Roadha Mihaaru
ނަޝީދަށް ހަމަލާދިން އަދުހަމްގެ މުޅި ޝަރީއަތް ސިއްރު

ނަޝީދަށް ހަމަލާދިން ކަމަށް އެއްބަސްވި އަދުހަމްގެ މުޅި ޝަރީއަތް ސިއްރުކުރަން ނިންމައިފި

25 ސެޕްޓެމްބަރ 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލި ކަމަށް އެއްބަސްވެފައިވާ އަދުހަމް އަހްމަދު ރަޝީދުގެ ޝަރީއަތުގެ ބާކީ އޮތް ބައިތައް ސިއްރުކުރަން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލި ކަމަށް އެއްބަސްވެފައިވާ އަދުހަމް އަހްމަދު ރަޝީދުގެ ޝަރީއަތުގެ ބާކީ އޮތް ބައިތައް ސިއްރުކުރަން ނިންމައިފި އެވެ.

އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން އަދުހަމަށް ދައުވާތައް އިއްވުމުން އޭނާ ވަނީ، ދައުލަތާ އެކު ވެފައިވާ އިއުތިރާފް އެއްބަސްވުމާ އެއްގޮތަށް، ދައުވާތަކަށް އިއުތިރާފުވެފަ އެވެ. އޭގެ ފަހުން "ހައެއް މެއި" އޭ ކިޔާފައި އިތުރު ވާހަކަ ދައްކަން ފެށުމާ އެކު ފަނޑިޔާރުންގެ ބެންޗުން އަދުހަމް ހުއްޓުވީ އެވެ. އަދި އޭނާގެ ވާހަކަތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަން ހުރެދާނެ ކަމަށް ނިންމައި އަޑުއެހުމުގެ އެ ބައި ސިއްރުކޮށް، ނޫސްވެރިން ޝަރީއަތުގެ މަޖިލީހުން ނެރުނެވެ.

އެ ދުވަހު، އަދުހަމް އެ ވާހަކަތައް ދައްކައި ނިމުމުން އަޑުއެހުމުގެ ބާކީ ބަޔަށް ނޫސްވެރިން ވައްދާނެ ކަމަށް ބެންޗުގެ ރިޔާސަތުގައި އިންނަވާ ގާޒީ އާދަމް މުހައްމަދު ވިދާޅުވި ނަމަވެސް، އަޑުއެހުން ނިމިގެން ދިޔަ އިރު ވެސް ނޫސްވެރިން ނުވައްދަ އެވެ.

ނަމަވެސް ފަހުން ވަނީ އަދުހަމްގެ މުޅި ޝަރީއަތް ސިއްރުކުރަން ނިންމާފައިކަން މިއަދު ޕީޖީ އޮފީހުން ކަށަވަރުކޮށްދިނެވެ. އެ އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، އަޑުއެހުންތައް ސިއްރު ކުރަން ޝަރީއަތުން ނިންމީ އަދުހަމްގެ ފަރާތުން އެކަމަށް އެދުމުން ކަމަށެވެ.

މިގޮތަށް ނިންމި ނަމަވެސް އަދުހަމަށް ހުކުމް ކުރުމަށް ބާއްވާ މަޖިލިސް ސިއްރު ކުރާނެ ކަމެއް އަދި ކަށަވަރެއް ނޫނެވެ.

އެނގިފައިވާ ގޮތުގައި އަންގާރަ ދުވަހުގެ އަޑުއެހުން ސިއްރު ކުރި ފަހުން އަދުހަމް ވަނީ ހަމަލާ ދިން ގޮތާއި ތުހުމަތު ކުރެވޭ މީހުން އެކަމުގައި ބައިވެރިވާ ގޮތް ޝަރީއަތުގެ މަޖިލީހުގައި ކިޔައިދީފަ އެވެ.

ދެން މި މައްސަލައިގައި އޮންނާނީ އަދުހަމްގެ އިއުތިރާފު އެއްބަސްވުމާ މެދު ޝަރީއަތުން ގޮތެއް ނިންމުމެވެ. ގާނޫނުގައި އޮންނަ ގޮތުން އިއުތިރާފު އެއްބަސްވުމެއް ހަދައިފި ނަމަ ޝަރީއަތުން ބަލައިގަތުން ނޫން ގޮތެއް ނޯވެ އެވެ.

އަދުހަމް ކުށަށް އިއުތިރާފުވެ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް އޭނާގެ ކުށްތަކުގެ އަދަބަކަށް އެއްބަސްވެފައި ވަނީ 23 އަހަރަށް ޖަލަށް ލުމަށެވެ. އިއުތިރާފު އެއްބަސްވުން ނުހަދައި ކުށް ސާބިތުވެއްޖެ ނަމަ އޭނާއަށް އަންނާނީ 37 އަހަރުގެ ހުކުމެކެވެ.

އަދުހަމްގެ ޝަރީއަތް ސިއްރު ކޮށްފައިވާއިރު، ހަމަލާ ދިނުމުގައި އެންމެ އިސް ދައުރެއް އަދާ ކުރި އަދި ބޮން ހަރުކުރުމުން ސައިކަލު މާލެ ގެންގޮސް ޕާކް ކުރި ކަމަށް ދައުލަތުން ތުހުމަތު ކުރާ މ. ކުދެހިގެ، އިސްހާގުގެ ޝަރީއަތް ސިއްރު ކުރަން އޭނާގެ ފަރާތުން ވަނީ އެދިފަ އެވެ. އެކަމާ މެދު ބެންޗުން އަދި ގޮތެއް ނުނިންމަ އެވެ. އޭނާގެ ޝަރީއަތް ސިއްރު ކޮށްފި ނަމަ، ދައުވާ ލިބޭ އެހެން ފަރާތްތަކަށް ވެސް މައްސަލަ ސިއްރު ކުރަން ފުރުސަތު ލިބި މުޅި ހަމަލާގެ ޝަރީއަތް ސިއްރު ވުމުގެ ފުރުސަތު އެބަ އޮތެވެ.

އަދުހަމާއި އިސްހާގުގެ އިތުރުން ދެން ދައުވާ ކޮށްފައި ވަނީ ތަހުމީން އަހުމަދު، މުޖާޒު އަހުމަދު، އަލީ ހައިޝަމް، ފަހުމީ އަލީ އަދި މުހައްމަދު ނާޒިމުގެ މައްޗަށެވެ. މީގެ ތެރެއިން ތަހުމީނާއި މުޖާޒުގެ މައްޗަށް އަންގާރަ ދުވަހު ދައުވާތައް އިއްވުމުން އެ ދެ މީހުން ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އެ މީހުން ބުނީ ދައުވާތަކުގައި ބުނާ ކަންކަން ނުވެސް އެނގޭ ކަމަށެވެ.

މި މީހުންގެ މައްސަލަ ބަލާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އާދަމްގެ އިތުރުން ފަނޑިޔާރު މުހައްމަދު މިސްބާހް އަދި ފަނޑިޔާރު ސޮފްވަތު ހަބީބެވެ.