Roadha Mihaaru
ގްރޭޑް 11: އުނދަގުލެއް ނޫން، ސިކުނޑި ހުޅުވާލާ!

ގްރޭޑް 11: އުނދަގުލެއް ނޫން، ސިކުނޑި ހުޅުވާލާ!

03 ޑިސެމްބަރ 2017

އޭ ލެވެލްއާ އެކު މާތީ ސާނަވީ މަރުހަލާ ފެށުމުން ބައެއް ކުދިންނަށް ހީވެފައި އޮންނަނީ ކިޔެވުން ވަރަށް ބުރަވާނެ ކަމަށެވެ. އެއީ މުޅިން ރަނގަޅު ވިސްނުމެއް ނޫން ކަން ސާފުވާނީ، ކިޔެވުން ފެށި އާ މުގައްރަރުގެ ތެރެއަށް ރަނގަޅަށް ވަދެވުމުންނެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އޭ ލެވެލްއާ އެކު މާތީ ސާނަވީ މަރުހަލާ ފެށުމުން ބައެއް ކުދިންނަށް ހީވެފައި އޮންނަނީ ކިޔެވުން ވަރަށް ބުރަވާނެ ކަމަށެވެ. އެއީ މުޅިން ރަނގަޅު ވިސްނުމެއް ނޫން ކަން ސާފުވާނީ، ކިޔެވުން ފެށި އާ މުގައްރަރުގެ ތެރެއަށް ރަނގަޅަށް ވަދެވުމުންނެވެ.

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި އޭ ލެވެލް ހަދާ ފެށިއިރު، ހުމާމް އަހްމަދު މުޖާހިދު ވެސް ހީކުރީ ހަމަ އެހެންނެވެ. އޭ ލެވެލްގެ ކިޔެވުން ވަރަށް އުނދަގޫވާނެ ކަމަށެވެ.

"އެކަމަކު ހީކުރިހާ ބޮޑު ބަދަލެއް ނާދޭ. ސިލަބަސް ބޮޑުވެފައި ކިޔަވަން ޖެހޭ އެއްޗެހި ގިނަ. އެކަމަކު އޯ އެލެވެލްއާ ދާދި އެއްގޮތަކަށް ހުންނާނީ،" ސްކޫލްގެ ކެޕްޓަން، ހުމާމް ބުންޏެވެ.

ހުމާމް ދަރިވަރަކާ އެކު ފިލާވަޅު ހަދަނީ: ގްރޫޕް ސްޓަޑީޒް ހަދަން އޭނާ އިސްކަންދޭ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހުމާމް ދަރިވަރަކާ އެކު ފިލާވަޅު ހަދަނީ: ގްރޫޕް ސްޓަޑީޒް ހަދަން އޭނާ އިސްކަންދޭ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭ ލެވެލްގައި، މައިގަނޑު ގޮތެއްގައި އޮންނާނީ ޕާސްޓް ޕޭޕަރުތައް ހެދުމެވެ. ގިނައިން ޕޭޕަރު ހެދިވަރަކަށް ސިލަބަސްގެ ތެރެއަށް ވަދެވޭލެއް ބޮޑުވެފައި، ދަސްކުރަން ފަސޭހަވާ ކަމަށް ހުމާމް ދެކެ އެވެ.

ޕޭޕަރު ހަދާއިރު ވެސް އެ މާއްދާއެއްގެ ސިލަބަސް އެނގިފައި އޮންނަން ޖެހެ އެވެ. ސިލަބަސް ދަސްނުކޮށް، ނުވަތަ ނޭނގި ޕޭޕަރު ހެދުން އެއީ މޮޔަ ކަމެކެވެ. އޭ ލެވެލް ހާދަ އުނދަގުލޭ އޭރުން ހިތަށް އަރާނެ އެވެ.

"ހުމާމް ބޮޑަށް ބަލަނީ ވީހާވެސް ގިނައިން ގްރޫޕް ސްޓަޑީޒް ހަދަން. އެންމެން އެކީގައި ޕޭޕަރުތައް ހަދާއިރު ފަސޭހަވާނެ. އެކީގައި ނުހެދެންޏާ ވެސް ކޮންޓެންޓް ދަސްކޮށްގެން އަމިއްލަ އަށް ހަދައިގެން އައިސް ޓީޗަރު ލައްވައި މާކް ކުރުވަން،" ހުމާމް ބުންޏެވެ.

