޔަކާ ހަވާލުކުރަން ޖެހޭނީ އާއްމުކޮށް އިއުލާންކޮށް ވާދަވެރި މާހައުލެއްގެ ތެރެއިންނެވެ. އަދި އަންދާޒީ އަގު 1.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވާ މަސައްކަތްތައް ހަވާލުކުރަން އޮންނަނީ ޓެންޑަ ބޯޑަށް ހުށަހަޅައި، ބީލަންތައް އިވެލުއޭޓް ކޮށްގެންނެވެ. މިއީ، ވާދަވެރި މާހައުލެއްގެ ތެރެއިން ދައުލަތަށް އެންމެ ފައިދާ ބޮޑު އަގު ހުށަހަޅާ ފަރާތަށް މަސައްކަތް ހަވާލުކުރެވޭނެ އުސޫލެކެވެ.
އެ ގަވާއިދު، ސަރުކާރުން ބޭނުންވާ ގޮތަށް އިސްލާހުކުރީ މެއި، 28، 2015 ގަ އެވެ. މަޝްރޫއުތައް ހަވާލުކުރުމުގައި ދެ ފުށް ފެންނަ ނިޒާމު ފުނޑުކޮށްލި އެ އިސްލާހުގައި އޮތީ ސަރުކާރުން ކަނޑައަޅާ ބިޔަ މަޝްރޫއުތައް ބިޑް ކުރުމެއް އަދި ޓެންޑަ އިވެލުއޭޝަން ބޯޑަށް ހުށަހެޅުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ އިކޮނޮމިކް ކައުންސިލުން ކަނޑައަޅާ ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދެވޭ ގޮތަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލް: މިތަން ޝެންހުއާ އަށް ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭތޯ އޭސީސީން ދެ ވަނަ ފަހަރަށް އަންނަނީ ބަލަމުން. --ފޮޓޯ/މިހާރު
ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތް އެޅުން ޝެންހުއާއާ ހަވާލުކުރީ ޔާމީން ރިޔާސަތު ބެލެހެއްޓެވި އިކޮނޮމިކް ކައުންސިލުންނެވެ. މާލިއްޔަތު ގަވާއިދަށް ގެނައި ބަދަލުން، އިންތިހާ އަށް ބޮޑު އަގުގައި ބޭނުން ބަޔަކާ ހަވާލުކޮށް، އެ އަގުގެ ތެރެއިން މަޝްރޫއު ހޯދައިދޭ ނުވަތަ އެކަމުގައި އިސްކޮށް އުޅޭ މީހުން ޖީބަށް ބައެއް ލުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.
މާލިއްޔަތު ގަވާއިދު އެގޮތަށް އިސްލާހުކޮށް ކޮރަޕްޝަނަށް ދޮރު ހުޅުވާލިއިރު ވެސް އޭސީސީ އަޅައެއް ނުލި އެވެ.
ސަރުކާރުގެ މަޝްރޫއުތައް ހަވާލުކުރުމުގައި ކޮރަޕްޝަން އާދައިގެ ކަމަކަށް ވެފައި އޮތް އިރު، ކުރީގެ ސަރުކާރުގެ އެންމެ ބޮޑު ހިޔާނާތުގެ ގޮތުގައި ފަޅާއަރާފައި އޮތީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ މައްސަލަ އެވެ. އެ މައްސަލައިގައި ވެސް އެ އަދަދަކީ އޮޑިޓަ ޖެނެރަލްގެ ރިޕޯޓާއި އޭސީސީގެ ތަހުގީގުން ފެންނަން އޮތް އަދަދެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ކޮރަޕްޝަން ރަނގަޅަށް ތަހުގީގު ކުރި ނަމަ، ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު އެމްއެމްޕީއާރުސީގެ ހިޔާނާތަށް ވުރެ ވެސް ބޮޑުވެދާނެ ކަމަށް "މިހާރު" އަށް ލިބުނު މައުލޫމާތުތަކުން އެނގެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތް އަޅަން އަގު ހޯދީ، ޝެންހުއާގެ އިތުރުން ސިނަމާލެ ބްރިޖު އެޅި ސީސީސީސީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑުންނެވެ.
ޖެނުއަރީ، 15، 2016 ގައި ޝެންހުއާ އިން އައިޖީއެމްއެޗަށް ފޮނުވި އީމެއިލެއްގައި ވަނީ، 25 ބުރީގެ އިމާރާތެއް އެ ކުންފުންޏަށް ނިންމޭނީ 140 މިލިއަން ޑޮލަރަށް ކަމަށެވެ. އޭގެ ހަފުތާއެއްހާ ދުވަސް ފަހުން، ހާބަ އިންޖިނިއަރިން އިން އައިޖީއެމްއެޗަށް ފޮނުވި ލިއުމުގައި ވަނީ އެ އިމާރާތް 53 މިލިއަން ޑޮލަރު (821 މިލިއަން ރުފިޔާ) އަށް ނިންމައިދޭނެ ކަމަށެވެ.
