Roadha Mihaaru
ކައިވެނި ހަފުލާގައި ބޮން ގޮއްވީ 14 އަހަރުގެ ކުއްޖެއް

ތުރުކީގެ ކައިވެނި ހަފުލާގައި ބޮން ގޮއްވާލީ 14 އަހަރުގެ ކުއްޖެއް

22 އޯގަސްޓް 2016

އަންކާރާ (އޮގަސްޓް 22) - ސީރިއާގެ ސަރަހައްދީ ރޮނގާ ކައިރީގައި އޮންނަ ތުރުކީގެ ސިޓީއެއް ކަމަށްވާ ގަޒިއަންޓެޕްގައި ޖާނުންފިދާވެގެން ބޮމުގެ ހަމަލާ ދިނީ 12-14 އަހަރުގެ ކުޑަ ކުއްޖެއް ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކާރާ (އޮގަސްޓް 22) - ސީރިއާގެ ސަރަހައްދީ ރޮނގާ ކައިރީގައި އޮންނަ ތުރުކީގެ ސިޓީއެއް ކަމަށްވާ ގަޒިއަންޓެޕްގައި ޖާނުންފިދާވެގެން ބޮމުގެ ހަމަލާ ދިނީ 12-14 އަހަރުގެ ކުޑަ ކުއްޖެއް ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އުރުދުޣާން ވިދާޅުވީ 51 މީހުން މަރުވި މި ބޮމުގެ ހަމަލާ ދީފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަމަށެވެ. އަދި އައިއެސްގެ ބާރު އޮންނަ ގަޒިއަންޓެޕުގެ ކުރުދީ ކައިވެނި ޕާޓީ އަށް ދިން ހަމަލާގައި ވަނީ 69 މީހުން ޒަޚަމްވެފަ އެވެ. ޒަޚަމްވި މީހުންގެ ތެރޭން 17 މީހެއްގެ ހާލު ސީރިއަސް އެވެ.

ބޮމުގެ ހަމަލާ އަމާޒުކޮށްފައި ވަނީ ކައިވެނި ޕާޓީގައި ބައިވެރިވި މެހުމާނުންނަށެވެ. ބޮން ގޮއްވާލާފައި ވަނީ ޕާޓީގައި ބައިވެރިވި މީހުން މަގުމަތީގައި ނަށަން ތިއްބަ އެވެ.

ބޮމުގެ ހަމަލާ އަށް ފަހު ގަޒިއަންޓެޕުގެ މަގުތަކަށް ގިނަ ބަޔަކު ވަނީ ޖަމާވެފައި.

ބޮމުގެ ހަމަލާ އަށް ފަހު ގަޒިއަންޓެޕުގެ މަގުތަކަށް ގިނަ ބަޔަކު ވަނީ ޖަމާވެފައި.

ގަޒިއަންޓެޕުގައި ބޮން ގޮއްވާލި އިރު ތުރުކީގެ ބޮޑު ވަޒީރު ވަނީ ސީރިއާގައި ތުރުކީން ކުރިއަށް ވުރެ މުހިންމު ރޯލެއް އަދާކުރާނެ ކަމަށެވެ. ބައެއް ފަރާތްތަކުން ބުނަނީ މި ބޮމުގެ ހަމަލާ ދިނީ އައިއެސް އިން ކަމަށްވާ ނަމަ އެއީ ތުރުކީ އަށް އައިއެސް އިން ދިން އިންޒާރެއް ކަމަށެވެ.

ތުރުކީގެ ދޮގާން ނިއުސް އެޖެންސީން ބުނީ ކައިވެނިކުރި ދެމަފިރިން ގަޒިއަންޓެޕަށް ދިޔައީ ކުރުދީ ޓައުނެއް ކަމަށްވާ ސިރްތުންނެވެ. އެއީ އެ ސަރަހައްދުގެ ހަނގުރާމައިން ސަލާމަތްވުމަށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބޮމުގެ ހަމަލާގައި ވަނީ އެ ދެމަފިރިން ސަލާމަތްވެފަ އެވެ.

އައިއެސް އިން ވަނީ ތުރުކީގައި މީގެ ކުރިން ވެސް ވަރަށް ގިނަ ހަމަލާތައް ދީފަ އެވެ. ޖޫން 29 ގައި އިސްތަންބޫލްގެ އަތާތުރުކް އެއާޕޯޓަށް ދިން ހަމަލާގައި ވަނީ 41 މީހުން މަރާލައިފަ އެވެ. މި ހަމަލާގެ ޒިންމާ ވަނީ އައިއެސް އިން އުފުލައިފަ އެވެ.