20 އޯގަސްޓް 2020
އަމީރު އަހުމަދު ޕްރީ ސްކޫލު ހިންގާ ބިމުގެ ވެރިފަރާތް ސާފުނުވާތީ، އައިލެންޑާސް އެޑިއުކޭޝަނުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އަމީރު އަހުމަދު ޕްރީ ސްކޫލު ހިންގާ ބިމުގެ ވެރިފަރާތް ސާފުނުވާތީ، އައިލެންޑާސް އެޑިއުކޭޝަނުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އަމީރު އަހުމަދާއި ހެންވޭރު ޕްރީ ސްކޫލް އައުޓްސޯސް ކޮށްގެން ހިންގާނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން 2012 ގައި ހުޅުވައިލި ބީލަން ކާމިޔާބުކުރީ އައިލެންޑާސް ގްރޫޕުގެ ޗެއާމަން، ގ. މަހުމާގޭ، އަބްދުއްރަޝީދު އެވެ.
އެ ބިމުގެ ވެރިފަރާތް ހޯދުމަށް މިދިޔަ ހަފުތާގައި ހުށަހެޅި މައްސަލަ ސިވިލް ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.
އެ ސްކޫލު ޕްރޮޖެކްޓުގައި ތިން ބިމެއް ހިމެނެ އެވެ. އެއްބަސްވުމުގައި ހިމެނޭ ހެންވޭރު ޕްރީ ސްކޫލުގެ ބިމުގައި ހިންގަމުން އަންނަނީ އަމީރު އަހުމަދު ކޮމިއުނިޓީ ޕްރީ ސްކޫލެވެ. އަމީރު އަހުމަދު ސްކޫލު ބިމުގައި ކެންގަރޫ ކިޑްސް އާއި ފިންލެންޑް އަދި ބިލަބޮންގް ސްކޫލުގެ ބައެއް ހިންގަ އެވެ. އޭގައި ހެންވޭރު އަވަށު އޮފީހުގެ ބިން ހިމެނުނަސް، ބިމުގެ ގާނޫނީ ބެލެނިވެރިކަން ނޭނގޭތީ، އެއްބަސްވުމުގައިވާ ގޮތަށް އެ ތަނުގައި އެއްވެސް ކަމެއް ނުކުރެވެ އެވެ.
އެ ތަންތަން ހިންގަން ބިން ދޫކުރީ ވެސް، އަމީރު އަހުމަދު ޕްރީ ސްކޫލު ކުރިއަށް ގެންދަން އެހީތެރިވުމަށް އެއްބަސް ވެގެންނެވެ. ކުންފުނީގެ އަމިއްލަ ޚަރަދުގައި، އަމީރު އަހުމަދު ޕްރީ ސްކޫލު އިމާރާތްކޮށް، ހިންގަމުން އަންނަނީ އައިލެންޑާސްގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.
އައިލެންޑާސްގެ ދަށުން ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލު ވެސް ހިންގަ އެވެ. އެކަމަކު އީޕީއެސް ބިމުގައި އެ ސްކޫލު ހިންގަނީ އެޑިއުކޭޝަން މިނިސްޓްރީއާއެކު ވަކިން ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
އެ މައްސަލައާ ގުޅިގެން އަބްދުއް ރަޝީދު "މިހާރު" އަށް ވިދާޅުވީ އެ އެއްބަސްވުމުގައި ހިމެނޭ ބިންތަކުގެ ވެރިފަރާތާ މެދު އެޑިއުކޭޝަން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލުން ވެސް އެއްބަސްނުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެކަމުގެ ސަބަބުން، އެެއްބަސްވުމުގައި ހިމެނޭ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ފާއިތުވި ހަތް އަހަރުގެ ތެރޭގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
ކޯޓަށް މައްސަލަ ހުށަހެޅީ މާލީ ބަދަލެއް ހޯދުމަށް ވުރެ ބޮޑަށް، 2،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާ އަދި 250 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ސްކޫލުތަކުގެ ބިމުގެ ގާނޫނީ ބެލެނިވެރިކަމާ މެދު މިހާރު އުފެދިފައިވާ ސުވާލަށް ޖަވާބު ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތަކަށް އައި ބަދަލުތަކާ ހެދި ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ތިން ފަހަރެއްގެ މަަތިން ސަރުކާރުން ވަނީ އަޅުގަނޑާއެކު ވެފައިވާ އެއްބަސްވުން ބަދަލުކޮށް، އާ އިސްލާހުތަކާއެކު ސޮއިކޮށްފައި. ބިމުގެ ވެރިފަރާތަކީ ކޮން ފަރާތެއް ކަމެއް ހަތް އަހަރު ފާއިތުވެގެން ދިޔައިރު ވެސް ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ރަސްމީކޮށް ކަށަވަރު ކޮށްދެވިފައެއް ނުވޭ،" އަބްދުއްރަޝީދު ވިދާޅުވި އެވެ.
