Roadha Mihaaru
ބިލަބޮންގާއި އުގެއިލް، ދަރިވަރުން އެހެން ދިމާލަކަށް

ބިލަބޮންގާއި އުގެއިލް، ދަރިވަރުން އެހެން ދިމާލަކަށް ގެންދަނީ

22 އޯގަސްޓް 2016

ދަރިވަރުން ޓެކްނޮލޮޖީގެ ތެރެއަށް ވައްދަން ބިލަބޮންގް ސްކޫލުން ވަނީ ހާއްސަ ޕްރޮގްރާމެއް ފަަށައިފަ އެވެ. ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، އާޓްސް އަދި ހިސާބު އިލްމުގެ މައްޗަށް ހިންގާ މި ޕްރޮގްރާމްގެ ދަށުން ބިލަބޮންގް ސްކޫލުގެ ދަރިވަރުން ވަނީ ސައިންސާއި ޓެކްނޮލޮޖީއާ ގުޅޭ ތަފާތު އެކި އެއްޗެހި އުފައްދައިފަ އެވެ. އޭގެ ތެރޭގައި ޕްރިންޓަރާއި ދުވާ ވެހިކަލް ފަދަ އެއްޗެހި ވެސް ހިމެނެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިވަރުން ޓެކްނޮލޮޖީގެ ތެރެއަށް ވައްދަން ބިލަބޮންގް ސްކޫލުން ވަނީ ހާއްސަ ޕްރޮގްރާމެއް ފަަށައިފަ އެވެ. ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، އާޓްސް އަދި ހިސާބު އިލްމުގެ މައްޗަށް ހިންގާ މި ޕްރޮގްރާމްގެ ދަށުން ބިލަބޮންގް ސްކޫލުގެ ދަރިވަރުން ވަނީ ސައިންސާއި ޓެކްނޮލޮޖީއާ ގުޅޭ ތަފާތު އެކި އެއްޗެހި އުފައްދައިފަ އެވެ. އޭގެ ތެރޭގައި ޕްރިންޓަރާއި ދުވާ ވެހިކަލް ފަދަ އެއްޗެހި ވެސް ހިމެނެ އެވެ.

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ދިވެހި ދަރިވަރުން އުފެއްދުމުގެ މަގުސަދުގައި މި ޕްރޮގްރާމު ކުރިއަށްގެންދަނީ ޕްރޮފެސަރު ހަސަން އުގެއިލްއާ އެކުގަ އެވެ. ބިލަބޮންގް ސްކޫލާއި ކެންގަރޫ ކިޑްސް ހިންގަމުން އަންނަ އައިލެންޑާސް އެޑިއުކޭޝަން އިން ވަނީ މި ޕްރޮގްރާމް ފުޅާކޮށް މާލޭގެ އެހެން ސްކޫލުތަކަށް ދައުވަތު ދީގެން ވެސް ހަރަކާތްތައް ހިންގައިފަ އެވެ.

ބިލަބޮންގް ސްކޫލުގެ ދަރިވަރުން ޕްރޮފެސަރު އުގެއިލާ އެކު

އުގެއިލް ވިދާޅުވީ ދަރިވަރުން އަމިއްލަ އަށް ވިސްނާނެ ގޮތްތަކާއި ޕްރޮޖެކްޓުތައް މެނޭޖުކޮށްގެން ހިންގާނެ ގޮތްތައް ދަސްކޮށްދެއްވާނެ ކަމަށެވެ.

"ސްކޫލުތަކުގައި ވަރަށް ދަސްނުކޮށްދޭ ކަމެއް ސިކުނޑިން ވިސްނާނެ ގޮތް. ފޮތްތަކުގައި ހުންނަ އެއްޗެއް ގިނަ ފަހަރަށް މި ކިޔަވައިދެވެނީ. ޕްރޮޖޮކްޓް މެނޭޖުކުރާނެ ގޮތާއި މިކަހަލަ މުހިއްމު ބައިތައް ފުރަތަމަ މި ކިޔަވައިދެނީ. ދެން އޭގެ ފަހުން ޕްރޮޖެކްޓުގެ ހިޔާލުތައް އެ ކުދިން އަމިއްލައަށް މި ކިޔައިދެނީ،" އުގެއިލް ވިދާޅުވި އެވެ.

ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލުގެ ކުދިން ވެސް ބައިވެރިކޮށްގެން އިއްޔެ ވަނީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ސެޝަންނެއް ނަގައި ކުރިއަށް އޮތް ފަސް މަސް ދުވަހު ދަރިވަރުން ހަދާނެ ޕްރޮޖެކްޓުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އެ ޕްރޮޖެކްޓުތައް ހެދުމުގައި އުގެއިލްގެ އެހީތެރިކަން ވެސް ސްކައިޕް މެދުވެރިކޮށް ދަރިވަރުންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސްޓްރީމުގެ ތެރޭގައި މުޅިން ވެސް ކުރިއަށްގެންދާނީ އާ ޕްރޮޖެކްޓުތައް ކަމަށް އުގެއިލް ފާހަގަކުރެއްވި އެވެ.

