Roadha Mihaaru
އާ ސިޔާސަތާ އެކު ތަފާތެއް ފެންނާނެތަ؟

ތަޖުރިބާއަށް ފަހު، އާ ސިޔާސަތެއް: ތަފާތެއް ފެންނާނެތަ؟

09 ޖެނުއަރީ 2019

ޖިނާއީ އަދުލުގެ ނިޒާމަށް ފަހުގެ ތާރީޚުތަކުގައި ބޮޑެތި ބަދަލުތަކެއް ގާނޫނީ ގޮތުން އަތުވެއްޖެ އެވެ. ޖިނާއީ އަދުލުގެ ނިޒާމާ މެދު ބޭރުގެ ފަރާތްތަކާއި ގާނޫނީ ބޭފުޅުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށާއި ޒަމާނީ ބަދަލުތަކެއް ތައާރަފް ކުރަން މުހިންމު ގާނޫނުތަކެއް ވެސް އުފަންވެއްޖެ އެވެ. އެކަމަކު އަދިވެސް އެ ނިޒާމާ މެދު ކަންބޮޑުވުންތައް ހުރި ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ އަދުލުގެ ނިޒާމަށް ފަހުގެ ތާރީޚުތަކުގައި ބޮޑެތި ބަދަލުތަކެއް ގާނޫނީ ގޮތުން އަތުވެއްޖެ އެވެ. ޖިނާއީ އަދުލުގެ ނިޒާމާ މެދު ބޭރުގެ ފަރާތްތަކާއި ގާނޫނީ ބޭފުޅުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށާއި ޒަމާނީ ބަދަލުތަކެއް ތައާރަފް ކުރަން މުހިންމު ގާނޫނުތަކެއް ވެސް އުފަންވެއްޖެ އެވެ. އެކަމަކު އަދިވެސް އެ ނިޒާމާ މެދު ކަންބޮޑުވުންތައް ހުރި ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ.

މިދިޔަ ހަފުތާގައި އެ ނިޒާމަށް އަނެއްކާވެސް ތާރީޚީ ބަދަލެއް އަތުވެއްޖެ އެވެ. ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު ސިޔާސަތަށް 10 އަހަރު ފަހުން ބަދަލު ގެނެސް، މުޅިން އާ ސިޔާސަތެއް ބަންޑާރަ ނައިބު ކަނޑައެޅުއްވީ އެވެ. އާ ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ކަނޑައެޅި ސިޔާސަތު އުވާލުމަށް ފަހު، އަލަށް ކަނޑައެޅި ސިޔާސަތު އޮތީ ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ތަފާތުކޮށެވެ.

ކުރިން އަމަލު ކުރަމުން އައި ސިޔާސަތު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ކުށުގެ ބާވަތަށް ބަލައި ދައުވާ ކުރެވެން ޖެހޭ މައްސަލަތައް ކަނޑައެޅުމެވެ. މިސާލަކަށް މީހުން މެރުމާއި މަސްތުވާތަކެތި އެތެރެ ކުރުމާއި ޓެރަރިޒަމާއި ޚިޔާނާތާއި ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގުން ފަދަ ކުށްތައް އެއީ އޭރު ސިޔާސަތު އޮތް ގޮތުން އިސްތިސްނާ ހާލަތްތަކުގައި ނޫނީ އާންމު އުސޫލުން ދައުވާ ކުރަން ޖެހޭ މައްސަލަތަކެވެ.