އެއްބަސްވުމުގައި އައިލެންޑާސް އިން އެންމެ ފަހުން ސޮއިކުރީ 2018 ގައި އެޑިއުކޭޝަން މިނިސްޓްރީއާއެކުގަ އެވެ. އެކަމަކު ސޮއިކުރި އެއްބަސްވުމަށް ނިސްބަތްވާ ބިމުގައި އިމާރާތެއް އެޅުމުގެ ހުއްދައަށް އެދުމުން، އެ ބިންތަކުގެ ގާނޫނީ ބެލެނިވެރިކަން އެ މިނިސްޓްރީގައި ނެތް ކަމަށް ބުނި ކަމަށް އަބްދުއްރަޝީދު ވިދާޅުވި އެވެ. އެހެންވެ އެ ހުއްދައެއް ނުލިބެ އެވެ.
"އެކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ކޮންމެހެން އަޅަންޖެހޭ އިތުރު ކްލާސްރޫމްތަކަށް ފައިސާ ހޯދަން އެގްރިމެންޓުން ލިބޭ ހައްގުތައް އޮތީ ނުލިބި،" އަބްދުއްރަޝީދު ވިދާޅުވި އެވެ.
އަމީރު އަހުމަދު ޕްރީސްކޫލު ހިންގަން 2013 ވަނަ އަހަރު އާ އިމާރާތެއް އަޅާފައި ވެ އެވެ. އެ ސްކޫލުގައި މިހާރު ވެސް 768 ދަރިވަރުން ކިޔަވަމުން އަންނައިރު އެ ޕްރީ ސްކޫލުން ނަގަނީ، މާލޭގެ އެހެން ޕްރީސްކޫލުތަކާ ހިލާފަށް ވަރަށް ކުޑަ ފީއެކެވެ. އެއީ 250ރ. އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މުޅި ދުނިޔެ އަށް ވެސް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އައިލެންޑާސްގެ ސްކޫލުތަކަށް ވެސް ވަނީ މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން މިހާރު ވެސް އިންޓަނޭޝަނަލް ޕްރީ ސްކޫލުގެ ބޭބީ ނާސަރީ އާއި ނާސަރީން 220 އަށް ވުރެ ގިނަ ދަރިވަރުން ވަކިވެފައިވާ ކަމަށް އަބްދުއްރަޝީދު ވިދާޅުވި އެވެ. ކޮވިޑުގެ ހާލަތަށް ބަލައި ފީ ދެއްކުމަށް ޑިސްކައުންޓު ދިނަސް މާލީ އެކި ސަބަބުތަކާ ހެދި ބެލެނިވެރިންނަށް ފީ ދެއްކުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.
ސްކޫލުތައް ބަންދުވީއްސުރެ ހުރިހާ މުވައްޒަފުންނަށް ބަރާބަރަށް ދިޔައީ މުސާރަ ދެމުން ކަމަށާއި އެކަމަކު ވޭތުވެދިޔަ ތިން މަހުގެ ތެރޭގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އަބްދުއްރަޝީދު ވިދާޅުވި އެވެ.
