Roadha Mihaaru
އީޕީއެސް އިމާރާތް 25 އަހަރަށް އައިލެންޑާސް އަށް

އީޕީއެސް އިމާރާތް 25 އަހަރަށް އައިލެންޑާސް އަށް ކުއްޔަށް ދީފި

22 އޮކްޓޯބަރ 2017

ކުރިން އީޕީއެސް ސްކޫލް ހިންގި އިމާރާތް އައިލެންޑާސް އެޑިއުކޭޝަނަށް 25 އަހަރަށް ކުއްޔަށް ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރިން އީޕީއެސް ސްކޫލް ހިންގި އިމާރާތް އައިލެންޑާސް އެޑިއުކޭޝަނަށް 25 އަހަރަށް ކުއްޔަށް ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އައިލެންޑާސް އެޑިއުކޭޝަނަކީ، މިހާރު ވެސް އެ އިމާރާތުގައި ބިލަބޮންގް ސްކޫލު ހިންގަމުން އަންނަ ކުންފުންޏެވެ. އެކަމަކު މިހާރު އެ ސްކޫލު އެ ކުންފުނިން ހިންގަމުން އަންނަނީ ކުރީގެ އީޕީއެސް ފައުންޑަރުންގެ އަތުން ކުއްޔަށް ހިފައިގެންނެވެ.

އެ އިމާރާތް އީޕީއެސްގެ ފައުންޑަރުންނަށް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވާތީ، މިނިސްޓްރީން ވަނީ އެތަނުގައި ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ. އިއުލާނުގެ މުއްދަތު ހަމަވިއިރު، ސްކޫލެއް ހިންގަން ކުރިމަތިލީ ތިން ފަރާތަކުން ކަމަށް އެޑިއުކޭޝަނުން ކުރިން ބުންޏެވެ.

އެ އިމާރާތުގައި، ބިލަބޮންގް ސްކޫލު ހިންގަން އެއްބަސްވެފައި ވަނީ ސީދާ އީޕީއެސް ފައުންޑާސް އާއި އެޑިއުކޭޝަން މިނިސްޓްރީ އެވެ. އެތަން ހިންގުމުގައި އައިލެންޑާސް އެޑިއުކޭޝަނުން ހަރަކާތްތެރިވަނީ އީޕީއެސް ފައުންޑާސްއާ ދެމެދު އޮންނަ އެއްބަސްވުމެއްގެ ދަށުންނެވެ.

އިލެންޑާސް އެޑިއުކޭޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އީޕީއެސް އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލު ހިންގަން އެ ކުންފުންޏަށް ބިޑް ކާމިޔާބުވެފައިވާކަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އެއްބަސްވުމުގައި އަދި ސޮއެއް ނުކުރެ އެވެ.

އެ ބަޔާނުގައި ބުނީ އީޕީއެސް ފައުންޑާސްއާ ދެމެދު އޮތް އެއްބަސްވުމާ އެއްގޮތަށް އަންނަ އަހަރު ނިމެންދެން ބިލަބޮންގް ސްކޫލު ހިންގާނެ ކަމަށެެވެ. އެކަމަކު މިނިސްޓްރީން ފަހުން ކުރި ބިޑް ކާމިޔާބުކޮށްފައިވާތީ، 2019 ވަނަ އަހަރުން ފެށިގެން ބިލަބޮންގް ސްކޫލު ހިންގާނީ ސީދާ އައިލެންޑާސް އިން ކަމަށް އެ ބަޔާނުގައި ބުންޏެވެ.