އޭގެ ބަދަލުގައި މިފަހަރު ކަނޑައެޅި ސިޔާސަތު އޮތީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ޒިންމާތައް މަތިކޮށްފަ އެވެ. ދައުވާ ކުރަން ޖެހޭ މައްސަލަތަކާއި ދައުވާ ނުކޮށް، ދޫކޮށްލަން ޖެހޭ މައްސަލަތައް ކަނޑައެޅުމުގެ ބަދަލުގައި އާ ސިޔާސަތު އޮތީ ޕީޖީގެ ޒިންމާތައް އަދާކުރުމުގައި ހަމަހަމަ ވުމާއި ތުހުމަތު ކުރެވޭ މީހުންނާ މެދު ޖިނާއީ އިޖްރާއާތުގެ ތެރެއިން އެޅޭ ފިޔަވަޅުތަކަށް ޕްރޮސެކިއުޓާ ޖެނެރަލް ފާރަވެރިވުން ފުޅާކޮށްފަ އެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކޮންމެ މީހަކާ މެދު އަޅާ ފިޔަވަޅަކީ ވެސް ގާނޫނުތަކާ އެއްގޮތަށް އެޅޭ ފިޔަވަޅުތަކެއް ކަން ކަށަވަރު ކުރަން ޖެހޭ ގޮތަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ ޒިންމާތަކުގެ ތެރެއިން އެންމެން ވެސް ދަންނަ ކަންކަމަކީ ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމާއި ނުކޮށް ދޫކޮށްލަން ނިންމުމާއި ޖިނާއީ މައްސަލަތަކުގައި ދައުލަތް ތަމްސީލު ކުރުމެވެ. ގިނަ ބަޔަކަށް ޕީޖީގެ ޒިންމާތައް ތަސައްވުރު ކުރެވިފައި އޮތީ މި މިންވަރަށް އެކަނި ކަމަށް ވިޔަސް، ގާނޫނީ ގޮތުން ޕީޖީގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެއަށް ވުރެ މާ ފުޅަލެވެ. މުޖްތަމައުގެ ހައްގުގައި ޖިނާއީ ދައުވާތައް އުފުލުމުގެ އިތުރުން ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމަކީ ވެސް ޕީޖީގެ މަސްއޫލިއްޔަތެކެވެ.

މިނިވަން ފަރާތެއްގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލް ގާނޫނު އަސާސީން އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައަޅާފައި ވިޔަސް، ޕީޖީގެ ޒިންމާތައް އަދާކުރާ ގޮތާ މެދު ފާޑުކިޔުންތަކާއި ޝަކުވާތައް އަބަދުވެސް އޮވެ އެވެ. ދައުވާ ކުރުމުގައި ހަމަހަމަކަން ނެތުމާއި ސިޔާސީ ގޮތުން ވަކި ބަޔަކަށް އަމާޒު ކޮށްގެން ދައުވާތައް ކުރުމުގެ ޝަކުވާ އާއި އިޖްރާއާތުތަކާ ޚިލާފަށް ކަންކަން ދާއިރު ވެސް ފިޔަވަޅެއް ނޭޅުން ފަދަ މައްސަލަތަކަކީ ވޭތުވެދިޔަ 10 ވަރަކަށް އަހަރު ހުއްޓުމެއް ނެތި އައި ޝަކުވާތަކެކެވެ.

ތަހުގީގުތަކަކީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ކުރާ ކަމެއް ކަމަށް ވިޔަސް، އެ މަރުހަލާ ހިނގަނީ ގާނޫނުތަކާ އެއްގޮތަށްތޯ ކަށަވަރު ކުރުމުގެ ޒިންމާތަކެއް ގާނޫނީ ގޮތުން ޕީީޖީއަށް އޮވެ އެވެ. އެގޮތުން ތަހުގީގުތައް ހިނގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމާއި ތަހުގީގު މަރުހަލާގައި މީހުން ހައްޔަރުކޮށް، ބަންދު ކުރާ ހާލަތްތައް ބަލައި އެކަންކަން ހިނގަނީ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމަކީ ވެސް ގާނޫނީ ގޮތުން ޕީޖީގެ މަސްއޫލިއްޔަތެކެވެ. އެކަމަކު އެކަމުގައި ވެސް ޕީޖީގެ އިހުމާލު އޮންނަ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.

