Roadha Mihaaru
ޖުޑީޝަރީ އިސްލާހުކުރަން އޭޖީއާ މަޝްވަރާކުރަނީ

ޖުޑިޝަރީ، ޖޭއެސްސީ އިސްލާހު ކުރުމަށް ބަންޑާރަ ނައިބާއެކު މަޝްވަރާ ކުރަނީ

03 ޖެނުއަރީ 2019

ޖުޑިޝަރީ އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ޖުޑިޝަރީ އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ ޕޮލިސީ ސެކްރަޓަރީ އައިމިނަތު ޝައުނާ ވިދާޅުވީ ޖުޑިޝަރީ އިސްލާހުކުރުމަކީ ރައީސް އޮފީހަށް އެކަނި ކުރެވޭނެ ކަމަކަށްނުވާތީ އެ މަސައްކަތުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ.

"އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް މަޝްވަރާކޮށްގެން ކުރަންޖެހޭ ކަމެއް ކަމަށްވާތީ މިހާރު ވެސް އެޓާނީ ޖެނެރަލް އޮފީހުން އެ މަޝްވަރާތައް ކުރިއަށް ގެންދޭ،" ޝައުނާ ވިދާޅުވި އެވެ.

ޖުޑިޝަރީ އަދި ޖޭއެސްސީ އިސްލާހު ކުރުމަށް ގެންނަންޖެހޭ ބަދަލުތައް ފެށުމަކީ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.

ޖުޑިޝަރީ އިސްލާހު ކުރުމުގެ މަޝްވަރާތައް ބަންޑާރަ ނައިބާއެކު ކުރަމުންދިޔަ ނަމަވެސް ބޭރުގެ ޖަމިއްޔާތަކާއި ފަނޑިޔާރުންނާއި ވަކީލުންގެ މަޝްވަރާ އާއި ލަފާ ވެސް ރައީސް އޮފީހުން ހޯދާނެ ކަމަށް ޝައުނާ ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ވާހަަކަ ދައްކަވަނީ -- އަހުމަދު ނިޝާތު  / މިހާރު ފޮޓޯ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ވާހަަކަ ދައްކަވަނީ -- އަހުމަދު ނިޝާތު / މިހާރު ފޮޓޯ

"މިއީ ވަރަށް ބޮޑަށް އަޅުގަނޑުމެން ވިސްނައިގެން އަދި މަޝްވަރާޔާއެކު ކުރަންޖެހޭ ކަމެއް. އެހެންވީމަ އެ މަސައްކަތްތަކުގެ ދިރާސާތައް މިހާރު ދަނީ ކުރަމުން އަދި އެ މަސައްކަތްތައް ކުރަނީ ބޭރުގެ ޖަމިއްޔާތަކާއި އެހެނިހެން ފަރާތްތަކުން ދޭ އިރުޝާދާއި ލަފާގެ މަތިން،" ޝައުނާ ވިދާޅުވި އެވެ.

"ވަކީލުންނާ ވެސް ފަނޑިޔާރުންނާ ވެސް އަދި ރާއްޖޭގެ ތަރައްގީގެ މަސައްކަތްކުރާ ހުރިހާ ފަރާތްތަކާއެކު ވެސް މަޝްވަރާ ކުރެވިގެން [އެ މަސައްކަތް] ކުރިއަށް ދަނީ."

އެގޮތުން، އިންސާފު ގާއިމުކުރުމުގެ ނިޒާމު އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ފަސް އަހަރު ނިމިގެންދާއިރު އިންސާފު ގާއިމުކުރެވޭނެ ފަދަ ނިޒާމެއް އަޅުގަނޑުމެންނަށް ގާއިމް ކުރެވޭނެ. އެކަމުގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު ދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ބައެއް ފަނޑިޔާރުން ގޭންގުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް މިދިޔަ އާދީއްތަ ދުވަހު، މަރުތައް ތަހުގީގުކުރާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވަނީ ވިދާޅުވެފަ އެވެ. އަދި ގޭންގު މީހުން ބުނާ ގޮތަށް ފަނޑިޔާރުން ހުކުމް ކުރާ ކަމަށާއި ފަނޑިޔާރުން އައްޔަން ކުރުމުގެ ކޯޓާ ގޭންގުތަކަށް ބަހާފައި އޮންނަ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ސުއޫދުގެ ވާހަތަކާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.