"އިންޓަނޭޝަލަން ސްކޫލްތަކުގައި އޮންލައިކޮށް ކިޔަވައިދޭ ވޯކްލޯޑުތަކަށް ބަލައި މަސައްކަތް ކުރަމުންދާ ޓީޗަރުންނަށް ހަމައަށް މުސާރަ ދިނުމަށްޓަކައި ބައެއް މުވައްޒަފުން ޕާޓް ޓައިމަށް ބަދަލުކުރުމާއި އަދި ބައެއް މުވައްޒަފުން ރިޑަންޑަންޓް ކުރަން ވެސް ޖެހިފައިވޭ. އިންޓަނޭޝަނަލް ސްކޫލްތަކުން ލިބޭ އާމްދަނީއަށް ބަރޯސާވެގެން ހެންވޭރު ޕްރީ ސްކޫލް ކުޑަ ފީއެއްގައި ހިންގާ ގޮތަށް ބައްޓަން ކުރެވިފައިވާ ޕްރޮޖެކްޓަށް ބުރޫއަރައި މި ސްކޫލްގައި 6،000 ރުފިޔާ އަށް ވުރެ މުސާރަ ބޮޑު މުވައްޒަފުންނަށް މިހާރު ދެވެނީ މުސާރައިގެ 50 ޕަސެންޓް،" އަބްދުއްރަޝީދު ވިދާޅުވި އެވެ.
"މި އުސޫލުގެ ދަށުން މުސާރަ 6،000 އަށް ވުރެ ކުޑަވާ ނަމަ އެ މުވައްޒަފުންގެ މުސާރަ އިން އެއްވެސް ބައެއް އުނިނުކޮށް ކުރިން ވެސް ލިބެމުން އައި ހަމަ މުސާރަ އެ މުވައްޒަފުންނަށް ދެމުން އަންނަނީ."
އަބްދުއްރަޝީދު ވިދާޅުވީ، ހެންވޭރު ސްކޫލަކީ އަވަށު ސްކޫލަކަށް ވާތީ، ބައެއް މުވައްޒަފުންގެ މުސާރަ މި ދުވަސްކޮޅަށް ކުޑަކޮށްގެން ވިޔަސް ހުރިހާ އެންމެންގެ ވަޒީފާ ހިމާޔަތް ކުރެވޭތޯ މިހާ ހިސާބަށް ވެސް އޭނާ ވާނީ މަސައްކަތް ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ، އެއްބަސްވުމާ އެއްގޮތަށް މުޅި ޕްރޮޖެކްޓް ކުރިއަށް ނުގެންދެވި ގިނަ ގެއްލުންތަކެއް ލިބިފައިވަނިިކޮށް، ކޮވިޑްގެ ސަބަބުން އެ ގެއްލުންތައް ބޮޑުވުމުން، އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދި އެޑިއުކޭޝަން މިނިސްޓްރި އާއި ކަމާބެހޭ އެހެން އިދާރާތަކަށް ސިޓީ ފޮނުވައި ތަކުރާރުކޮށް އެދިވަޑައިގެންނެވި ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރާކަމުގެ އިޝާރާތެއް މިނިސްޓްރީން ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު ސްކޫލްތަކުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އެކަމަށް އަވަހަށް ހައްލެއް ހޯދުން މުހިއްމު ކަމަށް އަބްދުއްރަޝީދު ވިދާޅުވި އެވެ.
ބިމުގެ ވެރިފަރާތް ނޭނގި އައިލެންޑާސް އަށް ދަތިތަކެއް!
ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް ރާއްޖެ އަށް
ފިންލޭންޑު އިންޓަނޭޝަނަލް ސްކޫލެއް ރާއްޖޭގައި ހުޅުވަނީ
އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު 28 ގައި
އަންނަ އަހަރު ގްރޭޑް 1 އަށް ވައްދަން ހުޅުވާލައިފި
އަރަބިއްޔާގެ މޫނުބުރުގާ އެޅުމުގެ މައްސަލަ ކޯޓުން ބޭރު
ސްކޫލްތަކުގެ މައުލޫމާތާއެކު އެޑިއުކޭޝަންގެ އާވެބްސައިޓެއް
ވޭޕް މަނާކޮށްދިނުމަށް އެދި ބެލެނިވެރިންގެ ޕެޓިޝަނެއް
ވޭޕަށް އެޑިކްޓް ޖީލެއް ސްކޫލްތަކުން ނުކުތުމުގެ ބިރު!
ޕީޓީއޭއަށް ފައިސާ ހޯދަން ކޮންމެ ކުއްޖަކަށް ފަންގަނޑެއް