މިސާލަކަށް ކޮންމެހެން "ހައްޔަރު ކުރަން ނުޖެހޭ" ފަދަ މައްސަލަތަކުގައި ތަހުގީގު މަރުހަލާގައި މީހުން ހައްޔަރު ކުރުމާއި ތަހުގީގުތަކުގައި އިޖްރާއާތުތަކާ ޚިލާފަށް ކަންކަން ކުރާ ކަމުގެ ޝަކުވާ އެވެ. މިނޫނަސް ކިތަންމެ ޝަކުވާއަކާއި ފާޑުކިޔުމެކެވެ. އެކަންކަމާ ގުޅިގެން ފާޑުކިޔުމުގެ އިނގިލިތައް ކޮންމެ ފަހަރަކު ޕީޖީއަށް އަމާޒުވާ އެންމެ ބޮޑު ސަބަބަކީ ވެސް ކުރިން ދެންނެވިހެން، ފާރަވެރިވުމުގެ ޒިންމާ ޕީޖީއަށް ގާނޫނުން މަތިކޮށްފައި އޮތުމެވެ.

އާ ސިޔާސަތު އޮތީ ވަރަށް ބޮޑަށް މިކަންކަމަށް އަމާޒުކޮށްފަ އެވެ. އާ ސިޔާސަތު ބުނާ ގޮތުން ތަހުގީގު މަރުހަލާގައި މީހުން ހައްޔަރުކޮށް، ބަންދު ކުރުމުގެ ކަންކަން ހިނގާ ގޮތް ބެލުމާއި ތަހުގީގުތައް ހިނގަމުންދަނީ ގާނޫނުތަކާ އެއްގޮތަށްތޯ ބެލުމުގެ އިތުރުން އެ މަސައްކަތްތަކާ ބެހޭ ތަފްސީލީ މައުލޫމާތު ހިމެނޭ ރިޕޯޓެއް އަހަރަކު ދެ ފަހަރު ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހޭނެ އެވެ. މި މަސައްކަތްތަކުގެ ތަފްސީލްތައް މަޖިލީހަށް ރިޕޯޓް ކުރުމަކީ ޕީޖީގެ މައްޗަށް އަލަށް އިތުރުވި ޒިންމާއެކެވެ.

މީގެ އިތުރުން ދައުވާ ކުރުމުގައި އިޖްރާއީ އުސޫލުތަކާއި އިންސާނީ ކަރާމާތާއި އަސާސީ ހައްގުތައް ކަށަވަރު ކުރުމާއި ޖިނާއީ އެއްވެސް އިޖްރާއާތެއްގައި ހިންގުމުގައި މީހެއްގެ ހައްގެއް ގެއްލޭ ގޮތަށް ނުވަތަ ގާނޫނަކުން ކަނޑައަޅާފައިވާ އިޖްރާއަތާ ޚިލާފަށް ކަމެއް ހިނގައިފި ނަމަ، އެކަމެއް އިސްލާހު ކުރަން ފިޔަވަޅުތައް އެޅުން ވެސް މިފަހަރުގެ ސިޔާސަތުގައި ޕީޖީގެ މައްޗަށް މަތިކޮށްފައިވެ އެވެ.

ބަންޑާރަ ނައިބު ރިފްއަތު: -ފޮޓޯ/ރައީސް އޮފީސް

ބަންޑާރަ ނައިބު ރިފްއަތު: -ފޮޓޯ/ރައީސް އޮފީސް

ހައްގެއް ގެއްލޭ ގޮތަށް ނުވަތަ ބައިނަލްއަގްވާމީ އުސޫލަކާ ނުވަތަ ގާނޫނަކާ ޚިލާފަށް ޖިނާއީ އެއްވެސް މައްސަލައެއްގައި ފިޔަވަޅެއް އަޅާފައިވާ ނަމަ، އެކަމެއް ދިފާއު ކުރުމުގެ ބަދަލުގައި އެކަން އިސްލާހު ކުރަން މަސައްކަތް ކުރުމާއި ދައުވާ ކުރުމުގައި ގޮތެއް ނިންމާއިރު، އެއްވެސް މީހަކާ މެދު އަނިޔާވެރި ނުވެވޭ ގޮތަށް އަދި އެއް ހާލަތެއްގައި ތިބޭ މީހުންނާ މެދު އެއް ހަމައަކުން ފިޔަވަޅު އެޅުން ވެސް އާ ސިޔާސަތުގައި ޕީޖީގެ މައްޗަށް ލާޒިމް ކޮށްފައިވެ އެވެ.