މިއީ، ޝެންހުއާ އިން ހުށަހެޅި އަގަށް ވުރެން 86 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ކުޑަ އަގެކެވެ.
"މިހާރު" އަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ދެ ކުންފުނީގެ އަގަށް ބަލައި، ޝެންހުއާގެ އަގު އެފަދަ އިމާރާތަކަށް އެކަށީގެންވާ ކަމަށް ބުނެ އިކޮނޮމިކް ކައުންސިލުން ވަނީ އެ އަގު ދިފާއުކޮށްފަ އެވެ. ޝެންހުއާ އިން އިމާރާތުގެ އަގު ހުށަހެޅީ، އެނގިފައިވާ ގޮތުގައި، މެޑިކަލް އިކުއިޕްމެންޓްސް އާއި ފަރުނީޗަރު ފަދަ އެއްވެސް ސާމާނެއް ނުލަ އެވެ. އިމާރާތުގެ އޮނިގަނޑަށް އެކަނި 140 މިލިއަން ޑޮލަރަކީ މާ ބޮޑު އަގެއް ކަމަށް އިމާރާތް ކުރުމުގެ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވެސް ވިދާޅުވެ އެވެ.
"މިހާރު" އަށް ލިބުނު މައުލޫމާތުތަކުގައި ޝެންހުއާގެ އަގުތަކާއި މާލޭގައި އިމާރާތް ކުރުމުގެ އަގުތައް އަޅާބަލާފައިވެ އެވެ.
- 30،921 އަކަ މީޓަރު: ދަރުމަންތަ ހޮސްޕިޓަލްގެ ފްލޯ އޭރިއާގެ ބޮޑުމިން
- 69،816ރ: ދަރުމަވަންތަ ހޮސްޕިޓަލްގެ އަކަ މީޓަރަކަށް ޖެހޭ ވަރު
- 20،000ރ: މާލޭގައި އެންމެ މަތީ ފެންވަރަށް ހަދާ ތަންތަނުގެ އަކަ މީޓަރަކަށް ޖެހޭ ވަރު (ތަކެތީގެ އަގާއި މަސައްކަތުގެ އިތުރުން ފައިދާގެ ގޮތުގައި 15 ޕަސެންޓް ވެސް ލައިގެން)
- 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ: މި އަގުން ބަލާ ނަމަ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރަން ދާނެ ހަރަދު
"މިހާރު" އަށް ލިބިފައިވާ މައުލޫމާތުތަކުގައިވާ ގޮތުން، ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރަން ހަވާލުކުރީ އެފަދަ އިމާރާތެއް ނިންމޭނެ އަގަށް ވުރެން 349 ޕަސެންޓް ބޮޑު އަގެއްގަ އެވެ. އެއީ، 99.8 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާގެ ބޮޑުވުމެކެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ކުރަނީ. --ފޮޓޯ/މިހާރު
ލިއުންތަކުގައި އަންދާޒާކޮށްފައިވާ ގޮތުން ނަމަ، މިފަދަ އިމާރާތަކަށް މާކެޓް ރޭޓުގައި ހިނގާނެ ޚަރަދުގެ ތެރެއަށް 25 ޕަސެންޓް އިތުރުކޮށްގެން ހިސާބު ހަދާ ނަމަ ވެސް މި މަޝްރޫއުގައި ޝެންހުއާ މެދުވެރިވެގެން ވީ ހިޔާނާތުން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކުގެ ޖީބަށް ވަންނާނެ ކަމަށް ތުހުމަތުކުރެވެ އެވެ.
އެ ފައިސާ އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް އިމާރާތްކޮށް، އެތަންތަނަށް ވަސީލަތް ގާއިމްކޮށް ޑޮކްޓަރުން ތަމްރީނު ކުރެވިދާނެ ކަމަށް، އެ މައުލޫމާތު ހުރި ބައެއް ފަރާތްތަކުން ބުނެ އެވެ.
އެ ހޮސްޕިޓަލްގެ އަގު އަދާކުރަން ނިންމާފައި ވަނީ ސީދާ ސަރުކާރު ބަޖެޓުންނެވެ. އެއާ އެކު އެ އިމާރާތަށް ބޭނުންވާ ވަސީލަތްތަކާއި ފަރުނީޗަރު ފަދަ ސާމާނު ހޯދަން ވެސް ދައުލަތު ބަޖެޓުން ހޭދަކުރަން ޖެހެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި ކަމަށް ތުހުމަތުކުރާ މައްސަލަ ނިންމައި އޭސީސީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ތަހުގީގުގައި އެ ކޮމިޝަނުން ބޭނުންކުރީ މި މަޝްރޫއާ ގުޅޭ ގޮތުން ސަރުކާރުގެ އިދާރާތަކުގައި ހުރި ލިޔުންތައް އެކަންޏެވެ.
