Roadha Mihaaru
ބޮމުގެ ހަމަލާ:މައްސަލަ ކުރިއަށް ގެންދެވޭނެ: ކޯޓު

ނަޝީދަށް ދިން ބޮމުގެ ހަމަލާ: މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި

28 މާޗް 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރާ ހަ މީހުންގެ މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފަ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރާ ހަ މީހުންގެ މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފަ އެވެ.

މިދިޔަ އަހަރުގެ މެއި މަހު ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެ ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް އަދި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ މައްޗަށެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ އާދަމް މުހައްމަދު ނިންމެވީ ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެ މައްސަލައިގައި 100 އަށް ވުރެ ގިނަ ލިޔުން ސިއްރުކުރަން ދައުލަތުން ކޯޓުގައި އެދިފައިވާތީ އެކަމާ މެދު މިއަދު ގޮތެއް ނިންމަން ހަމަޖެއްސިޔަސް، އެކަމަށް އެދި ދައުލަތުން ހުށަހެޅި ފޯމް ދިފާއީ ބައެއް ވަކީލުންނަށް ނުލިބޭތީ ދެން އޮންނަ އަޑުއެހުމަކަށް އެކަން ފަސްކުރި އެވެ. އަދި ދިފާއީ ހެކި ހުށަހެޅުމަށް ވެސް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދިނެވެ.

ދައުވާގެ އިބާރާތް ދިވެހި ބަހުގެ ގަވާއިދާ ޚިލާފު!

ދައުވާލިބޭ، އިސްހާގު އަހުމަދުގެ ވަކީލް އަހުމަދު ޔާމީން ވަނީ ދައުވާ ސާފުނުވާ ކަންތައްތަކުގެ ތެރޭގައި ބަހުގެ ގަވާއިދާ ޚިލާފަށް ދައުވާ ލިޔެފައިވާ މައްސަލަ ފާހަގަކޮށްފަ އެވެ. އެކަން ފަނޑިޔާރުންގެ ބެންޗުން ވެސް ކުރީގެ އަޑުއެހުމެއްގައި ފާހަގަކުރި އެވެ.

ދައުވާލިބޭ ދެ މީހެއް

ދައުވާލިބޭ ދެ މީހެއް

ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާގައި އޮތީ އައިއީޑީ ހަރުކޮށްފައިވާ "ސައިކަލު ބެހެއްޓުމުން އަދުހަމް ގޮއްވާލާފައިވާތީ" އެވެ. އަދުހަމްއަކީ އައިއީޑީ ގޮއްވާލި މީހާ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާގައި އޮތީ ނަޝީދުގެ ހަށިގަނޑަށް ގެއްލުންދޭން އުޅުނީ "ސައިކަލުގައި އައިއީޑީ ހަރުކޮށް، އަދުހަމް ގޮއްވާލައިގެން" ކަމަށެވެ.

މިގޮތަށް އޮތުމުން ވަކީލް ޔާމީން ސުވާލު އުފެއްދެވީ އެތަނުގެ ގޮއްވާލީ ބޮމެއްތޯ ނުވަތަ އަދުހަމްތޯ ސާފުނުވާ ކަމަށެވެ. އަދި އިންސާނަކު ގޮވައިގެން ދާނީ ކިހިނެތްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ދައުވާގެ އެހެން އިބާރާތެއްގައި އޮތީ "ނީލޯފަރުމަގާއި މަޖީދީމަގު ގުޅުނު ކަންމަތީގައި އައިއީޑީ ހަރުކޮށްފައިވާ ސައިކަލު ބެހެއްޓުމުން" މިހެންނެވެ. މިގޮތަށް އޮތުމުން، އެ ކަންމައްޗަކީ ސައިިކަލުތަކުގައި އޮޓޯއިން އައިއީޑީ ހަރުކުރެވޭ ސަރަހައްދެއްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

ދައުލަތުން ބުނީ ދައުވާގައި އޮތީ އަދުހަމް ގޮއްވާލި ވާހަކައެއް ނޫން ކަމަށާއި އޭގައި އޮތީ އަދުހަމް ބޮން ގޮއްވާލި ވާހަކަ ކަމަށެވެ. އަދި ދައުވާގައި ކޮމާ ބޭނުންކޮށްފައި ހުރި ގޮތަށް ބެލުމުން އެކަން ސާފުވާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލާގައި ފުލުހުން ހޯދި ވީޑިއޯ ފުޓޭޖްތައް އެނަލައިޒްކުރަން އޮސްޓްރޭލިއާއަށް ފޮނުވާފައިވާތީ އާއި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) މެދުވެރިކޮށް ބައެއް ހެކިތައް ތަހުލީލު ކުރާތީ އެ ތަހުލީލުތަކުގެ ރިޕޯޓް ލިބެންދެން މަޑުކުރަން ވަކީލް ޔާމީން އެދިވަޑައިގަތެވެ. އޭނާ ވިދާޅުވީ އެއީ މުހިންމު ހެކިތަކެއް ކަމަށެވެ.

