Roadha Mihaaru
ބޮމުގެ ހަމަލާ: އިތުރު ތިން މީހަކު ދައުވާއަށް އިންކާރު

ނަޝީދަށް ދިން ހަމަލާ: އިތުރު ތިން މީހަކު ވެސް ދައުވާއަށް އިންކާރު

20 އޮކްޓޯބަރ 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރާ އިތުރު ތިން މީހަކު ދައުވާއަށް މިއަދު އިންކާރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރާ އިތުރު ތިން މީހަކު ދައުވާއަށް މިއަދު އިންކާރުކޮށްފި އެވެ.

ސައިކަލެއްގައި ހަރުކުރި އައިއީޑީއެއް ގޮއްވާލައި، މިދިޔަ މެއި މަހު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާ ކުރަނީ ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރާ ވ. ތިނަދޫ ހިޔާ، އަދުހަމް ރަޝީދާއި އެކަމުގައި އެކި ގޮޮތްގޮތުން ކަމަށް ތުހުމަތު ކުރެވޭ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ. އޭގެ ތެރެއިން މުޖާޒާއި ތަހުމީން ކުރިން އޮތީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ދެން ތިބި މީހުންގެ ޝަރީއަތް ފެށީ މިއަދު އެވެ.

އިސްހާގުގެ މައްޗަށް ކުރަނީ ގޮވާތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއްގައިި ބައިވެރިވުމުގެ ދައުވާ އެވެ. ނާޒިމްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ފަހުމީ އާއި ހައިޝަމްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ ކުރާއިރު، ގޮވާތަކެތި އެހެން ތަނަކަށް ގެންދަން އެހީވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ ވެސް ހައިޝަމްގެ މައްޗަށް ކުރެ އެވެ.

ދައުވާތައް އިއްވުމުން ފަހުމީ އާއި ނާޒިމްގެ އިތުރުން ހައިޝަމް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އަދި އެފަދަ ކަމެއްގައި ބައިވެރިނުވާ ކަމަށް އެ ތިން މީހުންގެ ފަރާތުން ވެސް ބުންޏެވެ.

އެ ތިން މީހުން ދައުވާއަށް އިންކާރު ކުރުމުން އެ މީހުންނާ ދެކޮޅަށް ގިނަ އަދަދެއްގެ ހެކި ހުށަހަޅާނެ ކަން ދައުލަތުން ހާމަކުރި އެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުންނާއި ލިޔުންތައް އެ ތިން މީހުންނާ ދެކޮޅަށް ހުށަހަޅާނެ ކަމަށް ދައުލަތުން ބުންޏެވެ. އެހެން ނަމަވެސް ހެކިތަކުގެ ތަފްސީލުތަކެއް އަދި އަދަދުތަކެއް ދައުލަތުން ހާމައެއް ނުކުރެ އެވެ.

ދައުވާލިބޭ އިސްހާގުގެ ވަކީލުން އެދިވަޑައިގަތީ ލިޔުންތައް ދިރާސާކޮށް، އަދި ވީޑިއޯތައް ބެލުމަށްފަހު ޖަވާބުދާރީވާން އިތުރު ވަގުތު ދިނުމަށެވެ. ދައުވާލިބޭ ދެން ތިބި މީހުން ފަރާތުން ވެސް ވަނީ ވީޑިއޯތައް ބަލައި، ދިރާސާކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެންވެ، އެ ފުރުސަތު ކޯޓުން މިއަދު ދިނެވެ.

އޭގެފަހުގައި ދެން ކުރިއަށް ގެންދިޔައީ ދައުވާލިބޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ބައި އެވެ. އެގޮތުން އިސްހާގާއި ފަހުމީ އާއި ނާޒިމްގެ އިތުރުން ހައިޝަމް ޝަރީއަތް ނިމެންދެން ބަންދުކުރަން ދައުލަތުން އެދުނެވެ.

ދައުވާލިބޭ ފަހުމީގެ ވަކީލް އަދި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބް ވިދާޅުވީ ނާޒިމަކީ އެފަދަ ކަމެއްގައި ބައިވެރިވި މީހެއް ނޫން ކަމަށާއި އޭނާގެ ފަރާތުން މުޖްތަމައުއަށް ނުރައްކަލެއް ނޯންނާނެ ކަމަށެވެ. އޭނާއަކީ ނަޝީދާ މެދު އެއްވެސް ރުޅިވެރިކަމެއް އޮތް މީހެއް ނޫން ކަމަށާއި އަދި އޭނާއަކީ އެމްޑީޕީގެ ސަޕޯޓަރެއް ކަމަށް ނަޖީބް ވިދާޅުވި އެވެ. އަދި އޭނާގެ އަންހެނުން ވިހަން ގާތްވެފައި އިނުމުގެ އިތުރުން އޭނާގެ ބައްޕަގެ ސިއްހީ ހާލަތު ވެސް ވަރަށް ދަށް ކަމަށް ނަޖީބް ވިދާޅުވި އެވެ.

އިސްހާގުގެ ވަކީލް އަހުމަދު ޔާމީން އެދިވަޑައިގަތީ ބަންދުު ކުރިޔަސް، ޝަރީއަތް ނިމެންދެން އޭނާ ބަންދު ނުކުރުމަށެވެ. ނާޒިމްގެ ވަކީލް އެދިވަޑައިގަތީ ބަންދު ކުރިޔަސް، ވަކީލުންނާ ބައްދަލު ކުރުމަށްޓަކައި މާލެ ގެނެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށެވެ.

މީގެ ތެރެއިން މުޖާޒާއި ތަހުމީނަކީ ކުރިން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ބަޔަކަށް ވާތީ އެ މީހުންގެ ބަންދު މުރާޖާ ކުރުމުގެ ބައި ވެސް ކުރިއަށް ގެންދިޔަ އެވެ. އަދި އެ މީހުން ބަންދު ދަމަހައްޓަން ވަނީ ނިންމައިފަ އެވެ.

އެ މައްސަލަ ބައްލަވަނީ ގާޒީ އާދަމް މުހައްމަދާއި ގާޒީ މުހައްމަދު މިސްބާހުގެ އިތުރުން ގާޒީ ސޮފްވަތު ހަބީބެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ގާޒީ އާދަމެވެ.

ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމްގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ. އޭނާ ވަނީ އެ ދައުވާއަށް އިއުތިރާފްވެފަ އެވެ. އެކަމަކު ގައުމީ ސަލާމަތާ ގުޅޭ ސަބަބުތަކަށްޓަކައި ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.