ސާމާނާ ނުލައި ހަމައެކަނި އިމާރާތުގެ އޮނިގަނޑަށް 140 މިލިއަން ޑޮލަރަކީ އެންމެ އެކަށީގެންވާ އަގުތޯ، އިމާރާތް ކުރުމުގެ ދާއިރާގެ ތަޖުރިބާކާރުން ދެކޭ ގޮތް ތަހުގީގުގައި ހޯދާފަައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި، އޭސީސީގެ ތަހުގީގަށް ކަމާ ބެހޭ ފަރާތްތަކުން ދިން މައުލޫމާތުގައި، ޗައިނާ ހާބާ އިންޖިނިއަރިން އަށް ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރަން ނުދިން އެއް ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ، އެ ކުންފުނިން މީގެ ކުރިން ސިއްހީ ހިދުމަތާ ގުޅޭ އިމާރާތެއްގެ މަސައްކަތް ކޮށްފައި ނުވުމެވެ.
އެއާ އެކު ޝެންހުއާ އަކީ ސިންގަޕޫރާއި އެ ނޫން ވެސް ގައުމުތަކުގައި ހޮސްޕިޓަލް އިމާރާތްކޮށްފައިވާ ކުންފުންޏެއް ކަމަށް އިކޮނޮމިކް ކައުންސިލުން ފާހަގަކޮށްފައިވެ އެވެ.
މާ ކަނޑުގައި އެޅި ބްރިޖަކުން މާލެ އާއި ހުޅުލެ ގުޅުވާލި ކުންފުންޏަށް ސިއްހީ ހިދުމަތް ދޭނެ އިމާރާތެއް އެޅިދާނެ ކަމަށް އިކޮނޮމިކް ކައުންސިލުން ގަބޫލުނުކުރުމަކީ އެ މަޝްރޫއު ވަކި ބަޔަކަށް ދިނުމުގެ ވިސްނުން ގެންގުޅުނުކަން އެނގޭ ހެއްކެކެވެ.
އިމާރާތަށް ޝެންހުއާ އިން ތައްޔާރުކުރި ޕްލިމިނަރީ ޑިޒައިންގެ ހަރުދަނާކަން އައިޖީއެމްއެޗުގެ ގަވާނިން ބޯޑުން ފާހަގަކޮށްފައިވެ އެވެ. އޭސީސީގެ ތަހުގީގުގައި، އަނެއް ކުންފުންޏަށް ޕްލިމިނަރީ ޑިޒައިން ހުށަހަޅަން އެންގިތޯ ސާފުކޮށްފައެއް ނުވެ އެވެ. އެއާ އެކު، އެ ޑިޒައިނަކީ ވާހަކަ ދައްކައިގެން ބަދަލު ގެނެވޭނެ އެއްޗަކަށް ވާއިރު، އަގުގެ ގޮތުން ފަރަގު ބޮޑު ކުންފުންޏާ ދިމާލަށް ދިއުމަކީ ރައްޔިތުންގެ ފައިސާއަށް އިހުމާލުވުމެކެވެ.
ދަރުމަވަންތަ ހޮސްޕިޓަލް އަޅަން ހެލްތު މިނިސްޓްރީގެ ޓެކްނިކަލް ޓީމަކުން ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލްގައި އަންދާޒީ އަގެއްގެ ގޮތުގައި ހިމަނާފައި ވަނީ 134 މިލިއަން ޑޮލަރެވެ. މި އަގާ އެންމެ ގާތްކުރާ އަގެއް ހުށަހެޅި ބަޔަކީ ވެސް ޝެންހުއާ ކަން ފާހަގަކޮށްފައިވާއިރު، ހެލްތު މިނިސްޓްރީގެ ޓެކްނިކަލް ޓީމުން އެ އަގު ކަނޑައެޅި ގޮތެއް ވެސް އޭސީސީގެ ތަހުގީގުގައި ބަލައިފައި ނުވާ ކަން "މިހާރު" އަށް އެނގިފައިވެ އެވެ. އެހެންކަމުން ހަމައެކަނި އިމާރާތުގެ އޮނިގަނޑަށް 134 މިލިއަން ޑޮލަރު ޖަހާފައިވުމަކީ، ޝަންހުއާއަށް އެ މަސައްކަތް ހަވާލުކުރަން ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ.
