Roadha Mihaaru
އިސްތަންބޫލްގައި ބޮމެއް ގޮއްވާލައި 6 މީހުން މަރާލައިފި

އިސްތަންބޫލްގައި ބޮމެއް ގޮއްވާލައި 6 މީހުން މަރާލައިފި

14 ނޮވެމްބަރ 2022

ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި އިއްޔެ ދިން ބޮމުގެ ހަމަލާއެއްގައި މަދުވެގެން ހަ މީހަކު މަރުވެ އިތުރު 81 މީހަކު ޒަޚަމްވެއްޖެ އެވެ.

ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި އިއްޔެ ދިން ބޮމުގެ ހަމަލާއެއްގައި މަދުވެގެން ހަ މީހަކު މަރުވެ އިތުރު 81 މީހަކު ޒަޚަމްވެއްޖެ އެވެ.

އިސްތަންބޫލްގެ ގަވަރުނަރު އަލީ ޔެރްލިކަޔާ ވިދާޅުވި ގޮތުގައި އެ ސަހަރުގެ މެދުތެރޭގައި އޮންނަ ތަކްސިމް މައިދާނު ސަރަހައްދުގެ މަގެއްގައި އިއްޔެ ހަވީރު 4:20 ހާއިރު ބޮމެއް ކަމަށް ބެލެވޭ އެއްޗެއް ގޮއްވައިލީ އަންހެނެއް ކަމަށް ތުހުމަތުކުރެވެ އެވެ. ގިނަ އަދަދެއްގެ ފިހާރަތައް ހުންނަ އެ މަގު (އިސްތިގްލާލް ސްޓްރީޓް)ގައި ބޮން ގޮއްވައިލި ވަގުތު ވެސް އެ މަގުގައި ގިނަ އަދަދެއްގެ ބަޔަކު ފައިމަގުގައި އުޅުނެވެ.

ބާރު ގަދަ އަޑަކާ އެކު އެއްޗެއް ގޮވުމާއެކު، އަލިފާނުގެ ހުޅުގަނޑެއް ފަޅައިގެން ދިޔަ އެވެ. އެއާއެކު، އެ މަގުގައި އުޅުނު މީހުންތައް ރޮމުން އެކި ކޮޅުކޮޅަށް ދުވެ ރައްކާތެރިކަން ހޯދަން މަސައްކަތް ކުރި އެވެ. އިސާހިތަކު ފުލުހުން އައިސް އެ މަގު ބަންދުކޮށް، އެމްބިއުލާންސްތައް ގެނެސް މަރުވި މީހުންނާއި ޒަޚަމްވި މީހުންތައް ހޮސްޕިޓަލަށް ގެންދަން ފެށި އެވެ.

އެ ހާދިސާ އަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވީ އިސްތަންބޫލުގައި މި ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ހޯއްދަވައި އެމީހުންނަށް ހައްގު އަދަބު ދެއްވާނެ ކަމަށެވެ.

ތުރުކީގެ ޖަސްޓިސް މިނިސްޓަރު ބަކުރު ބުޒްދާގް ވިދާޅުވި ގޮތުގައި ބޮން ގޮއްވައިލި ތަނުގައި ހުރި ދިގު ގޮނޑިއެއްގައި ސާޅީހަކަށް މިނެޓް ވަންދެން އަންހެނަކު އިށީނދެގެން އިން މަންޒަރު ސީސީޓީވީ އަށް ރެކޯޑްކުރެވިފައި ހުރި މަންޒަރުތަކުން ފެނެ އެވެ. އެ ދިގު ގޮނޑި ހުރި ތަނުން ބާރު ގަދަ އެއްޗެއް ގޮވަނީ، އެ ގޮނޑީގައި އިށީނދެގެން އިން އަންހެން މީހާ އެ ތަނުން ތެދުވެގެން ދިޔަތާ މާ ގިނައިރުތަކެއް ނުވަނީހެވެ.

