Roadha Mihaaru
ނަޝީދަށް ދިން ހަމަލާގެ މައްސަލަ ބަލާ ބެންޗު އުވާލައިފި

މެއި 6 ހަމަލާ: ފަނޑިޔާރުންގެ ބެންޗު އުވާލައި، އެންމެ ފަނޑިޔާރަކާ ހަވާލުކޮށްފި

28 ނޮވެމްބަރ 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން އެކުލަވާލި ފަނޑިޔާރުންގެ ބެންޗު އުވާލައި، އެއް ފަނޑިޔާރަކާ އެ މައްސަލަ ބެލުން ހަވާލުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން އެކުލަވާލި ފަނޑިޔާރުންގެ ބެންޗު އުވާލައި، އެއް ފަނޑިޔާރަކާ އެ މައްސަލަ ބެލުން ހަވާލުކޮށްފި އެވެ.

މިދިޔަ އަހަރުގެ މޭ ހަ ވަނަ ދުވަހުގެ ރޭ ބޮމެއް ގޮއްވާލައިގެން ނަޝީދަށް ދިން ހަމަލާގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން އެކުލަވާލި ތިން ފަނޑިޔާރުންގެ ބެންޗް އުވާލީ އެ ބެންޗަށް އެންމެ ފަހުން އައްޔަން ކުރެއްވި ފަނޑިޔާރު ތަނާޒުލްވުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

އެ ކޯޓުން ބުނީ އެ ބެންޗުން ތަނާޒުލްވީ، ގާޒީ ހަސަން ސައީދު ކަމަށެވެ. އޭގެ ކުރިން އެ ބެންޗުގައި އިންނެވި ގާޒީ އާދަމް މުހައްމަދު ވެސް ތަނާޒުލްވި އެވެ.

ކްރިމިނަލް ކޯޓުން ބުނިގޮތުގައި ދެން އެ މައްސަލަ ބައްލަވާނީ ގާޒީ ސޮފްވަތު ހަބީބު އެކަންޏެވެ.

މިއީ މި މައްސަލަ ބަލާ ބެންޗު ބަދަލުވި ތިން ވަނަ ފަހަރެވެ.

ބޮން ގޮއްވާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ، ކުދެހިގޭ އިސްހާގާއި އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ. ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް ކުށަށް އިއުތިރާފްވުމުން މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އޭނާ އަށް 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.