Roadha Mihaaru
ކަޅުވަކަރު މިސްކިތް ބޭނުން ކުރާނީ ނަމާދުގެޔަކަށް

ކަޅުވަކަރު މިސްކިތް ބޭނުން ކުރާނީ ނަމާދުގެޔަކަށް

22 ޖެނުއަރީ 2019

އިސްލާމީ މަރުކަޒުގެ ކުރިމަތީގައި، ތާރީޚީ ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަން ނިންމާފައިވަނީ ނަމާދުގެއެއް ގޮތަށް ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިސްލާމީ މަރުކަޒުގެ ކުރިމަތީގައި، ތާރީޚީ ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަން ނިންމާފައިވަނީ ނަމާދުގެއެއް ގޮތަށް ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން މިއަދު ބުނެފި އެވެ.

ޗާންދަނީމަގު ކަންމަތީ، ދިރާގު އޮފީސް ކުރިން ހުރި ބިމުގައި ކަޅުވަކަރު މިސްކިތް ބަހައްޓަން ނިންމުމުން ދީނީ އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ މިސްކިތެއްގެ ދޮރުމަތީ މިސްކިތެއް އެޅުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ބުނެ އެވެ.

އެ ތަނުގައި ކަޅުވަކަރު މިސްކިތް ބަހައްޓަން ދީނީ އިލްމުވެރިން ދެކޮޅުހައްދަވަނީ، ޖަމާއަތުގައި ނަމާދުކުރާ ގޮތަށް އެ މިސްކިތް ބޭނުންކުރާ ނަމަ އެވެ.

ކަޅުވަކަރު މިސްކިތް ރޫޅާލުމަށްފަހު ނަގާފައިވާ ހިރިގާތައް ހެރިޓޭޖްގެ ބެލުމުގެ ދަށުގައި---

ކަޅުވަކަރު މިސްކިތް ރޫޅާލުމަށްފަހު ނަގާފައިވާ ހިރިގާތައް ހެރިޓޭޖްގެ ބެލުމުގެ ދަށުގައި---

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު "މިހާރު" އަށް ވިދާޅުވީ މިހާރު ނިންމާފައިވަނީ ކަޅުވަކަރު މިސްކިތް ނަމާދުގެއެއް ގޮތަށް ބޭނުން ކުރުމަށް ކަމަށެވެ. އެހެންކަމުން އެތަނުގައި ބަންގި ގޮވުމާއި ޖަމާއަތުގައި ނަމާދުތައް ކުރުމެއް ނޯންނާނެ އެވެ. ނަމަވެސް ވަކިން ނަމާދުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށް ތޯރިގް ވިދާޅުވި އެވެ.

"އިމާމެއް ނުހުންނާނެ. ރަސްމީކޮށް ޖަމާއަތް ހަދައި ނަމާދެއް ނުކުރާނެ. އެކަމަކު ނަމާދު ކުރެވޭނެ،" ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވިގޮތުގައި އެގޮތަށް ނިންމީ މިސްކިތް ބެހެއްޓުމާ ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުންތަކަށް ހައްލެއް ގެނައުމަށްށެވެ.

ވުޟޫ ކުރުމަށް ވަޅާއި ދާނި ބަހައްޓަން ނިންމާފައިވާއިރު އެތަނުގައި އިސްކޫރުބަރި އާއި ފާހާނާ ނުހުންނާނެ ކަމަށް ތޯރިގް ވިދާޅުވި އެވެ. ކުރިން މިސްކިތް ހުރިތަނުގައި ވުޟޫ ކުރުމަށް އިސްކުރު ބަރިއެއް ހަދާފައި ހުއްޓެވެ.

ކަޅުވަކަރު މިސްކިތް ބެހެއްޓުމަށް ހުސްކުރާ ސަރަހައްދު-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ކަޅުވަކަރު މިސްކިތް ބެހެއްޓުމަށް ހުސްކުރާ ސަރަހައްދު-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މިހާރު މިސްކިތް ބަހައްޓަން ނިންމާފައި ވަނީ ދިރާގު ހެޑް އޮފީސް ހުރިތަނަށް ވުރެ އެތެރެއިން ދާރުލްއާސާރު ކައިރީގަ އެވެ. މިސްކިތަށް ވަނުމަށް ތިން ދޮރެއް ހަދަން ނިންމާފައިވާއިރު އޭގެ ތެރެއިން މައިދޮރު ހުންނާނީ ޗާންދަނީ މަގަށެވެ. އަދި ދާރުލް އާސާރުގެ ތެރެއިން މިސްކިތަށް ވަދެވޭ ދޮރަކާއި ސަލްޓަން ޕާކްގެ ތެރެއިން މިސްކިތަށް ވަދެވޭގޮތަށް ދޮރެއް ހުންނާނެ އެވެ.

އިސްލާމީ މަރުކަޒާ ދިމާލުން އޮންނަ ހުސްބިން ބޭނުން ކުރަން ނިންމާފައިވަނީ ޕާކިން ޒޯނަކަށެވެ.

މިސްކިތް ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެ ބިން ހުސްކޮށް، އެއްވަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ތޯރިގް ވިދާޅުވި އެވެ. އެ މަސައްކަތްތައް ކުރުމަށް ވޮލަންޓިއާކޮށް މަސައްކަތް ކޮށްދޭން 150 މީހުން ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ވަރަށް ގާބިލް މީހުން އެބަތިބި ކަމަށް ތޯރިގް ވިދާޅުވި އެވެ.

ކަޅުވަކަރު މިސްކިތް ބެހެއްޓުމަށް ހުސްކުރާ ސަރަހައްދު-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ކަޅުވަކަރު މިސްކިތް ބެހެއްޓުމަށް ހުސްކުރާ ސަރަހައްދު-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ކަޅުވަކަރު މިސްކިތް ކުރިން ބަހައްޓާފައި ހުރީ ސަލްޓަން ޕާކްގައި މިހާރު ވިންޓަ ކޯނާ ހަދާފައި ހުރި ތަނުގަ އެވެ. އެތަނުން އެ މިސްކިތް ނެގީ ސަލްޓަންޕާކް ތަރައްގީކުރުމަށެވެ. އެ މިސްކިތް އަލުން ބެހެއްޓުމަކީ މިސަރުކާރުގެ ވައުދެކެވެ.

ކަޅުވަކަރު މިސްކިތަކީ ތަފާތު ކުރެހުން އަޅައި ފާރުތައް ހިރިގަލުން ހަދާފައި ހުރި ކުޑަކުޑަ މިސްކިތެކެވެ. މި މިސްކިތުގައި ހިރިގަލުން ބިންވަޅުނަގައި ލިޔެވިފައިވާ ލިޔުމަކުން އެނގޭ ގޮތުގައި މިސްކިތް ބިނާކުރީ އައްސުލްތާން ހަސަން ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރު އެވެ. މި ރަދުން ރަސްކަން ކުރެއްވީ 1779 އިން 1799 އަށެވެ.