ކުރުކޮށް ބުނާ ނަމަ އާ ސިޔާސަތު މިފަހަރު މުޅިން އޮތީ ޕީޖީން ހައްގުތައް ކަށަވަރުކޮށް ދިނުމާއި ފާރަވެރިވާ ނިޒާމެއްގެ މައްޗަށެވެ. ޖިނާއީ އަދުލުގެ ނިޒާމުގައި މުއައްސަސާއަކުން ގޯހެއް ހަދާ ނަމަ، އެކަމެއް ހުއްޓުވައި އިސްލާހު ކުރުވުމަށެވެ.

އެ ސިޔާސަތުން ގެނައި މައިގަނޑު ބަދަލުތައް ރަނގަޅު ކަމަށް ގާނޫނީ ގިނަ ބޭފުޅުން ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ. ވޭތުވެދިޔަ ތަނުގެ ތަޖުރިބާއަށް ބަލާއިރު، ޕީޖީގެ ފާރަވެރިވުމުގެ ނިޒާމު ވަރުގަދަ ކުރުން މުހިންމު ކަމަށް އެ ބޭފުޅުން ވެސް ދެކެވަޑައިގަންނަވަ އެވެ. އާ ސިޔާސަތު އޮތީ ކުރީގެ ތަޖުރިބާއަށް ބަލައިގެން ބައްޓަން ކޮށްފައި ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

"މިހާތަނަށް ވެސް ތަހުގީގީ އިދާރާތަކުން ޑިއު ޕްރޮސެސް ވައިލޭޓް ކުރީމަ ކަންކަން މިހާ ހިސާބަށް ގޯސްވެފައި މި އޮތީ،" ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި އެވެ.

އެ ސިޔާސަތުގައި އަލަށް ކަނޑައެޅި އަނެއް ކަމަކީ އެއް ކުށަކާ ގުޅޭ ގޮތުން ދެ ގާނޫނެއް އޮންނަ ހާލަތުގައި، އޭގެ ތެރެއިން ލުއި އަދަބެއް އޮންނަ ގާނޫނެއްގެ ދަށުން ދައުވާ ކުރަން ޖެހުމެވެ. މާނައަކީ މިސާލަކަށް، ވައްކަން ކުރުމުގެ ކުށް ބަޔާންކުރާ ދެ ގާނޫނެއް އޮވެއްޖެ ނަމަ، އޭގެ ތެރެއިން ލުއި އަދަބެއް އޮތީ އަދި ތުހުމަތުކުރެވޭ މީހާއަށް ލުއި އިޖްރާއާތުތަކެއް އޮތީ ކޮން ގާނޫނެއްގައިތޯ ބަލައި، އެ ގާނޫނެއްގެ ދަށުން ދައުވާ ކުރުމެވެ.

އެކަމަކު އެގޮތަށް ސިޔާސަތުގައި އޮތުމުން ގާނޫނީ މައްސަލަތަކެއް ނިކުތުމުގެ ފުރުސަތު އެބަ އޮތެވެ. ސަބަބަކީ ބައެއް ބާވަތުގެ ބޮޑެތި ކުށްތަކާ ގުޅޭ ގޮތުން ޚާއްސަ ގާނޫނުތަކެއް ހެދި، އެ ގާނޫނުތަކަށް އިސްކަން ދޭންޖެހޭ ގޮތަށް ގާނޫނުތައް މިހާރު އޮތުމެވެ. މިފަދަ ޚާއްސަ ގާނޫނުތަކަށް އިސްކަން ދޭން ޖެހޭނެ ކަމަށް ގާނޫނުލް އުގޫބާތުގައި ވެސް ބަޔާން ކޮށްފައިވެ އެވެ.

