ކޯޓުގައި ހިންގާ ޝަރީއަތްތަކާ ގުޅިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރައްވާ ކަމަށާއި އޭނާ ނުފޫޒު ފޯރުވާ ކަމަށް ބުނެ ވާހަކަތައް ފަތުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
05 ސެޕްޓެމްބަރ 2021
ކޯޓުގައި ހިންގާ ޝަރީއަތްތަކާ ގުޅިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރައްވާ ކަމަށާއި އޭނާ ނުފޫޒު ފޯރުވާ ކަމަށް ބުނެ ވާހަކަތައް ފަތުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަލީ ޒާހިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ތުހުމަތު ކުރައްވާފައިވާއިރު، އެކަން އިދިކޮޅު ފަރާތްތަކުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އޭނާ މަގާމުން ވަކި ކުރަން ވެސް ވަނީ ގޮވާލައިފަ އެވެ.
އެ ތުހުމަތާ ގުޅިގެން ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އަލީ ޒާހިރު ވިދާޅުވީ، އޭނާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ދައްކަނީ "އެއްވެސް އަސްލެއް ނެތް" ވާހަކަތަކެއް ކަމަށެވެ. މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ކޯޓެއްގައި ހިނގަމުން ދިޔަ މައްސަލައަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ވާހަކަ ދައްކަވަން އެއްވެސް ފަނޑިޔާރަކަށް ނުގުޅުއްވާ ކަމަށް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ދައުލަތުގެ އެކި ފަރާތްތަކަށް އެންގުންތައް އަންގަވާ އަލީ ޒާހިރު ވިދާޅުވި ގޮތުގައި އެ ތުހުމަތު އޭނާ އަށް ކުރަނީ މި ދުވަސްވަރު ޔާމީންގެ ޝަރީއަތްތައް ކޯޓުގައި ހިނގާތީ އެ ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމަށެވެ.
"މިއީކީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމާއި، މި ވާހަކަތައް މިހާރު މި ދަނޑިވަޅުގައި ހާއްސަކޮށް މި ވަގުތާ ދިމާކޮށް މި ފަތުރަމުން ދަނީ މިހާރު ކޯޓުގައި ހިނގަމުންދާ ރައީސް ޔާމީންގެ މައްސަލަ އަށް ނުފޫޒު ފޯރުވުމުގެ މަގުސަދުގައި އެ ކަމަށް ގަސްދު ކޮށްގެން ސިޔާސީ މަގުސަދެއްގައި،" އަލީ ޒާހިރު ވިދާޅުވި އެވެ.
ކުރީގެ ފަނޑިޔާރުން ﷲ ގަންދީ ހުވާކުރައްވައި، އަލީ ޒާހިރަށް ތުހުމަތު ކުރައްވާތީ އެ ތުހުމަތު ހަމަ އެގޮތަށް އޭނާ ދޮގު ކުރައްވާނަންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެފަދަ ކަމެއް ނުކުރައްވާ ކަމަށް ހަތް ފަހަރު ވެސް ހުވާ ކުރައްވަން ތައްޔާރު ކަމަށެވެ.
ނަމަވެސް މިފަދަ ކަންކަމުގައި އޮންނަ އުސޫލަކީ ތުހުމަތު ކުރާ ފަރާތުން އެ ތުހުމަތެއް ސާބިތު ކުރަން ހެކި ދެއްކުން ކަމަށާއި އެ އުސޫލު ދަމަހައްޓަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހުވާ ކުރަން ވާނީ ހެކި ދެއްކުމުން ކަމަށެވެ.
"އަދި ހެކި ނުދައްކާ. ހެކި ދެއްކީމާ އަޅުގަނޑު ހަތް ފަހަރު ހުވާ ކުރާނަން،" އަލީ ޒާހިރު ވިދާޅުވި އެވެ.
އޭނާ އަށް ސީދާ އެ ތުހުމަތު އަމާޒު ކުރަނީ ކީއްވެތޯ އެކި ނޫސްވެރިން ސުވާލު ކުރުމުން ސީދާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިޔަސް އެ ސުވާލަށް އެކި ޖަވާބު އަލީ ޒާހިރު ދެއްވި އެވެ.
