Roadha Mihaaru
ކަޅުވަކަރު މިސްކިތް ބަހައްޓައި ދޭނެ ބަޔަކު އަލުން ހޯދަނީ

ކަޅުވަކަރު މިސްކިތް ބަހައްޓައި ދޭނެ ބަޔަކު އަލުން ހޯދަނީ

09 މެއި 2019

ތާރީހީ ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އަލުން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ތާރީހީ ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އަލުން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ އަލުން އެކަމަށް ފުރުސަތު ހުޅުވައިލީ މިދިޔަ މަހުގެ 8 ގައި ފުރުސަތު ހުޅުވާލައި އެ މަހުގެ 22 އަށް ސުންގަޑި ހަމަވި އިރު، އެކަމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ ކަމަށެވެ. އެގޮތުން އަލުން ފުރުސަތު ހުޅުވައިލި އިރު، މިސްކިތް ބެހެއްޓުމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ފިނޭންސުން ބުންޏެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ކަޅުވަކަރު މިސްކިތް ބަހައްޓަން ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000ރ. ދައްކަން ޖެހޭނެ އެވެ. އަދި ބީލަމުގައި ބައިވެރިވާން 500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

ބިޑް ހުޅުވުން އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.

ކުރިން ސަލްޓަން ޕާކްގައި ހުރި ކަޅުވަކަރު މިސްކިތް ކުރީގެ ރައީސް އަބްދﷲ ޔާމީނުގެ ވެރިކަމުގައި ރޫޅާލައި މާލެ ނޫން ތަނަކަށް އެ މިސްކިތް ބަދަލު ކުރަން އުޅުނު ނަމަވެސް، އެ މިސްކިތް އަލުން ރާވައި މާލޭގައި ބެހެއްޓުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދެކެވެ.

ކަޅުވަކަރު މިސްކިތް މިހާރު ބަހައްޓަން ނިންމާފައި ވަނީ ކުރިން ދިރާގުގެ ހެޑް އޮފީސް ހިންގި ބިމުގަ އެވެ. ހެރިޓޭޖް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަށް ފަހު އެ މިސްކިތް ބޭނުން ކުރާނީ ނަމާދު ގެއެއްގެ ގޮތުގަ އެވެ.