Roadha Mihaaru
ހައްޔަރުކުރި މީހުން ބުނަނީ ހަމަލާއާ ގުޅުމެއްނެތް ކަމަށް

ހައްޔަރުކުރި މީހުން ބުނަނީ ހަމަލާއާ ގުޅުމެއް ނޯންނާނެ ކަމަށް

09 މެއި 2021

ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލައި، ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ތިން މީހުން އެކަމަށް ކޯޓުގައި މިއަދު އެ ތުހުމަތަށް އިންކާރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލައި، ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ތިން މީހުން އެކަމަށް ކޯޓުގައި މިއަދު އެ ތުހުމަތަށް އިންކާރުކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ކައިރީގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގައި އެއްޗެއް ގޮއްވާލުމުން ނަޝީދާއި އެ މަނިކުފާނުގެ ބޮޑީގާޑުންނާއި އާންމުންގެ ބަޔަކަށް ވަނީ އަނިޔާވެފަ އެވެ. އެ އަނިޔާތަކަށް ނަޝީދު ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ.

އެ މައްސަލާގައި ހައްޔަރުކުރީ ބޮން ގޮއްވާލުމުގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާ ބައިވެރިވި ކަމަށް ތުހުމަތުވާ މއ. ފޭރުގޭ، މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދެވެ. ތަހުމީނަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތް ކަމަށް ބުނާ މީހާ އެވެ. އެ މީހުންގެ 15 ދުވަހަށް ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ.

އެ މީހުން ބަންދު ކުރަން މިއަދު ކޯޓުން ނެރުނު އަމުރުތަކުގައިވާ ގޮތުން ބަންދު މަޖިލީހުގައި ވާހަކަ ދައްކަން އަދުހަމަށް ފުރުސަތު ދިނުމުން އެކަމުގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށާއިި އަދި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި މުޖާޒް ވެސް އެގޮތަށް އެ މަޖިލީހުގައި ބުނެފައިވެ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން ތަހުމީން ބުނެފައިވަނީ އޭނާގެ ނަމުގައި އެ ސައިކަލު ރަޖިސްޓްރީކޮށްފައި ނުވާނެ ކަމަށެވެ. އެކަމަކު ފުލުހުން ހުށަހެޅި ލިޔުންތަކަށް ބަލާއިރު، އެ ސައިކަލުގެ ރަޖިިސްޓްރީ ކޮށްފައިވަނީ އޭނާގެ ނަމުގައި ކަން އެނގޭ ކަމަށް އެ އަމުރުގައިވެ އެވެ.

އެ ތިން މީހުންގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ. ގާޒީ އާދަމް މުހައްމަދު ނެރުއްވި އެ އަމުރުގައިވާ ގޮތުން ފުލުހުން ހުށަހެޅި ހެކިތަކަށް ބަލާއިރު އެ ތިން މީހުންގެ މައްޗަށް ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި އެބަހުއްޓެވެ. އަދި ތިން މީހުންގެ ވެސް ކުށުގެ ރެކޯޑް އެބަހުއްޓެވެ.