Roadha Mihaaru
ބޮމުގެ ހަމަލާ: އިސްހާގާއި ފަހުމީގެ ބަންދަށް 30ދުވަސް

ނަޝީދަށް ދިން ހަމަލާ: އިސްހާގާއި ފަހުމީ ތިބީ 30 ދުވަހުގެ ބަންދެއްގައި

26 ޖުލައި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ އިސްހާގާއި ފަހުމީ އަލީ ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު 30 ދުވަސް ދީފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ އިސްހާގާއި ފަހުމީ އަލީ ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު 30 ދުވަސް ދީފި އެވެ.

މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ ބަންދަށް މިދިޔަ ބުރާސްފަތި ދުވަހު 30 ދުވަސް ޖަހައިފި އެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ މ. އުދެހިގޭ އިސްހާގަކީ ހަމަލާ ރާވައި ހިންގުމުގައި އިސް ދައުރެއް އަދާކުރި އެކަކު ކަމަށެވެ. އަދި ނަޝީދު އަވަހާރަ ކޮށްލަން ބޮން ގޮއްވައިލި އަދުހަމް އަހުމަދު ރަޝީދު ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކީ ވެސް އިސްހާގް ކަމަށް ފުލުހުން ބުނެފައިވެ އެވެ. ހަމަލާގެ އެންމެ އިސް ތިން މީހުންގެ ތެރޭގައި އިސްހާގު ހިމެނޭއިރު ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަކީ ވެސް ހަމަލާގައި އެކި ދައުރު އަދާކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އިސްހާގާއި ފަހުމީ އިތުރު 30 ދުވަހުގެ ބަންދެއްގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިނީ ކުރިން ދިން ބަންދުގެ މުއްދަތު ހަމަވާތީ ބުރާސްފަތި ދުވަހު އެ ކޯޓަށް ގެންދިއުމުންނެވެ. އެ މީހުންގެ ބަންދަށް އެންމެ ފަހުން މި ދިން 30 ދުވަސް ހަމަވާނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ.

މި ހަމަލާއާ ގުޅިގެން 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށެވެ.

މި މައްސަލައިގެ ތުހުމަތުގައި އަދިވެސް ހައްޔަރުކޮށްގެން ތަހުގީގު ކުރިއަށް ގެންދަނީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމާއި އިސްހާގާއި ފަހުމީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމްގެ އިތުރުން ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކުގެ އެވެ.

މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އަދުހަމް، މުޖާޒް އަދި ތަހުމީން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އަދި އެ ދުވަހު ހައިޝަމް 30 ދުވަހަށް ބަންދު ކުރަން ނިންމާފައިވެ އެވެ.

އިސްހާގުގެ އިތުރުން، ހަމަލާ ދިނުމުގައި އިސްކޮށް އުޅުނީ ހައިޝަމާއި ތަސްލީމް ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނި ގޮތުގައި ހައިޝަމަކީ ސައިކަލުގައި ބޮން ހަރުކުރި މީހާ އެވެ. އަދި ތަސްލީމަކީ، ނަޝީދު އަވަހާރަ ކޮށްލަން އިރުޝާދުދީ އެއީ ކުރަންޖެހޭ ކަމަށް ވިސްނައިދިން، ހަމަލާގެ އެންމެ އިސް މީހާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި ހިމެނޭ ދެ މީހަކު ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދަން ހުށަހަޅައިފަ އެވެ. އެއީ ކޮން ބައެއް ކަމެއް މިހާތަނަށް ނުބުނި ނަމަވެސް، އެނގިފައިވާ ގޮތުގައި އިއުތިރާފުވި މީހުންގެ ތެރޭގައި ހަމަލާ ދިން އަދުހަމް ހިމެނެ އެވެ.