ގާނޫނުލް އުގޫބާތުގައި ވަކި ކުށަކަށް އޮތީ ލުއި އަދަބެއް ކަމަށް ވިޔަސް، އަދި ލުއި އިޖްރާއާތުތަކެއް ކަމަށް ވިޔަސް، ގާނޫނުލް އުގޫބާތު މިހާރު އޮތް ގޮތުން ދައުވާ ކުރަން ޖެހޭނީ އަދި އަދަބު ކަނޑައަޅަން ޖެހެނީ ވެސް މިދެންނެވި ފަދަ ޚާއްސަ ގާނޫނުތަކުގެ ދަށުންނެވެ. ބޮޑެތި އެކި ބާވަތުގެ ކުށްތަކާ ގުޅޭ ގޮތުން އެފަދަ ނުވަ ވަރަކަށް ޚާއްސަ ގާނޫނު މިހާރު ވެސް ވުޖޫދުގައި އެބަ އޮތެވެ.

މިސާލެއްގެ ގޮތުން، މީހުން މެރުމުގެ މައްސަލަތައް ބަލަމާ ހިނގާށެވެ. ގާނޫނުލް އުގޫބާތުގައި ވެސް މީހުން މެރުން އެއީ ކުށެކެވެ. އެކަމަށް ދެވޭނެ އަދަބު ވެސް ގާނޫނުލް އުގޫބާތުގައި އެބަ އޮތެވެ. އެކަމަކު ތޫނު އެއްޗަކުން ނުވަތަ ނުރައްކާތެރި އެއްޗެއް ބޭނުން ކޮށްގެން މީހުން މެރުމުގެ މައްސަލަތަކުގައި ދައުވާ ކުރަން ޖެހެނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. ސަބަބަކީ އެއީ ގާނޫނުލް އުގޫބާތުގެ މައްޗަށް އިސް ވެގެންވާ ޚާއްސަ ގާނޫނަކަށް ވާތީ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނާއި ޖިންސީ ކުށުގެ ގާނޫނު ފަދަ ފަދަ މުހިންމު ގާނޫނުތަކަކީ ވެސް މިދެންނެވި ފަދަ ޚާއްސަ ގާނޫނުތަކުގެ ތެރޭގައި ހިމެނެ އެވެ. އެހެންވެ، އެފަދަ ގާނޫނުތަކުގެ ދަށުން މިހާރު ދައުވާ ކުރެވިދާނެތޯ އެއީ އުފެދޭ ސުވާލެކެވެ.

ބައެއް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ލުއި ގާނޫނުތަކުގެ ދަށުން ދައުވާ ކުރަން ޖެހޭނެ ކަމަށް ސިޔާސަތުގައި އޮތުމުން، ޚާއްސަ ގާނޫނުތަކަށް އިސްކަން ދިނުމަށް ގާނޫނުލް އުގޫބާތުގައި އޮންނަ އޮތުމާ ފުށުއަރަ އެވެ. އެހެންވެ، އެކަމުގައި އޮތް ހައްލަކީ ގާނޫނުލް އުގޫބާތާ ފުށުނާރާ ގޮތަކަށް އަދި ގާނޫނުލް އުގޫބާތުގައި ބުނާ ފަދަ ޚާއްސަ ގާނޫނުތަކުގެ ދަށުން ދައުވާ ކުރަން ހުރަސް ނޭޅޭނެ ގޮތަށް އެ ސިޔާސަތު މާނަކުރުން ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެ ސިޔާސަތުގައި މާނަކުރަން ޖެހޭނީ ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާ ބާވަތުގެ މައްސަލަތަކުގައި ލުއި ގާނޫނަކުން ދައުވާ ކުރަން ޖެހޭ ގޮތަށް. އެއްވެސް ހާލެއްގައި، ގާނޫނުލް އުގޫބާތުގައި ހުރި ޚާއްސަ ގާނޫނުތަކުގެ ބަދަލުގައި ލުއި ގާނޫނަކުން ދައުވާ ކުރާ ވާހަކައެއް ނޫން ކަމަށް އަޅުގަނޑު ދެކެނީ. ސަބަބަކީ ބަންޑާރަ ނައިބަކަށް ވެސް ގާނޫނަކާ ޚިލާފަށް ކަމެއް ކުރާކަށް ނޭންގޭނެ. އަދި އެފަދަ އެންގުމެއް ބަންޑާރަ ނައިބު އަންގަފާނެ ކަމަށް އަޅުގަނޑުމެން މާނަކޮށްގެން ވެސް ނުވާނެ،" ޖިނާއީ ބޮޑެތި މައްސަލަތަކެއްގައި ވަކާލާތު ކުރައްވާފައިވާ ވަކީލަކު ވިދާޅުވި އެވެ.

