Roadha Mihaaru
އުމްރާ އަށް ނަގަމުން އައި ފީތަކެއް ބޮޑުކޮށްފި

ސައޫދީން ގެނައި ބަދަލުތަކުން އުމްރާ ދަތުރުތަކުގެ ފީތަކެއް ބޮޑުކޮށްފި

28 އޮކްޓޯބަރ 2019

އުމްރާ އަށް ގެންދިއުމުގެ ގަވާއިދަށް ސައުދީ ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެން، ރާއްޖެ އިން އުމްރާ އަށް ދާ މީހުންގެ އަތުން ނަގާ ފީ ވެސް ބޮޑުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އުމްރާ އަށް ގެންދިއުމުގެ ގަވާއިދަށް ސައުދީ ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެން، ރާއްޖެ އިން އުމްރާ އަށް ދާ މީހުންގެ އަތުން ނަގާ ފީ ވެސް ބޮޑުކޮށްފި އެވެ.

އުމްރާ އަށް ދާ މީހުންގެ އަތުން ސައުދީން ކުރިން ނަގަމުން އައީ، 2،000 ރިޔާލެވެ. އާ ގަވާއިދަށް މިދިޔަ މަހު އަމަލުކުރަން ފެށުމާ އެކު މި ފީ ވަނީ އުވާލައިފަ އެވެ.

މީގެ ބަދަލުގައި، ހެލްތު އިންޝުއަރެންސް ހިމެނޭ ގޮތަށް އާ ފީތަކެއް ނެގުމަށް ވަނީ ކަނޑައަޅައިފަ އެވެ. ސައުދީ ސަރުކާރުން ނަގާ ޓެކްސްތައް ވެސް ވަނީ އިތުރުކޮށްފަ އެވެ. މި ބަދަލުތަކާ އެކު މިފަހަރުގެ އުމްރާގެ ވިސާގެ ފީ ވެސް ކުރީ އަހަރުތަކަށް ވުރެން ބޮޑުވެފައިވާ ކަން ވިސާ ޖަހައިދިނުމުގެ ހުއްދަ އޮންނަ ސީޕްރިއާ އިން އުމްރާ ގްރޫޕްތަކަށް ވަނީ އަންގައިފަ އެވެ.

ވިސާ އާއި ޓެކްސް އަދި އެހެނިހެން ފީގެ ގޮތުގައި ރާއްޖެ އިން އުމްރާ އަށް ދާ މީހެއްގެ އަތުން ކުރިން ނަގަމުން އައީ ގާތްގަނޑަކަށް 100 ޑޮލަރު، (1،542ރ.) އެވެ. އެކަމަކު ސައުދީ ސަރުކާރުން އަލަށް ގެނައި ބަދަލާ ގުޅިގެން، ވިސާ އަދި ދަތުރުފަތުރާއި ޓެކްސް ފީގެ ގޮތުގައި ނަގާ އަދަދު 250-300 (3،855-4،626ރ.) އަށް ބޮޑުވާނެ ކަމަށް ބައެއް ގްރޫޕްތަކުން ލަފާކުރެވެ އެވެ.

ރާއްޖޭގައި، އެކި ގްރޫޕްތަކުން އުމްރާ އަށް މީހުން ގެންދަން ނަގަނީ އެކި ވަރަށެވެ. އެގޮތުން، 25،000ރ.-39،000ރ އާ ދެމެދުގެ އަގުތައް އުޅެ އެވެ. އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ މި އަހަރު ވަނީ، 25 ކުންފުންޏަކަށް ދީފަ އެވެ.