Roadha Mihaaru
ހަމަލާއާ ގުޅޭ ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދު

ނަޝީދަށް ދިން ހަމަލާ: އަދުހަމް، މުޖާޒު، ތަހްމީން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

21 ޖުލައި 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މިދިޔަ މޭ ހަ ވަނަ ދުވަހުގެ ރޭ ނަޝީދު ކާރުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށް، ނީލޯފަރު ހިނގުމާއި މަޖީދީ މަގާ ގުޅޭ ހިސާބުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައި އެ މަނިކުފާނު ޒަހަމްކޮށްލި މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު ހިމެނެ އެވެ.

އެ ތިން މީހުންގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް މިއަދު ގެންދިއުމުން، އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމީ އެވެ.

އެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ނ. މަނަދޫ ނޫރީގެ، އަލީ ހައިޝަމް 30 ދުވަހަށް ބަންދު ކުރަން ވެސް ކޯޓުން ނިންމި އެވެ.

ހަމަލާއާ ގުޅޭ ހަތް މީހަކު މިހާރު ބަންދުގައި އެބަ ތިއްބެވެ. ފުލުހުން ވަނަވަރު ހާމަކޮށްފައި ވަނީ، އަދުހަމް، މުޖާޒް، ތަހުމީން، ހައިޝަމްގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އެވެ. ހަތް މީހުންގެ ތެރެއިން ބައެއް މީހުން ހައްޔަރު ކުރީ ހަމަލަ އަށް ފަހު ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގެ ތެރެއިންނެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި އެކަކީ ހައިޝަމެވެ.

މި މީހުންގެ ތެރެއިން އަދުހަމް، މުޖާޒު، ތަހުމީން އަދި ފާތިހުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

ހަމަލަ އަށް ފަންޑު ކުރުމުގެ ތުހުމަތު މިހާތަނަށް އެއްވެސް މީހަކަށް ނުކުރި ނަމަވެސް ހައްޔަރުކުރި މީހުންނަށް ނޭނގި، އެ މީހުންނަށް ވަކީލުން ހަމަޖެއްސުމުން ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ތުހުމަތު ކުރެވޭ މީހުންނަށް ހަމަޖެއްސި ވަކީލުންނަށް ހަމަލާއަށް ފަންޑު ކުރި މީހުން ވެސް އެނގޭނެ އެވެ.

ހަމަލާ ދިނުމުގެ ދެ ދުވަސް ކުރިން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ރަހުމަތްތެރިއަކު ވަނީ ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު އޭނާއަށް ދީފަ އެވެ. އިލްޔާސްއާ ހަވާލާދީ އެމްޑީޕީގެ "ހައެއް މެއި" ކޮމިޓީން ބުނެފައިވާ ގޮތުގައި، އޭނާ އަށް މައުލޫމާތު ލިބިވަޑައިގަތީ އެއީ ބަޔަކު ތިން މިލިއަން ޑޮލަރު ހަރަދު ކޮށްގެން ދޭން އުޅޭ ހަމަލާއެއް ކަމަށެވެ.