Roadha Mihaaru
އިންޑިއާ ކަޓައި، ކޯޗު އިސްތިއުފާދީފި

އިންޑިއާ ކަޓައި، ކޯޗު އިސްތިއުފާދީފި

15 ޖެނުއަރީ 2019

އޭޝިއަން ކަޕުގެ ފުރަތަމަ މެޗުން ތައިލެންޑް 4-1 އިން ބަލިކޮށް އުއްމީދީ ފެށުމެއް ހޯދި އިންޑިއާ ޓީމު ފަހު ދެ މެޗުން ބަލިވެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓުމުން ކޯޗު ސްޓެފަން ކޮންސްޓެންޓިން އިސްތިއުފާ ދީފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އޭޝިއަން ކަޕުގެ ފުރަތަމަ މެޗުން ތައިލެންޑް 4-1 އިން ބަލިކޮށް އުއްމީދީ ފެށުމެއް ހޯދި އިންޑިއާ ޓީމު ފަހު ދެ މެޗުން ބަލިވެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓުމުން ކޯޗު ސްޓެފަން ކޮންސްޓެންޓިން އިސްތިއުފާ ދީފި އެވެ.

އިންޑިއާ ކެޓީ ފަހު މެޗުގައި ރޭ ބަހުރޭން އަތުން ފަހު ވަގުތު 1-0 އިން ބަލިވެ ގްރޫޕުގެ ފުލަށް ދިއުމުންނެވެ. މެޗު އެއްވަރުވި ނަމަވެސް އިންޑިއާ އަށް ދެ ވަނަ ބުރަށް ދެވޭނެ އެވެ.

މި ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދިޔައީ ފަސް ޕޮއިންޓާ އެކު، މުބާރާތް ބާއްވާ ގައުމު ޔޫއޭއީ އެވެ. ދެ ވަނަ ޓީމުގެ ގޮތުގައި ދިޔައީ ހަތަރު ޕޮއިންޓާ އެކު ހެޓް-ޓު-ހެޑް އިން ކުރި ހޯދައި ތައިލެންޑެވެ. ހަތަރު ޕޮއިންޓް ހޯދައި ތިން ވަނަ އަށް ދިޔަ ބަހުރޭން ވަނީ ތިން ވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމުތަކުގެ ތެރޭ ހިމެނި ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. އިންޑިއާ ކެޓީ ތިން ޕޮއިންޓާ އެކު ފުލަށް ދިއުމުންނެވެ.

ފުރަތަމަ މެޗުން ހޯދި ވަރުގަދަ ކާމިޔާބަށް ފަހު އިންޑިއާ ދެން ކުޅުނު މެޗުން ޔޫއޭއީ އަތުން ބަލިވީ 2-0 އިންނެވެ. ރޭ ބަހުރޭނާ ދެކޮޅަށް ކުޅުނު މެޗުގެ ބޮޑުބައިގައި ނަތީޖާ އޮތީ އިންޑިއާ ކޮޅުގަ އެވެ. އެކަމަކު ބަހުރޭންގެ އިތުރު ވަގުތުގެ ތެރޭގައި ބަހުރޭނުގެ ޖަމާލް ރާޝިދު ކާމިޔާބުކުރި ޕެނަލްޓީއާ އެކު އިންޑިއާ ކެޓީ އެވެ.

އިންޑިއާ އިން އެންމެ ފަހުން ކުޅުނު އޭޝިއަން ކަޕުގައި، 2011 ގައި ގްރޫޕް ސްޓޭޖުން ކެޓީ ޕޮއިންޓެއް ނުލިބި ފުލަށް ގޮސްގެންނެވެ. އޭގެ ކުރިން 1984 ވަނަ އަހަރު ކެޓީ، ފަސް ޓީމު ހިމެނުނު ގްރޫޕުގެ ފުލަށް ގޮސްގެންނެވެ. އެ ފަހަރު އީރާނާ 0-0 އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދި އެވެ. އިންޑިއާގެ އެންމެ ކާމިޔާބު އޭޝިއަން ކަޕަކީ 1984 ވަނަ އަހަރު އިސްރާއީލުގައި ބޭއްވި މުބާރާތެވެ. ހަތަރު ޓީމުން އެއް ގްރޫޕެއްގައި ވާދަކުރި އެ މުބާރާތުގެ ދެ ވަނަ އިންޑިއާ ހޯދި އެވެ.

އިންޑިއާގެ ކޯޗު ކޮންސްޓެންޓިން މެޗަށް ފަހު އިސްތިއުފާ ދެމުން ބުނީ ހަތަރު އަހަރުގެ މުއްދަތުގައި އޭނާ ބޭނުންވި އަމާޒަކީ އޭޝިއަން ކަޕަށް އިންޑިއާ ކޮލިފައިކޮށްދިނުން ކަމަށާއި އެކަންކޮށްދެވި ރެކޯޑްތަކެއް ވެސް މުގުރާލެވިއްޖެ ކަމަށެވެ.

"ކުޅުންތެރިން ކުރި މަސައްކަތާ މެދު ފަހުރުވެރިވަން. އަހަންނާ ހަވާލުކުރި މަސައްކަތް ކުރިން އަދި އެއަށް ވުރެ ވެސް އިތުރަށް ކުރެވުނު. މިއީ ބަދަލުވާންވީ ވަގުތު،" އޭނާ ބުންޏެވެ.

އިންޑިއާ އަށް 2002-2005 އަށް ވެސް ކޯޗުކޮށްދިން ކޮންސްޓެންޓިންއާ މެދު ބައެއް މީހުން ހިތްހަމަނުޖެހުނަސް އޭނާ ވަނީ އިންޑިއާގެ ފުޓްބޯޅަ އަށް ބޮޑެތި ކުރިއެރުން ހޯދައިދީފަ އެވެ. އެގޮތުން އެ ޓީމަށް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދައިދިނުމަށް ފަހު، އެ މުބާރާތް ދެން ފޮނުވަން ނިންމީ ޒުވާން ޓީމުތަކެކެވެ. އޭގެ ސަބަބުން ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ލިބި ކުރިއެރުން ވަނީ ހޯދައިފަ އެވެ.