ތުރުކީ ފުލުހުން ތުހުމަތުކުރާ ގޮތުގައި، އެ ތަނުގައި ގޮވީ އެ ގޮނޑީގައި އިނދެފައި ތެދުވެގެން ދިޔަ މީހާ އެ ތަނުގައި ބާއްވާފައި ދިޔަ ދަބަހެއް ނުވަތަ ޕްލާސްޓިކް ކޮތަޅެއްގައި އޮތް އެއްޗެކެވެ. އެހެންކަމުން ސީސީޓީވީ މަންޒަރުތަކުގެ އެހީގައި އެއީ ކާކުކަން ދެނެގަތުމަށް ފަހު މިހާރު އެ އަންހެން މީހާ ހައްޔަރުކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

އެއްވެސް ޖަމާއަތަކުން ނުވަތަ ގުރޫޕަކުން ވެސް، މި ހަމަލާގެ ޒިންމާ މިހާތަނަށް ނުއުފުލަ އެވެ. ތުރުކީ ވިލާތުގެ އެކި ސަރަހައްދުތަކުގައި 2015 ވަނަ އަހަރާއި 2017 ވަނަ އަހަރާ ދެމެދުގެ ދުވަސްވަރު، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިންނާއި، ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) ގެ ހަނގުރާމަވެރިން، ޓެރަރިސްޓް ހަމަލާތަކެއް ދީފައިވެ އެވެ.

ތުރުކީ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި އިއްޔެގެ ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ އަންހެން މީހާއަކީ، ޕީކޭކޭގެ މެމްބަރެކެވެ. ތުރުކީގެ ޖަސްޓިސް މިނިސްޓަރު ވިދާޅުވާ ގޮތުގައި އިސްތިގުލާލް ސްޓްރީޓްގައި ގޮއްވައިލި އެތި ރައްކާކޮށްފައި އޮތީ، އެ ތަނުގައި ހުރި ގޮނޑީގައި އިށީނދެ އިން އަންހެން މީހާ ގެންގުޅުނު ދަބަސް ނުވަތަ ޕްލާސްޓިކް ކޮތަޅުގެ ތެރޭގަ އެވެ.

ނޮވެމްބަރ 13، 2022؛ ތުރުކީ ވިލާތުގެ އިސްތަންބޯލްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން، އެ ސަރަހައްދުގައި ތިބި މީހުން އެކަކު އަނެކަކަށް އެހީތެރިވެދެނީ. --އޭއެފްޕީ

ނޮވެމްބަރ 13، 2022؛ ތުރުކީ ވިލާތުގެ އިސްތަންބޯލްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން، އެ ސަރަހައްދުގައި ތިބި މީހުން އެކަކު އަނެކަކަށް އެހީތެރިވެދެނީ. --އޭއެފްޕީ

އެ ގޮނޑި ކައިރީގައި އެ ދަބަސް ބާއްވާފައި އަންހެން މީހާ އެ ތަނުން ތެދުވެގެން ދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ އެއްޗެއް ގޮވީ، ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް އެ ބޮން ތައްޔާރުކޮށްފައި އޮތުމުން ކަމަށް ބެލެވެ އެވެ. ނުވަތަ އަނެއް ގޮތަކީ، އަންހެން މީހާ އެ ތަނުން ތެދުވެގެން ދިއުމުން، ދުރުގައި ހުރި މީހަކު ރިމޯޓެއް ބޭނުންކޮށްގެން އެ ދަބަސް ގޮއްވައިލުން ކަމަށް، ތުރުކީގެ ޖަސްޓިސް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޮން ގޮއްވައިލުމުގައި އެ އަންހެން މީހާގެ އިތުރުން ދެ ޒުވާން ފިރިހެނަކު ވެސް ބައިވެރިވާ ކަމަށް ތުހުމަތުކުރެވެ އެވެ. އެ ދެ ޒުވާނުންނަކީ ވެސް، 22 އަހަރުން ދަށުގެ ދެ ޒުވާނުން ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.