Roadha Mihaaru
ޔޫރަޕާއި އޭޝިއާ ގުޅުވާލާ ބްރިޖު ހުޅުވައިފި

ޔޫރަޕާއި އޭޝިއާ ހަ މިނެޓްގެ ދަތުރަކުން ގުޅުވާލާ ބްރިޖު ހުޅުވައިފި

20 މާޗް 2022

ދުނިޔޭގެ ދެ ބައްރު ކަމަށްވާ ޔޫރަޕާއި އޭޝިއާ، ހަ މިނެޓްގެ ދަތުރަކުން ގުޅުވާލަދޭ ބްރިޖު މިދިޔަ ހުކުރު ދުވަހު ހުޅުވައިފި އެވެ.

ދުނިޔޭގެ ދެ ބައްރު ކަމަށްވާ ޔޫރަޕާއި އޭޝިއާ، ހަ މިނެޓްގެ ދަތުރަކުން ގުޅުވާލަދޭ ބްރިޖު މިދިޔަ ހުކުރު ދުވަހު ހުޅުވައިފި އެވެ.

ކަނޑު ހުރަސްކޮށް އެޅި އެ ބްރިޖު ހުޅުއްވައިދެއްވީ އެ މަޝްރޫއު ހިންގި ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އެވެ. އެއީ އުރުދުޣާންގެ ވެރިކަމުގައި ފެއްޓެވި އެންމެ ބިޔަ އެއް މަޝްރޫއު އެވެ. ތުރުކީ އަކީ ޔޫރަޕާއި އޭޝިއާ ބައްރު ގުޅޭ ގައުމެވެ.

ޔޫރަޕާއި އޭޝިއާއާ ގުޅުވާލާ އެ ބްރިޖަށް ކިޔަނީ "1915 ކެނަކޭލް ބްރިޖް" އެވެ. އެ ނަން ދީފައި ވަނީ ފުރަތަމަ ބޮޑު ހަނގުރާމާގައި ތުރުކީގެ ކުރީގެ އެމްޕަރާ އޮތުމަން އިން އެ ކަނޑުގައި ފްރާންސާއި އިނގިރޭސި ސިފައިންނާ ދެކޮޅަށް ނަސްރު ހޯދި ހަނގުރާމައިގެ ހަނދާނުގަ އެވެ. އެ ހަނގުރާމަ ކުރީ 1915 ގަ އެވެ.

ޔޫރަޕާއި އޭޝިއާ ގުޅުވާލާ ބްރިޖު ހުޅުވުމަށް ތުރުކީގައި ބޭއްވި އިވެންޓް.-- ފޮޓޯ: ގެޓީ އިމޭޖެސް

ޔޫރަޕާއި އޭޝިއާ ގުޅުވާލާ ބްރިޖު ހުޅުވުމަށް ތުރުކީގައި ބޭއްވި އިވެންޓް.-- ފޮޓޯ: ގެޓީ އިމޭޖެސް

ތުރުކީ އާއި ދެކުނު ކޮރެއާގެ ކުންފުނިތަކެއް ގުޅިގެން އެ ބްރިޖު ހެދީ 2.8 ބިލިއަން ޑޮލަރު ހަރަދުކޮށްގެންނެވެ. އެއީ މިހާރު ދުނިޔޭގައި އެންމެ ބޮޑު ސްޕޭން -- ދެ ތަނބުގެ ދެމެދުގައި އޮންނަ ދުރުމިން -- އޮންނަ ބްރިޖެވެ. އެއީ 1.25 މޭލުގެ ދިގުމިނެވެ.

މުޅި ބްރިޖުގެ ދިގުމިނުގައި 2.9 މޭލު (4.6 ކިލޯމީޓަރު) ހުރެ އެވެ. އަދި ކޮންމެ ތަނބެއްގައި 318 މީޓަރުގެ އުސްމިން ހުރެ އެވެ.

ޔޫރަޕާއި އޭޝިއާ ގުޅުވާލާ ބްރިޖު: އެ ބްރިޖު މިހާރު ވަނީ ހުޅުވައިފައި.-- ފޮޓޯ: ގެޓީ އިމޭޖެސް

ޔޫރަޕާއި އޭޝިއާ ގުޅުވާލާ ބްރިޖު: އެ ބްރިޖު މިހާރު ވަނީ ހުޅުވައިފައި.-- ފޮޓޯ: ގެޓީ އިމޭޖެސް

އުރުދުޣާން އިއުލާންކުރެއްވި ގޮތުގައި އެ ބްރިޖު ހުރަސްކުރަން ކޮންމެ ވެހިކަލަކަށް ކޮޅަކަށް 13 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ އެވެ.

މާޗު 2017 ގައި ހަދަން ފެށި އެ ބްރިޖު ހެދުމުގެ މަސައްކަތުގައި 5،000 ވުރެ ގިނަ މީހުން އުޅުނެވެ.

ތުރުކީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ބްރިޖު ހުޅުވީ އަންނަ ޖޫން މަހު އެ ގައުމުގައި ބާއްވާ ޖެނަރަލް އިލެކްޝަންއާ ދިމާކޮށް ކަމަށެވެ. އެ އިލެކްޝަނާ ގުޅޭ އޮޕީނިއަން ޕޯލްތަކުން ދައްކާ ގޮތުގައި އުރުދުޣާން އާއި އޭނާގެ ޕާޓީ އޭކޭ ޕާޓީގެ މަގުބޫލުކަން ދަށްވެ، އިދިކޮޅު ޕާޓީ ވަނީ ކުރި ހޯދައިފަ އެވެ.