މީގެ އިތުރުން ބޮޑުވެފައިވާ، ސިއްރު ހެކިވެރިން ބޭނުން ކުރުމުގެ މައްސަލައަށް ވެސް އެ ސިޔާސަތުގައި ވަނީ ހައްލުތަކެއް ގެނެސްދީފަ އެވެ. ގާނޫނުތައް ހުރި ގޮތުން ކޮންމެ ބާވަތެއްގެ ޖިނާއީ މައްސަލައެއްގައި ވެސް ސިއްރު ހެކި ބޭނުން ކުރުމުގެ ފުރުސަތު އޮތަސް، އާ ސިޔާސަތު ބުނާ ގޮތުން ސިއްރު ހެކިވެރިން ބޭނުން ކުރަން ޖެހޭނީ މީހުން މެރުމާއި ޓެރަރިޒަމާއި ގޭންގް ކުށްތަކުގެ މައްސަލަތަކުގައި އެކަންޏެވެ. އެހެންވެ، އާންމު ޖިނާއީ މައްސަލަތަކުގައި ސިއްރު ހެކި ބޭނުން ކުރުން އެ ސިޔާސަތަކާ އެކު ނިމުމަކަށް އައީ އެވެ.

ސިއްރު ހެކި ބޭނުން ކުރެވޭނެ މައްސަލަތަކެއް އެ ސިޔާސަތުގައި ކަނޑައެޅުމަކީ މިވަގުތު ރަނގަޅު ބަދަލެއް ކަމަށް ގާނޫނީ ގިނަ ބޭފުޅުން ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ. އެކަމަކު ސީރިއަސް ނޫން ބާވަތުގެ މައްސަލަތަކުގައި ވެސް، ޚާއްސަ ހާލަތްތަކެއްގައި ސިއްރު ހެކި ބޭނުން ކުރަން ޖެހިދާނެ ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.

"ސިއްރު ހެއްކަކީ ތުހުމަތު ކުރެވޭ ފަރާތުގެ ވަރަށް ގިނަ ހައްގުތަކެއް ގެއްލިގެންދާ އެއްޗެއް. އެކަން އޮތީ ވަރަށް ބޮޑުވެފައި. އެހެންވެ މިވަގުތު ކެޓަގަރައިޒް ކުރުން ވަރަށް މުހިންމު. އެކަމަކު ފަހުން ގާނޫނެއްގައި ލިޔެގެން ޚާއްސަ އިސްތިސްނާތަކެއް ކަނޑައެޅިދާނެ އެހެން ބާވަތުގެ މައްސަލަތަކަށް ވެސް،" ކުރިން ވާހަކަ ދެއްކެވި ވަކީލް ވިދާޅުވި އެވެ.

ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރަން މުހިންމު އެތައް ގާނޫނެއް ހެދިއްޖެ އެވެ. ޒަމާނީ އެތައް ބަދަލެއް ގެނެސްފި އެވެ. އެކަމަކު އެ ނިޒާމާ މެދު ހުރި ޝަކުވާތަކަށް އަދިވެސް ނިމުމެއް ނަ އެވެ. މިފަހަރު މިއީ ޕީޖީގެ މައްޗަށް އިތުރު ޒިންމާތަކެއް އުފަންކޮށް، އާ ސިޔާސަތެކެވެ. ދެން އޮތީ މި ސިޔާސަތުން މިފަހަރު ތަފާތެއް ފެނިދާނެތޯ ބެލުމެވެ.