03 ޖެނުއަރީ 2019
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފުއްދަން ވައުދުވި ޖުމްލަ 67 ވައުދުގެ ތެރެއިން 56 ވައުދު ފުއްދާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފުއްދަން ވައުދުވި ޖުމްލަ 67 ވައުދުގެ ތެރެއިން 56 ވައުދު ފުއްދާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދާއި ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ އަދި އަންޑާ ސެކްރެޓަރީ އަހުމަދު ހަމްދާން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ފުރަތަމަ 30 ދުވަހުގެ ވައުދުތަކުގެ ތެރެއިން މިހާރު ނުނިމެނީ 11 ވައުދެއް ކަމަށެވެ. އެކަމަކު އެ ވައުދުތަކުގެ ވެސް ބޮޑު ބައި ނިމިފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
ފުރަތަމަ 30 ދުވަހުގެ ވައުދުތަކުގެ 86 ޕަސެންޓް ފުރިހަމަ ކުރެވުމަކީ ކާމިޔާބީއެއް ކަން ފާހަގަކޮށް، ރައީސް އޮފީހުން ބުނިގޮތުގައި ހުރިހާ ވައުދުތަކެއް އެ މުއްދަތަށް ނުނިމުނު ނަމަވެސް ވަރަށް މުހިއްމު ބޮޑެތި މަސައްކަތްތަކެއް ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ބަންދު ދުވަސްތައް ނުލައި މި ސަރުކާރުގެ ފުރަތަމަ 30 ދުވަސް ހަމަވީ މިދިޔަ ހޯމަ ދުވަހަށެވެ.
"[ފުރަތަމަ 100 ދުވަހަށް] 19 ދާއިރާ އަކުން 56 ކަމެއް މި އުޅެނީ. އޭގެ ތެރެއިން އަޅުގަނޑުމެން އެންމެ ބޮޑަށް ފާހަގަކޮށްލާ ކަމަކީ ދުސްތޫރީ ވެރިކަމަށް ރުޖޫއުވުމާއި ޑިމޮކްރަސީއެއްގައި ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ކަށަވަރު ކުރުމަށް ކުރެވިފައި ހުރި ބައެއް މަސައްކަތް،" ހޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސް ކަމަށްވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ރައްކާތެރި ކުރުމުގެ ގޮތުން ވެސް ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ.
"މި ރޮނގުން ފާހަގަ ކޮށްލެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި މިނިވަން ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް ކުރިން ފާސްކޮށްފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ވަނީ ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހު ތަސްދީގު ކުރައްވާފައި،" އޭނާ ވިދާޅުވި އެވެ.
މަރުތައް ތަހުގީގު ކުރާ ކޮމިޝަނާއި ކޮރަޕްޝަން ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންތަކުން މަސައްކަތް ފެށުމަކީ ވެސް ސަރުކާރުން ހާސިލް ކުރި މުހިންމު ވައުދެއް ކަމަށް ހޫދު ވިދާޅުވި އެވެ.
އޭގެ އިތުރުން ޒުވާނުންނާ ގުޅޭ ބައެއް ދާއިރާތަކުން ވެސް ކޮށްފައިވާ ރިޔާސީ މުހިންމު ވައުދުތަކެއް ފުއްދާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
"ފުރަތަމަ ޑިގްރީ އަށް ކިޔަވަން ބޭނުންވާ ކުދިންނަށް ރާއްޖޭގެ ހުރިހާ ކޮލެޖަކާ މަތީ ތައުލީމު ދޭ މަރުކަޒުތަކުން މިހާރު ހިލޭ ކިޔެވޭ ގޮތް ވަނީ ހަމަޖެހިފައި. އަދި ބޭރުގައި ކިޔަވާ ކުދިންނަށް ދޭ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް ރޭޓް ވަނީ ތިން ޕަސެންޓަށް ކުޑަކޮށްފައި،" ހޫދު ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ މުޖްތަމައުގައި އިހްތިރާމް ލިބިގެންވާ ގައުމަކަށް ރާއްޖެ ހެދުމަށް ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"ރާއްޖެ އަކީ ރަނގަޅު ބައިނަލްއަގްވާމީ ރައްޔިތެއް ނުވަތަ ބައިނަލްއަގްވާމީ މުޖްތަމައު ބަލައިގަންނަ ފަދަ ރަނގަޅު ގައުމަކަށް ހެދުން އެއީ ވަރަށް މުހިންމު ކަމެއް. އޭގެ ދަށުން ހުރިހާ ގައުމަކާ ވެސް ގުޅުން ބަދަހިކޮށް މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައި،" ހޫދު ވިދާޅުވި އެވެ.
ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފުއްދުމަށް ވެފައިވާ ވައުދުތަކުގެ ތެރެއިން މިހާތަނަށް ނުނިމި ހުރި 11 ވައުދުގެ ތެރެއިން ގިނަ ކަންކަން ހުރީ 70 ނުވަތަ 80 ޕަސެންޓް ނިމިފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މިހާތަނަށް ނުފުއްދި ހުރި ވައުދުތަކުގެ ތެރޭގައި، މާލޭގެ އެކި މަގުތަކުގައި މުދާ އަރުވާ ބާލާނެ ސަރަހައްދުތަކެއް ކަނޑައެޅުމާއި ބްރިޖުގައި ސީސީޓީވީ އަދި ސްޕީޑު ކެމެރާތައް ހަރުކުރުމާއި ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ފަސޭހަ އިން ހުށަހެޅޭނެ ޕްލެޓްފޯމެއް ގާއިމްކުރުމާއި ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން ކެމްޕެއިން ފެށުމާއި ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް މަޖިލީހަށް ހުށަހެޅުމާއި އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނާއި ގަވާއިދު ހަރުދަނާކުރުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެސްއެމްއީ ބޭންކުގެ ޚިދުމަތް ދިނުން ހިމެނެ އެވެ.
ރައީސް، ނައިބު އަދި ވަޒީރުންގެ މާލީ ބަޔާން ހާމަކުރަނީ
ސިޔާސީ މަގާމްތައް ގިނައެއް ނުވާނެ: ރައީސް އޮފީސް
ސްޕީޑު ރައްޔިތުން ނިންމާ، ބަދަލުތަކެއް އަތުވެއްޖެ:ހޫދު
ހަ މަސް ވެއްޖެ، ސަރުކާރުގެ ދުވެލި ކިހިނެއް؟
100 ދުވަސް ވާނީ އެޕްރީލް 12 ގައި: ރައީސް އޮފީސް
ޖުޑީޝަރީ އިސްލާހުކުރަން އޭޖީއާ މަޝްވަރާކުރަނީ
100 ދުވަސް ގުނާނީ ބަންދު ދުވަސް ނުލައި: ސަރުކާރު
ސިޔާސީ މޮޅާއި ކުރި ހޯދުމެއް ނެތް, ޗޮއިސްއަކީ ރައީސް!
ހަމަޖެހުން ހޯދައިދީ ގިނަ މަސައްކަތް ކުރެވިއްޖެ: ރައީސް
ނަޝީދުއާ އޮތް ހިޔާލުތަފާތުވުމަކީ މި މަގާމުގައި ހުރުން