Roadha Mihaaru
ޕީޖީގެ އުސޫލު ބަަދަލުކުރަަން ޖެހޭ ނަމަ ކުރާނަން: އޭޖީ

ނުރައްކާތެރި މީހުން ދޫވިޔަ ނުދޭން، ޕީޖީގެ އުސޫލަށް ގެންނަން ޖެހޭ ބަދަލެއް އޮތް ނަމަ ގެންނާނަން: އޭޖީ

20 ސެޕްޓެމްބަރ 2021

ޓެރަރިޒަމްގެ އަމަލުތައް ފަދަ ނުރައްކާތެރި ކުށްތައް ކުރާ މީހުން ދޫވިޔަ ނުދިނުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް އަމަލުކުރާ އުސޫލަށް ނުވަތަ ސިޔާސަތަށް ގެންނަން ޖެހޭ ބަދަލެއް އޮތް ނަމަ އެ ބަދަލެއް ގެންނަވާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޓެރަރިޒަމްގެ އަމަލުތައް ފަދަ ނުރައްކާތެރި ކުށްތައް ކުރާ މީހުން ދޫވިޔަ ނުދިނުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް އަމަލުކުރާ އުސޫލަށް ނުވަތަ ސިޔާސަތަށް ގެންނަން ޖެހޭ ބަދަލެއް އޮތް ނަމަ އެ ބަދަލެއް ގެންނަވާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާގައި ވަޒީޒުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށްް ޖަވާބު ދެއްވަމުން އޭޖީ ވިދާޅުވީ، ޓެރަރިޒަމްގެ ކުށްތައް ކުރާ މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަކީ ހުރިހާ ގައުމެއްގައި ވެސް ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެފަދަ ކުށްތައް ކުރާ މީހުންނާ ދެކޮޅަށް ހެއްކާއި ގަރީނާ ހޯދުމަކީ ވެސް އޭނާ ވިދާޅުވި ގޮތުގައި ގޮންޖެހުންް ބޮޑު ކަމެކެވެ. ހޯދާ ހެކިން ލިބޭ މައުލޫމާތު ޝަރުއީ މަރުހަލާ އަށްް ގެންދިއުމުގައި ވެސް މައްސަލަތައް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.

"ޓެރަރިޒަމް ގާނޫނަށް [އިސްލާހު ގެންނަން] އެންމެ ފަހުން ވެސް އަޅުގަނޑުމެން ބިލެއް އެކުލަވާލައި، ހުށަހަޅާފައި މި އޮތީ ތަންފީޒީ އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް. އެހެންވީމާ ކުރިއަށް އޮތް ތަނުގައި ވެސް ހަމަ އެ މަގުން އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ރިފްއަތު ވިދާޅުވި އެވެ.

"އޭގެ އިތުރަށް ޕްރޮސެކިއުޓާ ޖެނެރަލް އަމަލުކުރަން ޖެހޭ ސިޔާސަތަށް ގެންނަން ޖެހޭ ބަދަލެއް އޮތް ނަމަ އެ ކަމެއް ވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނަން."

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭޖީ ވިދާޅުވީ، ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުވާ މީހުންނާއި ހަނގުރާމަތަކަށް ގޮސްފައި އަންނަ މީހުން ދޫވިޔަނުދީ ހިފަަހައްޓަން ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އެކަމަކު، އެފަދަ ނުރައްކާތެރި މީހުން މުޖުތަމައުގެ ތެރެއަށް ދޫވަމުންދާ ކަމަށް ވިދާޅުވެ، އެ ކަމުގައި އިހުމާލުވަނީ ކޮން ފަރާތަކުންތޯ ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ސުވާލު ކުރެއްވި އެވެ.

"ވަކި މިވެނި ފަރާތެކޭ ދަންނަވަން އަަޅުގަނޑަށް އުނދަގޫ އިނގޭތޯ. އަަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އަޅުގަނޑުމެން ގާނޫނު މި ހަދަނީ މި މައްސަލަަ އަށް ހައްލު ހޯދަން. އަަޅުގަނޑު މި ދަންނަވަނީ މިހާރު އަޅުގަނޑުމެން އަމަލުކުރާ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި، މިކަން [ޓެރަރިޒަމް] ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތައް ސާފުކޮށް، ސަރީހަކޮށް ބަޔާން ކޮށްފައި އެބަހުއްޓޭ،" އެ ސުވާލަށް ޖަވާބުދެއްވަމުން އޭޖީ ރިފްއަތު ވިދާޅުވި އެވެ.

ޓެރަރިޒަމް ގާނޫނަށް [އިސްލާހު ގެންނަން] އެންމެ ފަހުން ވެސް އަޅުގަނޑުމެން ބިލެއް އެކުލަވާލައި ހުށަހަޅާފައި މި އޮތީ ތަންފީޒީ އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް. އެހެންވީމާ ކުރިއަށް އޮތް ތަނުގައި ވެސް ހަމަ އެ މަގުން އަޅުގަނޑުމެން މަސައްކަތް ކުރާނަން. އޭގެ އިތުރަށް ޕްރޮސެކިއުޓާ ޖެނެރަލް އަމަލުކުރަން ޖެހޭ ސިޔާސަތަށް ގެންނަން ޖެހޭ ބަދަލެއް އޮތް ނަމަ އެ ކަމެއް ވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.---- އެޓާނީ ޖެނެރަލް

އޭނާ ވިދާޅުވިގޮތުގައި، ހައްލެއް ހޯދަން ޖެހެނީ ގާނޫނު ތަންފީޒުކުރުމުގައި ހުރި މައްސަލަތަކަށެވެ.

ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ޝަރުއީ މަރުހަލާގައި ދޫވަނީ ކަމާބެހޭ އިދާރާތަކުން ނިޒާމީ ގޮތެއްގައި މަސައްކަތް ކުރާތީ ކަމަށް ތުހުމަތު ކުރެވޭތޯ ވެސް މެމްބަރަކު މިއަދު ސުވާލު ކުރެއްވި އެވެ. މާފަހުން އުތުރު ދާއިރާގެ އެމްޑީޕީ މެމްްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި އެ ސުވާލަށް ޖަވާބު ދެއްވަމުން ރިފްއަތު ވިދާޅުވީ، އެފަދަ ކަމެއް އެގޮތަށް ނުހިނގާނެ ކަމަށް ނުދަންނަވާނެ ކަމަށެވެ. އެހެންވެ، އެކަން ހައްލު ކުރެވޭނީ ދައުލަތުގެ އިދާރާތަކުގެ ގުޅުން އިތުރަށް ވަރުގަދަ ކޮށްގެން ކަމަށް އޭޖީ ވިދާޅުވި އެވެ.