Roadha Mihaaru
ދައުވާކުރުމުގެ މުއްދަތު އިތުރުކުރަން ހުށަހަޅައިފި

ކޮވިޑް-19 އާ ގުޅިގެން ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތު އިތުރުކުރަން ކޮމެޓީން ހުށަހަޅައިފި

22 އެޕްރީލް 2020

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތު އިތުރުކޮށް، ގާނޫނަށް ޚާއްސަ އިސްލާހެއް ގެންނަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތު އިތުރުކޮށް، ގާނޫނަށް ޚާއްސަ އިސްލާހެއް ގެންނަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ހުށަހަޅައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޮފީސްތަކާއި ސްކޫލްތައް ވެސް އޮތީ ބަންދުކޮށްފަ އެވެ. އެހެންވެ، އޮފީސްތަކުން ގިނަ ޚިދުމަތްތައް ދެމުން އަންނަނީ އޮންލައިންކޮށެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ޖުޑިޝަރީ ކޮމެޓީގެ އިހްތިސާސްގައި ހިމެނޭ މުއައްސަސާތަކުގެ މަސައްކަތްތަކާ ބެހޭގޮތުން އެ ކޮމެޓީން ފާސްކޮށް، މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ވަނީ ޖިނާއީ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތު ކަނޑައެޅިފައި ވިޔަސް، މިދުވަސްވަރު ފުރިހަމަ ތަހުގީގެއް ކުރެވި، އެ މުއްދަތުތަކާ އެއްގޮތަށް ދައުވާ ކުރުމަށް ދަތިތައް ކުރިމަތިވެދާނެ ކަމަށެވެ.

އެހެންވެ، އެގޮތަށް ދަތިިތައް ކުރިމަތިވާ މައްސަލަތަކުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ދައުވާ ކުރަން އިތުރު މުއްދަތެއް ޕްރޮސެކިއުޓާ ޖެނެރަލަށް ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ނުވަތަ ސަންސެޓް ގާނޫނެއް ފާސްކުރަން ހުށަހަޅާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އަދި މި ދުވަސްވަރު ކޯޓުތަކަށް ޖިނާއީ މައްސަލަ ހުށަހެޅުމުގައި ބަންދު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކާއި ޓެރަރިޒަމްގެ މައްސަލަތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކަށް އިސްކަން ދިނުމަށް އެ ރިޕޯޓުގައި ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ކޯޓުތަކުގެ މަސައްކަތްތައް އެއްކޮށް ހުއްޓުނަ ނުދިނުމަށްޓަކައި ޚާއްސަ އުސޫލުތަކެއްގެ ދަށުން އަޑުއެހުންތައް ކުރިއަށް ގެންދިއުމަށާއި އެގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދިއުމުގައި މުހިންމު މައްސަލަތަކަށް އިސްކަން ދިނުމަށް އެ ރިޕޯޓުގައި ހުށަހަޅާފައިވެ އެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަސާސީ ބައެއް ހައްގުތައް ހިފެހެއްޓެމުންދާތީ ހައްގުތަކަށް އުނިކަން އާދޭތޯ ބެލުމުގެ މައްސަލަތަކާއި ދުސްތޫރީ މައްސަލަތައް ބެލުމަށްޓަކައި ހައި ކޯޓާއި ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދަން ހުށަހަޅާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

ކޯޓުތަކުގެ އިތުރުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މައްސަލަތަކުގެ އަޑުއެހުންތައް ވެސް ކުރިއަށް ގެންދިއުމަށާއި ޕްރޯލް ބޯޑާއި ކްލެމެންސީ ބޯޑުން ވެސް އަވަހަށް ނިންމައި، ޕްރޯލާއި ކްލެމެންސީ ދޭންޖެހޭ މީހުންނަށް އެ ފުރުސަތު ފަހިކޮށް ދިނުމަށް ވެސް އެ ރިޕޯޓްގައި ހުށަހަޅާފައިވެ އެވެ.

ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތު މިދުވަސްވަރު އިތުރު ކުރަން ގާނޫނު އިސްލާހު ކުރަން ކޮމެޓީން ހުށަހެޅިއިރު، މިހާރު ގާނޫނު އޮންނަ ގޮތުން ވަކި މުއްދަތެއްގެ ތެރޭގައި މިހާރު ދައުވާ ކުރަން ޖެހެނީ ތަހުގީގު މަރުހަލާގައި ހައްޔަރު ކުރުމަށް ފަހު ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދާ މީހުންގެ މައްސަލަތަކެވެ.

އެފަދަ މައްސަލަތަކުގައި 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައިި ދައުވާ ކުރަން ޖިނާއީ އިޖްރާއާތުގެ ގާނޫނު ލާޒިމް ކުރެ އެވެ. އަދި ތޫނު ހަތިޔާރު ބޭނުން ކޮށްގެން ހިންގާ ކުށްތަކާއި ޓެރަރިޒަމްގެ ކުށްތަކުގައި ވެސް ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރަން ލާޒިމްވެ އެވެ.