ބައެއް މީހުން އޭނާ އަށް ތުހުމަތު ކުރަނީ ސީދާ ސަރުކާރު ނުވަތަ ރައީސުލްޖުމްހޫރިއްޔާއޭ ބުނަން ނުކުރޭތީ "ފިނޑިކަމުން" ކަމަށް ވިދާޅުވި އެވެ. އަދި ތުހުމަތު ކުރާ ފަރާތްތައް ވެސް ފިނޑި ކަމުން ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ކަމަށް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުވެވަޑައިގަތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ޒާހިރު އެމަނިކުފާނާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިިހާރު
އެމްޑީޕީގެ ތެރެއިން އެ ތުހުމަތު ކުރަނީ ކީއްވެތޯ އެހުމުން "އެ ވާނީ ސިޔާސީ ކަމަކަށް" ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ނަން ގެންނަ ބައެއް ފަރާތްތަކުން ވެދާނެ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެން ކަންކަން ޓެކްނިކަލީ ކުރާ މީހަކީ އަޅުގަނޑު ކަމަށް ބަލާފައި ކަމަށް ވެސް ވެދާނެ،" ތުހުމަތުތަކުން ބަރީއަވަމުން އަލީ ޒާހިރު ވިދާޅުވި އެވެ.
ރައީސާއި ނައިބު ރައީސް ނަގާފައި ރައީސް އޮފީހުގައި އެންމެ އިސްކޮށް ހުންނެވި އަލީ ޒާހިރަށް ކުރާ ތުހުމަތުތައް ދައުލަތުގެ ކަމާ ބެހޭ އިދާރާއަކުން، އެއްވެސް ނުފޫޒެއް ނެތި ބެލޭނެ ކަމަށް ގަބޫލު ކުރައްވަންތޯ ސުވާލު ކުރުމުން ވިދާޅުވީ، ތަހުގީގީ އިދާރާތަކަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށެވެ.
ފައިސާ ނަގައިގެން އޭނާ ކުށްވެރިން ދޫކުރާ ކަމަށް ދެކެވޭ ވާހަކައަކީ ވެސް ދޮގު ވާހަކައެއް ކަމަށާއި އެއީ ކިހިނެއް އައިސްގެން އުޅޭ ވާހަކައެއް ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.
އަލީ ޒާހިރު ވިދާޅުވި ގޮތުގައި އޭނާ އެ ތުހުމަތުތަކަށް ޖަވާބެއް ދެއްވަން ޖެހިވަޑައިގަތީ ދޮގު ވާހަކަތަކެއް ފަތުރައި އެއީ ތެދެއްކަން އާންމުންނަށް ގަބޫލު ކުރެވޭ ހިސާބަށް ކަންތައްތައް ހިނގައިދާނެތީ އެވެ.
ޔާމީން ޖަލަށްލާން ހުކުމް ކުރި ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުން ކަމަށް ބުނާ ބައެއްގެ އޯޑިއޯތަކެއް މިދިޔަ ހަފުތާގައި ވަނީ ލީކުކޮށްލައިފަ އެވެ. އެ އޯޑިއޯތަކުގައި ވެސް އަލީ ޒާހިރު ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.
ލީކުކޮށްލާފައި ވަނީ ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުންގެ އޯޑިއޯއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް، ޖޭއެސްސީގެ ތަހުގީގުގައި ފަނޑިޔާރުން ވަނީ އެ ތުހުމަތު ދޮގުކުރައްވައިފަ އެވެ. ޖޭއެސްސީން މައްސަލަ ބަލާއިރު ފުލުހުން ވެސް ވަނީ އެ ފަނޑިޔާރުންގެ އޯޑިއޯ ސާމްޕަލް ނަގައި އެ މައްސަލައިގެ ތަހުގީގެއް ފަށައިފަ އެވެ.
ދޮގު ވާހަކަތައް ފަތުރަނީ ވައްކަން ފޮރުވަން: އަދާލަތު
"ނުފޫޒު ފޯރުވާތީ" އަލީ ޒާހިރު ވަކިކުރަން ގޮވާލައިފި
އަލީރަޝީދާއި ޝަކީލްގެ މައްސަލަ ނުބަލާތީ ފާޑުކިޔުން
ޝަރީއަތަށް ނުފޫޒު ނުފޯރުވާނެ ކަން ސާބިތުވެއްޖެ: އަދުރޭ
ޔާމީން ފަނޑިޔާރަކަށް އިންޒާރު ދިން މައްސަލަ ފުލުހަށް!
ބޭނުންވާ ހުކުމް ނުކުރާ ނަމަ ޝަރުއީ ދާއިރާ ގޯސް!
ޔާމީން ޖަލަށް ނުލާ ފަނޑިޔާރުން ވަކިކުރަންޖެހޭ: އާޒިމް
"ކޯޓުގެ އަމަލުތައް ހުރީ ދެފުށް ފެންނަ ގޮތަކަށް ނޫން"
ގާޒީ ފާއިޒްގެ އަޑު ދިމާނުވުމުން ސަސްޕެންޝަން އުވާލައިފި
ނުފޫޒުު ފޯރުވުނު ނަމަ މިނިވަނެއް ނުކުރާނެ: ޔާމީން