Roadha Mihaaru

ނަޝީދަށް ހަމަލާ ދިން އަދުހަމް ދައުވާތަކަށް ކޯޓުގައި އެއްބަސްވެއްޖެ

21 ސެޕްޓެމްބަރ 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލި އަދުހަމް އަހްމަދަށް އެ މައްސަލާގައި ކުރާ ދައުވާތަކުގެ ޝަރީއަތް މިއަދު ފެށުމާ އެކު ދައުވާތަކަށް އިއުތިރާފް ވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލި އަދުހަމް އަހްމަދަށް އެ މައްސަލާގައި ކުރާ ދައުވާތަކުގެ ޝަރީއަތް މިއަދު ފެށުމާ އެކު ދައުވާތަކަށް އިއުތިރާފް ވެއްޖެ އެވެ.

އޭނާ މިގޮތަށް އެއްބަސް ވެފައި ވަނީ ދައުލަތާ އެކު އިއުތިރާފް އެއްބަސްވުމެއް ހަދައި އޭގައިވާ ގޮތަށެވެ. އަދުހަމް ކުށަށް އިއުތިރާފުވެ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް އޭނާގެ ކުށްތަކުގެ އަދަބަކަށް އެއްބަސްވެފައި ވަނީ 23 އަހަރަށް ޖަލަށް ލުމަށެވެ.

އަދުހަމަށް ދައުލަތުން ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުން، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ އެވެ. މި ދައުވާތައް އޭނާއަށް ސާބިތުވެއްޖެ ނަމަ 37 އަހަރުގެ ހުކުމެއް އަންނާނެ އެވެ. އެކަމަކު ޖިނާއީ އިޖުރާއާތުގެ ގާނޫނުން ދޭ އިހްތިޔާރުގެ ދަށުން، ކުށަށް އިއުތިރާފުވެ ތަހުގީގަށް އެއްބާރުލުން ދިނުމުން އޭނާގެ އަށް 23 އަހަރުގެ ހުކުމަކަށް އެއްބަސްވީ އެވެ.

ކްރިމިނަލް ކޯޓުގައި އަދުހަމްގެ ޝަރީއަތް މިއަދު ވަކި ހިސާބަކަށް ކުރިއަށް ގެންދިއުމަށް ފަހު އަދުހަމާއި ދައުލަތުން ވެސް އެދިގެން ޝަރީއަތް ވަނީ ސިއްރުކޮށްފަ އެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ބައެއް މައުލޫމާތު ހާމަވާނެތީ ޝަރީއަތުގެ އެ ބައި ސިއްރުކުރިޔަސް އެ ވާހަަތައް ދައްކައި ނިމުމުން ނޫސްވެރިނަށް އެ ޝަރީއަތަށް ވަދެވޭނެ އެވެ.

މި މައްސަލަ ބަލަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އާދަމް މުހައްމަދު، ފަނޑިޔާރު މުހައްމަދު މިސްބާހް އަދި ފަނޑިޔާރު ސޮފްވަތު ހަބީބެވެ.

ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުންކޮށްގެން އެ އައިއީޑީ ގޮއްވާލީ އަދުހަމެވެ. އެކަމުގެ ސަބަބުން ނަޝީދަށް ބޮޑެތި ޒަހަމްތަކެއްވެ އެ ވަގުތު އެ ތަނުގައި ތިބި އެހެން ބައެއްގެ ފުރާނައަށް ވެސް ނުރައްކާވި އެވެ. ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އަދުހަމް ވަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސް އަށް ތާއީދުކުރާ ކަމަށް ތަހުގީގުގައި އެއްބަސްވެފަ އެވެ.

އަދުހަމްގެ އިތުރުން ހަ މީހަކަށް ވަނީ ނަޝީދަށް ހަމަލާ ދިން މައްސަލާގައި ދައުވާކޮށްފަ އެވެ. އެއީ މުޖާޒު އަހުމަދު، އަލީ ހައިޝަމް، އިސްހާގު، ފަހުމީ އަލީ އަދި މުހައްމަދު ނާޒިމެވެ. މި މީހުންގެ އިތުރުން އެހެން ބަޔަކަށް ވެސް މި މައްސަލާގައި ތުހުމަތުކޮށް ތަހުގީގު އަންނަނީ ހިންގަމުންނެވެ.