ޕްރޮފެސަރު އުގެއިލް "މިހާރު"އަށް އިންޓަވިއު ދެއްވަނީ.--ފޮޓޯ:ނިޝާން އަލީ\މިހާރު

ޕްރޮފެސަރު އުގެއިލް "މިހާރު"އަށް އިންޓަވިއު ދެއްވަނީ.--ފޮޓޯ:ނިޝާން އަލީ\މިހާރު

"ދުނިޔޭގައި އަދި ސޯލްް ނުކުރެވޭ ކަންތައްތައް [ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭނެ]. ފަހަރެއްގައި މިއިން ޕްރޮޖެކްޓެއް ފެއިލް ވެސް ވެދާނެ. އެއީ މައްސަލައެއް ނޫން. މީގެ ބޭނުމަކީ ދަރިވަރުން އެއްޗެހިތަކެއް ދަސްކުރުން. އެ މަސައްކަތް އަޅުގަނޑުމެން މި ކުރިއަށްގެންދަނީ،" އުގެއިލް ވިދާޅުވި އެވެ.

މިފަދަ ބޮޑު ޕްރޮގްރާމެއް ފެށީ އައިލެންޑާސް އެޑިއުކޭޝަންގެ ޑިރެކްޓަރު އަދްލީ ރަޝީދު ވިދާޅުވި ގޮތުގައި ދުނިޔެ ތަރައްގީވަމުން އަންނަ ވަރަކަށް ދަރިވަރުންނަށް ދެމުން އަންނަ ތައުލީމީ ފެންވަރު ވެސް ރަނގަޅު ކުރުމަށެވެ.

ބިލަބޮންގް ސްކޫލުގެ ދަރިވަރުންގެ ޕްރޮޖެކްޓެއް

"ސްކޫލްތަކުގައި މިހާރު ވެސް މި މާއްދާތައް ވަކިވަކިން އެބަ ކިޔަވައިދޭ. އެކަމަކު އަޅުގަނޑުމެން މި ކުރިއަށްގެންދަނީ އެ ހުރިހާ މާއްދާތަކެއް އެއްކޮށްގެން ޕްރޮޖެކްޓުތައް ހިންގަން. ދުނިޔޭގެ ފެންވަރުގެ ދަރިވަރުންތަކެއް އުފެއްދޭނެ ކަން ދެއްކުމަށް. އޭގެ އެއް ހެއްކަކީ ޕްރޮފެސަރު އުގެއިލް،" އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ވެސް ވަރަށް ހުނަރުވެރި ދަރިވަރުން އެބަތިބި ކަމަށާއި ސައިންސްގެ ދާއިރާއިން ކުރިއަށްދާން ގިނަ ފުރުސަތުތަކެއް ވެސް އެބަ ލިބޭ ކަމަށެވެ.

"ސައިންސްގެ ދާއިރާއިން ރާއްޖޭގައި ވަރަށް ޓެލެންޓެޑް ކުދިން އެބަ ތިބި. މިހާރަށް ބާލަ ނަމަ ގިނަ ކުދިން މި ކުރިއަށްދަނީ ބިޒްނަސް، އެކައުންޓިން ފަދަ ދާއިރާތަކުން. އެކަމަކު އަޅުގަނޑުމެން އަންގައިދޭން ބޭނުންވޭ މިކަމުން ވެސް ގިނަ ފުރުސަތުތަކެއް ލިބޭނެކަން ދަރިވަރުންނަށް،" އަދްލީ ވިދާޅުވި އެވެ.

ބިލަބޮންގް ދަރިވަރުންް ތައްޔާރުކުރި އައިފޯން އިން ކޮންޓްރޯލް ކުރެވޭ ކްރޭނެއް

ބިލަބޮންގް ދަރިވަރުންް ތައްޔާރުކުރި އައިފޯން އިން ކޮންޓްރޯލް ކުރެވޭ ކްރޭނެއް

ބިލަބޮންގުން މި ޕްރޮގްރާމް ކުރިއަށްގެންދަނީ ބެލެނިވެރިން ވެސް ބައިވެރިކޮށްގެންނެވެ. އެކަމަށް ބެލެނިވެރިންގެ ފަރާތުން ވެސް ވަރަށް ރަނގަޅު ތަރުހީބެއް ލިބޭ ކަން އައިލެންޑާސް އެޑިއުކޭޝަން އިން ފާހަގަކުރެ އެވެ.

ހުނަރުވެރި، ގާބިލް ދަރިވަރުންތަކެއް އުފައްދަން، ޕްރޮފެސަރު އުގައިލްގެ އެހީތެރިކަމާ އެކު، އައިލެންޑާސް އެޑިއުކޭޝަން އިން މިހާރު ފަށައިގެން އުޅެނީ މުހިންމު މަސައްކަތެކެވެ. ހަމައެކަނި ފޮތްތަކުން ހިތުދަސްކުރުމުގެ ބަދަލުގައި ޒަމާނީ އިލްމުގެ ތެރެއިން އެތައް ކަމެއް ހައްލުކޮށް، އާ އީޖާދުތައް ކުރިއަށް ގެންދާނެ ގޮތް ދަރިވަރުންނަށް އެނގޭނެ އެވެ.