ދައުލަތުން ބުނީ ބޭރަށް ފޮނުވި ހެކިތަކުގެ ތަހުލީލުތަކުގެ ރިޕޯޓް ލިބޭނެ އިރެއް އަދި ނޭނގޭ ކަމަށާއި މި ވަގުތު ލިބިފައި ހުރި ހުރިހާ ރިޕޯޓްތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވުމުން ބެންޗުން ނިންމެވީ އެ ރިޕޯޓްތައް ލިބެންދެން ޝަރީއަތް މަޑުޖައްސާނުލުމަށެވެ. އަދި ފަހުން އެ ރިޕޯޓްތައް ލިބިގެން ކޯޓަށް ހުށަހަޅައިފި ނަމަ، އެއާ މެދު ގޮތެއް ނިންމާނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.

އިސްހާހުގެ މައްޗަށް ކުރާ ތިން ދައުވާއަށް ވެސް އޭނާގެ ފަރާތުން މިއަދު އިންކާރުކުރި އެވެ. ދެން ތިބި މީހުން ވަނީ ކުރިން ދައުވާއަށް އިންކާރުކޮށްފަ އެވެ.

ދައުވާލިބޭ ފަހުމީ އަލީ އާއި މުހައްމަދު ނާޒިމް އަދި އިސްހާގު.--

ދައުވާލިބޭ ފަހުމީ އަލީ އާއި މުހައްމަދު ނާޒިމް އަދި އިސްހާގު.--

ދައުވާލިބޭ ހައިޝަމްގެ ވަކީލް އަހުމަދު ޝާފިއު ވިދާޅުވީ ހައިޝަމަށް ކުރާ އެއް ދައުވާގައި "އައިއީޑީ ހަރުކުރުމުގައި އަމަލީ ގޮތުން ބައިވެރިވި" ކަމަށް ބުނެފައިވާއިރު ދެވަނަ ދައުވާގައި އޭނާ "އައިއީޑީ ހަރުކޮށްފައިވާ" ކަމަށް ލިޔެފައިވާ ކަމަށެވެ. ދައުލަތުން ބުނީ އެ ދެ ދައުވާގެ އިބާރާތް ތަފާތު ވަނީ އެ ދެ ކުށުގެ އުންސުރުތައް ތަފާތުވުމުން ކަމަށެވެ.

ވަކިވަކިން ގޮޅިތަކުގައި ބައިތިއްބާތީ ޝަކުވާ

ދައުވާ ލިބޭ މީހުން ޝަކުވާއަކަށްވީ ވަކި ގޮޅިތަކުގައި އެއިން ކޮންމެ މީހަކު ވަކިވަކިން ބަންދުކޮށްފައި ތިބޭތީ އެވެ. އެގޮތަށް ބައިތިއްބާތީ ނަފްސާނީ ގޮތުން އަސަރުކުރާ ކަމަށް އެ މީހުން ބުންޏެވެ. އަދި ރޭގަނޑު ދަންވަރު ކަރެކްޝަންސްގެ އޮފިސަރުން ކުއްލި ގޮތަކަށް ގޮޅިތަކަށް ވަދެ، ފާސްކުރާ ކަމަށް ދަޢުވާ ލިބޭ އެކަކު ބުނިއިރު ގޮޅިތަކުގެ އިސްކުރުން އަންނަ ފެނުގައި ތެރަސް ރަހަ ލާ ކަމަށް ވެސް އެކަކު ބުންޏެވެ.

ދައުލަތުން ބުނީ އެ މީހުން ވަކި ގޮޅިތަކުގައި ބައިތިއްބަނީ ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ހެދި ޚާއްސަ އެސެސްމަންޓްތަކަކަށް ފަހު ކަމަށެވެ. އެކަމަކު ދައުވާލިބޭ ހައިޝަމް ބުނީ އޭނާ ފުލުހުންގެ ބަންދުގައި ހުރިއިރު ބެހެއްޓީ 15 މީހުން ތިބި ގޮޅިއެއްގައި ކަމަށެވެ.

ގާޒީ އާދަމް މުހައްމަދު ވިދާޅުވީ ވަކި ގޮޅިއެއްގައި ނުވަތަ ވަކި ޚާއްސަ ތަނެއްގައި މީހަކު ބަންދުކުރަން ކޯޓަށް އަމުރު ނުކުރެވޭނެ ކަމަށެވެ. އަދި ކޯޓުން އަމުރުކުރާނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ބަހައްޓަން ކަމަށާއި ބަންދުކުރާނެ ގޮޅިއެއް ކަނޑައެޅުމަކީ ކޯޓުން ކުރާނެ ކަމެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.