Roadha Mihaaru
ޕާކިސްތާނުގެ މިސްކިތެއް ގޮއްވާލައި ބަޔަކު މަރާލައިފި

ޕާކިސްތާނުގެ މިސްކިތެއް ގޮއްވާލައި ގިނަ ބަޔަކު މަރާލައިފި

30 ޖެނުއަރީ 2023

ޕާކިސްތާނުގެ ހުޅަނގުއުތުރު ސަރަހައްދެއް ކަމަށްވާ ޕިޝާވަރުގައި ހުންނަ ފުލުހުންގެ މައި މަރުކަޒުގެ ތެރޭގައި ހުރި މިސްކިތެއްގައި މިއަދު މެންދުރު ބޮމުގެ ހަމަލާއެއް ދީ ގިނަ ބަޔަކު މަރާލައި އިތުރު އެތައް ބަޔަކު ޒަޚަމްކޮށްލައިފި އެވެ.

ޕާކިސްތާނުގެ ހުޅަނގުއުތުރު ސަރަހައްދެއް ކަމަށްވާ ޕިޝާވަރުގައި ހުންނަ ފުލުހުންގެ މައި މަރުކަޒުގެ ތެރޭގައި ހުރި މިސްކިތެއްގައި މިއަދު މެންދުރު ބޮމުގެ ހަމަލާއެއް ދީ ގިނަ ބަޔަކު މަރާލައި އިތުރު އެތައް ބަޔަކު ޒަޚަމްކޮށްލައިފި އެވެ.

މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު، މަދުވެގެން 20 މީހަކު މަރުވިކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އޭގެ އިތުރުން 80 އަށް ވުރެ ގިނަ މީހުން ޒަޚަމްވި ކަމަށް ވެސް ޕާކިސްތާނުގެ ނޫސްތަކުން ބުނެ އެވެ.

އެ ސަރަހައްދުގެ ފުލުހުންގެ އިސް އޮފިސަރަކު އަލްޖަޒީރާ އަށް ވިދާޅުވި ގޮތުގައި މިސްކިތުގެ އެތެރޭގައި ބާރު ގަދަ ބޮމެއް ގޮއްވައިލީ، މެންދުރު ނަމާދަށް ގިނަ އަދަދެއްގެ ބަޔަކު މިސްކިތަށް ވަދެ ތިއްބަ އެވެ. ޖަމާއަތުގައި ނަމާދުކުރަމުން ދަނިކޮށް ބޮން ގޮއްވައިލުމާ އެކު، މިސްކިތުގެ އެއް ބަޔާއި ފުރާޅުން ބައެއް ވެއްޓިފައިވާ އިރު، ވެއްޓުނުގެ ބައިގެ އަޑީގައި ގިނަ އަދަދެއްގެ ބަޔަކު ވާނެ ކަމަށް ބެލެވެ އެވެ.

އަފްޣާނިސްތާނުގެ ސަރަހައްދީ ރޮނގާ ކައިރީގައި ހުރި މި މިސްކިތުގައި ބޮން ގޮއްވައިލީ ކޮން ބައެއްކަމެއް އަދި ނޭނގެ އެވެ. ބޮން ގޮއްވައިލުމާއެކު، ފުލުހުން ވަނީ އެ ސަރަހައްދު ވަށައިގެން ބަންދުކޮށް، އެއްވެސް މީހަކު އެ ސަރަހައްދަށް ވަދެ ނުކުތުން މަނާކޮށްފަ އެވެ.

އެ ސަރަހައްދުގެ ހޮސްޕިޓަލުންނާއި ފުލުހުންގެ އިދާރާ އިން ބުނި ގޮތުގައި މަރުވެފައިވާ އެތައް ބައެއްގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އޭގެ އިތުރުން، ޒަޚަމްވެފައިވާ 80 އަށް ވުރެ ގިނަ މީހުންނަށް މިހާރު ފަރުވާ ދެމުން އަންނަ ކަމަށް، އެ ސަރަހައްދުގައި ހުރި ލޭޑީ ރީޑިން ހޮސްޕިޓަލުގެ ތަރުޖަމާނު މުހައްމަދު އާސިމް ވިދާޅުވި އެވެ.

މަރުވި މީހުންގެ އަދަދު މިހާތަނަށް މުޅިން ކަށަވަރު ނުވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު، 20 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި ވެއްޓިފައިވާ ބައިތައް ސާފުކުރަމުން ދާއިރު، މަރުވެފައިވާ އިތުރު ބަޔަކު ފެނުމުގެ ފުރުސަތު ބޮޑުކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި މި ހަމަލާ އަމާޒުވި މިސްކިތަކީ، އަފްޣާނިސްތާނާއި ޕާކިސްތާނު ގުޅޭ ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންތައް ބަލަހައްޓާ ސިފައިންނާއި ފުލުހުންނަށް ޚާއްސަކޮށްފައިވާ މިސްކިތެކެވެ. އެހެންކަމުން، މި ހަމަލާ ދިން އިރު، މިއަދުގެ މެންދުރު ނަމާދުގެ ޖަމާއަތުގައި ވެސް ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންގެ އިތުރުން ކޮންމެވެސް އަދަދަކަށް އާންމުން ވެސް ބައިވެރިވި އެވެ.

މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު، މި ހަމަލާ ދިނީ މިސްކިތުގެ އެތެރޭގައި ބޮމެއް ހަރުކޮށްގެން ކަމެއް ނުވަތަ މިއީ މީހަކު އޭނާގެ ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެން ދިން ޖާނުން ފިދާވުމުގެ ހަމަލާއެއް ކަމެއް މުޅިން ޔަގީނެއް ނުވެއެވެ. ނަމަވެސް ބައެއް ޚަބަރުތައް ބުނާ ގޮތުން މި ހަމަލާ ދިނީ ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެން ހުރި މީހަކު ޖާނުން ފިދާވެގެންނެވެ. އެމީހާ މިސްކިތުގައި ނަމާދަށް ހުރީ ވެސް އެންމެ ކުރީ ސަފުގައި ކަމަށް ބައެއް ރިޕޯޓްތައް ބުނި ނަމަވެސް، ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް އެކަން ކަށަވަރެއް ނުކޮށްދެ އެވެ.

މި ހަމަލާ ދިނުމާ ގުޅިގެން، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންވަނީ އެ ހަމަލާ ކުށްވެރި ކުރައްވައިފަ އެވެ. އަދި މިފަދަ ހަމަލާތައް ހުއްޓުވުމަށްޓަކައި ޖާސޫސީ އިދާރާތައް މިހާރަށް ވުރެ ރަނގަޅަށް ހަރަކާތްތެރިވުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ.

މިދިޔަ އަހަރު ވެސް ޕިޝާވަރުގައި މިފަދަ ހަމަލާއެއް ދީ 63 މީހަކު މަރައިލި އެވެ. ޕިޝާވަރުގައި ހުންނަ ޝީއީންގެ އެ މިސްކިތަށް ދިން ހަމަލާގައި މަރުވި އެންމެންނަކީ ވެސް ޝީއީ މަޒްހަބުގެ މީހުންނެވެ.