އެ އިމާރާތުގެ އަގު ބޮޑުވެދާނެ ސަބަބެއްގެ ގޮތުގައި ޝެންހުއާ އިން ހުށަހަޅާފައިވާ އެއް ސަބަބަކީ އިމާރާތުގެ ޑިޒައިނެވެ. ޑިޒައިނާއި އާކިޓެކްޗާ އަށް ޝެންހުއާ އިން ވަކި ބަޔަކު ނަގައިގެން ކުރާތީ އަގު ބޮޑުވެދާނެ ކަމަށް ބުނެފައިވާ ބުނުން ވެސް އިކޮނޮމިކް ކައުންސިލުން ވަނީ ދިފާއުކޮށްދޭން މަސައްކަތް ކޮށްފަ އެވެ. އެއާ އެކު، ކުރު މުއްދަތެއްގެ ތެރޭގައި މަޝްރޫއު ނިންމަން ޖެހުމާއި ސްޓީލިން ސްޓްރަކްޗާ އިން އެ މަޝްރޫއު ކުރިއަށް ނުގެންދެވޭތީ މައިކްރޯ ޕައިލިންގްސް އަށް ބޮޑު ޚަރަދެއް ކުރަން ޖެހުމާއި މަޝްރޫ އަށް ދެ ކްރޭން ގެންނަން ޖެހުމުން އެކަމަށް ބޮޑު ހޭދައެއް ހިނގުމާއި ކަސްޓަމައިޒް ހަތަރު ލިފްޓް ބަހައްޓަން ހަރަދު ދިއުމަކީ އިމާރާތުގެ އަގު ބޮޑުވާނެ ސަަބަބުތަކުގެ ތެރޭގައި ހިމެނި ކަންކަމެވެ.
ދަރުމަަވަންތަ ހޮސްޕިޓަލްގެ އިމާރާތް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއުގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކަމަށް އޭސީސީން ކަނޑައަޅާފައި ވަނީ އެ މައްސަލަ ހަވާލުކުރީ މާލިއްޔަތު ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ފަހު އެވެ. އެ މަޝްރޫއުގެ ޕްރޮކިއުމެންޓްގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަން މައްސަލަ ނިންމި ރިޕޯޓުގައި އޭސީސީން ފާހަގަކޮށްފައިވެ އެވެ.
އެކަމަކު މާލިއްޔަތުގެ ގަވާއިދު ބަދަލުކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ނަމަ ބެލެވޭނީ ކޮރަޕްޝަން ކަމަށެވެ. ޔާމީންގެ ވެރިކަމުގައި ފައިލްކުރި މި މައްސަލަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވާން ފެށުމާ އެކު އޭސީސީން މިވަނީ އަލުން ތަހުގީގު ފަށައިފަ އެވެ. އޭގެ ސަބަބެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
އޭސީސީ އަށް ފުރަތަމަ ތަހުގީގުން ހިޔާނާތެއް ނުފެނުނު މި މައްސަލައިގެ ސީރިއަސް ތަހުގީގެއް ހިންގަން ޖެހެ އެވެ. ދައުލަތަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ގެއްލުންވާނެ ކަމަށް ބެލެވޭ މި މަޝްރޫއުގައި އިހުމާލުވީ ފަރާތްތައް ހޯދައި ފިޔަވަޅު ވެސް އަޅަން ޖެހެ އެވެ. އެކަމަކު ސުވާލަކީ އެ ހިތްވަރާއި ކެރުން މި ސަރުކާރުގެ އެބަ ހުރި ހެއްޔެވެ؟
ޑރ. އަލީ ލަތީފަށް މަނީ ލޯންޑަރިންގެ ތުހުމަތު ވެސް
ތަކެތި ގަތުމުގައި ކޮރަޕްޝަނެއް ނުހިންގާ: އައިޖީއެމްއެޗް
އައިޖީއެމްއެޗް ކިއު ކުޑަކުރަން ޖީޕީ ކްލިނިކްތައް ހަދަނީ
ދަރުމަވަންތައިގެ ހައިބްރިޑްތިއޭޓަރު ބޭނުންކުރަން ފަށައިފި
ޑރ. އަލީ ލަތީފާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަނީ
ހޮސްޕިޓަލުގެ ކިއު ކުޑަކުރަން ވަގުތު އިތުރުކުރަނީ
ސަރުކާރުގެ މައި ހޮސްޕިޓަލަކަށް ދަރުމަވަންތަ!
ދަރުމަވަންތަ ކައިރީ ހޮސްޕިޓަލްގެ އާ އިމާރާތެއް އަޅަނީ
އައިޖީއެމްއެޗުގެ ލެބޯޓަރީގެ ހިދުމަތް ހުއްޓިއްޖެ
ހައިބްރިޑް ތިއޭޓަރުގެ ބޭނުން ނުހިފެނީ ސާމާނު ނުލިބޭތީ