އޭނާ ދެކޭ ގޮތުގައި އޭ ލެވެލްގައި ޓީޗަރުންނަށް މާ ބޮޑަށް ބަރޯސާނުވެ އަމިއްލަ އަށް ކިޔެވުން ކުރިއަށް ގެންދަން ޖެހެ އެވެ. އެހެން ގްރޭޑްތަކުގައިވާ ގޮތަށް، އޭ ލެވެލްގައި ދަރިވަރުން ފިލާވަޅު ނުނިންމައިގެން ފަހަތުން ޓީޗަރުން ނުދުވާނެ ކަމަށް ހުމާމް ބުންޏެވެ. އުނދަގޫ ފިލާވަޅުތައް އެއްކޮށްގެން، ވަގުތު ހޯދައިގެން ޓީޗަރުން ފަހައި ދުވަން ޖެހޭނީ، އޭނާ ދެކޭ ގޮތުގައި، ދަރިވަރުންނެވެ.

ހުމާމް އަށް އެންމެ އުނދަގުލީ ސްޓެޓިކްސް އާއި ސޯޝިއޮލޮޖީ މާއްދާ އެވެ. އެހެންވެ، މި ދެ މާއްދާގައި ހުރި އުނދަގޫ ފިލާވަޅުތައް ޓީޗަރުންގެ ގާތުން އަހައި ވަރަށް ބޮޑަށް އޮޅުން ފިލުވަ އެވެ

ހުމާމް ސްކޫލްގައި: އޭ ލެވެލްގައި ސިކުނޑި ހުޅުވާލައި ކިޔަވަން އިސްކަންދޭން ޖެހޭ ކަމަށް އޭނާ ދެކޭ.

ހުމާމް ސްކޫލްގައި: އޭ ލެވެލްގައި ސިކުނޑި ހުޅުވާލައި ކިޔަވަން އިސްކަންދޭން ޖެހޭ ކަމަށް އޭނާ ދެކޭ.

އޭ ލެވެލްގައި ވެސް އެންމެ މުހިއްމީ ކިޔަވާ ހިތުން ކިޔެވުމެވެ. ރަނގަޅު ނަތީޖާއަކާ ހަމައަށް ދާން ޓާގެޓްތަކެއް ކަނޑަނާޅައި، ހަމައެކަނި ނަމެއްގައި އޭ ލެވެލް ހެދިއަސް ވާނެ މާ ބޮޑު ފައިދާއެއް ނެތް ކަން ހުމާމް ގަބޫލުކުރެ އެވެ. ހަގީގަތުގައި އޭ ލެވެލް އަކީ އެ ދަރިވަރަކު ކުރިއަށް ދާން ބޭނުންވާ މިސްރާބެއް ކަނޑައެޅުމުގެ ވެސް އެންމެ މުހިއްމު ދެ އަހަރެވެ.

އޭ ލެވެލް ނިންމައި މަތީ ތައުލީމާ ކުރިމަތިލާން ޖެހޭ ކަން ވިސްނައި، ދެ އަހަރު ތެރޭގައި ވަރަށް ބޮޑަށް ސިކުނޑި ހުޅުވަން ޖެހޭނެ ކަމަށް ހުމާމް ގަބޫލުކުރެ އެވެ.

ހުމާމްގެ ނަސޭހަތަކީ މިއެވެ؛ "ހުރިހާ ކުދިން ވެސް ޖެހޭނެ ކިޔެވުމަށް އިސްކަންދޭން. މާނައަކީ ހުރިހާ ވަގުތެއް ކިޔަވަން ހޭދަކުރުމެއް ވެސް ނޫން. ޔުނިވަސިޓީ އަށް ވަނުމުގެ ކުރިން އޭ ލެވެލްގައި އެ ލިބޭ ދެ އަހަރު ސިކުނޑި ޖެހޭނީ ހުޅުވާލާފައި ބައިންދަން. އޭރުން އޭ ލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދަން އުނދަގުލެއް ނުވާނެ."