Roadha Mihaaru
ރޮނާލްޑޯއާ އެކު ޔުވެންޓަސްގައި ކުޅެން ބޭނުންވި: ބުފޮން

ރޮނާލްޑޯއާ އެކު ޔުވެންޓަސްގައި ކުޅެން ބޭނުންވި: ބުފޮން

18 ޖެނުއަރީ 2019

ޕެރިސް (ޖެނުއަރީ 18) - ޔުވެންޓަސްގައި ހުރިއިރު އޭނާ އެންމެ ބޭނުންވި ކަމަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކުގައި އެ ޓީމަށް ކުޅެން ކަމަށް މިހާރު ޕީއެސްޖީ އަށް ކުޅެމުން އަންނަ އިޓަލީގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (ޖެނުއަރީ 18) - ޔުވެންޓަސްގައި ހުރިއިރު އޭނާ އެންމެ ބޭނުންވި ކަމަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކުގައި އެ ޓީމަށް ކުޅެން ކަމަށް މިހާރު ޕީއެސްޖީ އަށް ކުޅެމުން އަންނަ އިޓަލީގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ބުނެފި އެވެ.

ޕާމާ އިން 1995 ވަނަ އަހަރު ކެރިއަރު ފެށި ބުފޮން 2001 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް އަގަކަށް ޔުވެންޓަސް އަށް ބަދަލުވީ ޕާމާ އެކު ޔުއެފާ ކަޕާއި އިޓާލިއަން ކަޕް ކާމިޔާބުކުރުމަށް ފަހު އެވެ. ސަތާރަ އަހަރު ޔުވެންޓަސް އަށް ކުޅުނު ބުފޮން ވަނީ އެ ޓީމުގައި ހުރެ ގިނަ ތަރިންނާ އެކުގައި ކުޅެފަ އެވެ.

ބްރެޒިލްގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ބުފޮން ބުނީ އޭނާ އަބަދުވެސް އެންމެ ބޮޑަށް ބޭނުންވަނީ ތަރިންނާ އެއް ޓީމަކަށް ކުޅުމަށް ކަމަށެވެ.

"އަހަރެން އަބަދުވެސް ބޭނުންވޭ ތަރިން ހިމެނޭ ޓީމަކަށް ކުޅެން. އެގޮތަށް އަހަރެން ވަރަށް ބޭނުންވި ކްރިސްޓިއާނޯ (ރޮނާލްޑޯ)އާ އެއް ޓީމަކަށް ކުޅެން. އޭނާ އަކީ ޕްރޮފެޝަނަލް ވަރަށް މުހިއްމު އެތުލީޓެއް. ކާމިޔާބު ހޯދަން ހުރިހާ ފޯކަސްއެއް ބަހައްޓާ ކުޅުންތެރިއެއް،" ބުފޮން ބުންޏެވެ.

"އަހަރެންގެ ކެރިއަރުގައި ވަރަށް ގިނަ ތަރިންނާ އެއް ޓީމަކަށް ކުޅެފިން. ޔަގީނުން ވެސް ހުރިހާ ތަރިންނާ އެއް ޓީމެއްގައި ނުކުޅެވޭނެ. އެކަން ކުރަން ޖެހޭނީ އަބަދު ޓީމު ބަދަލުކުރަން."

ބުފޮން ޕީއެސްޖީއާ ގުޅުނުތާ މާ ގިނަ ދުވަސްތަކެއް ނުވެ ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް ސޮއިކޮށްފަ އެވެ. ޔުވެންޓަސް އިން ރޮނާލްޑޯ ގެނައުން އަވަސްކުރިނަމަ ބުފޮން އެ ކްލަބް ދޫކޮށްލުމާ މެދު ދެ ވަނަ ވިސްނުމަކަށް ދާން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

އުމުރުން 40 އަހަރުގެ ބުފޮން މިދިޔަ ސީޒަނަށް ފަހު ކުޅުން ހުއްޓާލާނެ ކަމަށް ބެލެވިފައިވަނިކޮށް އޭނާ ޕީއެސްޖީއާ ގުޅެން ނިންމީ އެ ޓީމުގެ ޕްރޮޖެކްޓާ މެދު ހިތްހަމަޖެހުމުންނެވެ. ޕީއެސްޖީން އަމާޒުހިފާފައިވަނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށެވެ. ޗެމްޕިއަންސް ލީގަކީ ބުފޮން އަށް ނުލިބި އޮތް ހަމައެކަނި ބޮޑު މުބާރާތެވެ.

ބުފޮން ދެކޭގޮތުގައި ޕީއެސްޖީގައި ތިބި ކިލިއަން އެމްބާޕޭ އާއި ނޭމާ އަކީ މުސްތަގުބަލުގެ ތަރިންނެވެ. އަދި އޭގެތެރެއިން ނޭމާ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދޭނެ ފެންވަރުގެ ކުޅުންތެރިއެއް ކަމަށް ބުފޮން ގަބޫލުކުރެ އެވެ.

"އެމްބާޕޭ އާއި ނޭމާ އަކީ ރޮނާލްޑޯ އާއި މެސީ އަދި ގްރީޒްމަންއާ އެކު އެންމެ މަތީ ފަންތީގެ ކުޅުންތެރިން. އަހަރެން މި ޓީމަށް ބަދަލުވެ ހާސިލްކުރަން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ނޭމާ އަށް ބެލޮންޑިއޯ ހޯދައިދޭން އެހީތެރިވެދޭން. އޭނާ އަށް ދެ ފަހަރު ބެލޮންޑިއޯ ހޯދިދާނެ. އެކަމަށް އޭނާ ޖެހޭނީ ވިސްނުންތެރިކަމާ އެކު މަސައްކަތްކުރަން،" އިޓަލީ އަށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ބުފޮން ބުންޏެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގަކީ ޕީއެސްޖީގެ އެންމެ ބޮޑު ޓާގެޓް ކަމަށްވާއިރު، ދެ ވަނަ ބުރުގައި ޕީއެސްޖީ ނުކުންނާނީ ފަހަކަށް އައިސް ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.