Roadha Mihaaru
އުމްރާވެރިންގެ ހިމާޔަތަށް އުސޫލެއް އެކުލަވާލައިފި

އުމްރާވެރިންގެ ހިމާޔަތަށް އުސޫލެއް އެކުލަވާލައިފި

28 ޖެނުއަރީ 2019

ރާއްޖެއިން އުމްރާ އަށް ދާ މީހުންގެ ހައްގުތައް ހިމާޔަތްކުރަން އިސްލާމިކް މިނިސްޓްރީން އުސޫލެއް އެކުލަވާލައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ރާއްޖެއިން އުމްރާ އަށް ދާ މީހުންގެ ހައްގުތައް ހިމާޔަތްކުރަން އިސްލާމިކް މިނިސްޓްރީން އުސޫލެއް އެކުލަވާލައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި އުސޫލުގައިވާ ގޮތުން އުމްރާގެ އަޅުކަމަށް ފުރާ މީހާ އާއި އުމްރާއަށް ގެންދާ ގްރޫޕާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރަންޖެހެ އެވެ. އެ އެއްބަސްވުމުގައި ދަތުރުގެ ޖުމުލަ އަގާއި ފޯރުކޮށްދޭ ހިދުމަތްތައް ލިޔެފައި ހުންނަންޖެހެ އެވެ.

އުސޫލުގައި ބުނެފައި ވަނީ އުމްރާ އަށް ކުރާ ދަތުރުގެ ޓިކެޓު ހަމަޖައްސަން ޖެހޭނީ އުމްރާއަށް ގެންދާ ގްރޫޕުން ކަމަށެވެ. އަދި އުމްރާގައި ހޭދަވާ ދުވަސްވަރު ދަތުރުކުރުމާއި ކެއިންބުއިމާއި ހުރުން ހަމަޖައްސަންޖެހޭނެ އެވެ. މީގެ އިތުރުން އުމްރާވެރިން ސައޫދީ އަރަބިއްޔާއަށް ދިއުމަށް ފަހު ކުރާ ކޮންމެ ދަތުރެއްގައި އެމީހުންނަށް ޒިންމާވާނެ މީހަކު ގްރޫޕުގައި ހުންނަންޖެހޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.

އުމުރުން 45 އަހަރު ނުފުރޭ އަންހެނުންނަށް މަހުރަމަކާ ނުލައި އުމްރާ އަށް ގެންދިއުމަކީ މަނާ ކަމެކެވެ. އަދި 18 އަހަރު ނުފުރޭ ކުއްޖަކު ނަމަ ދާންޖެހޭނީ ބެލެނިވެރިޔަކާއެކު އެވެ.

މީގެ އިތުރުން ކޮންމެ އުމްރާ ދަތުރަކަށް ފަހު އެ ދަތުރަކާ ގުޅޭ ތަފްސީލީ ރިޕޯޓެއް ކޮންމެ ގްރޫޕަކުން ވެސް އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅަންޖެހެ އެވެ. އަދި އުމްރާ ދަތުރެއްގައި އިމަޖެންސީ ހާދިސާއެއް ދިމާވެއްޖެ ނަމަ އެކަމެއް އިސްލާމިކް މިނިސްޓްރީއަށް އަންގަމުން ގެންދަންޖެހެ އެވެ.

އަލަށް އަމަލުކުރަން ފެށި އުސޫލާ ހިލާފުވެއްޖެ ނަމަ އެ ގްރޫޕެއް ޖޫރިމަނާ ކުރުމުގެ ބާރު އިސްލާމިކް މިނިސްޓްރީއަށް ވަނީ ދީފަ އެވެ. އަދި މިނިސްޓްރީ އަށް އުމްރާ ގްރޫޕުގެ ހުއްދަ ވެސް ބާތިލް ކުރެވިދާނެ އެވެ.

މިދިޔަ ނޮވެމްބަރު މަހު އަސްކޮއި ހައްޖު، އުމްރާާ ގްރޫޕަށް ބަޔަކު ވަގު ޓިކެޓުތަކެއް ވިއްކި މައްސަލައެއް ފަޅާއަރައިފަ އެވެ. އެ ގްރޫޕަށް ވަގު ޓިކެޓު ވިއްކި ޑީބީ ޓްރެވަލްސްގެ ވެރިޔާ އާއި މުވައްޒަފަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ރާއްޖެއިން ފިލައިގެން ދާން އުޅެނިކޮށެވެ.

އަސްކޮއި ގްރޫޕަށް ޑީބީ ޓްރެވަލްސް ކިޔާ ކުންފުންޏަކުން ވަނީ ފޯޖުކޮށްފައިވާ 168 ޓިކެޓު ވިއްކައިފަ އެވެ. އެއީ ގާތްގަނޑަކަށް 1.6 މިލިއަން ރުފިޔާގެ ވަގު ޓިކެޓެވެ.

މީގެ ކުރިން 2012 ގައި ގްރޫޕަކުން ހައްޖަށް ދާން އުޅުނު 175 މީހަކަށް ފުރޭ ގޮތް ނުވެ 12 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ. އަލް ފަތުހު ހައްޖު ގްރޫޕާ ގުޅިގެން 2014 ގައި ހައްޖަށް ދާން އުޅުނު 125 މީހަކަށް ވެސް ވަނީ މިގޮތަށް ލަނޑު ލިބިފަ އެވެ.