Roadha Mihaaru
ސްޕީޑު ރައްޔިތުން ނިންމާ، ބަދަލުތަކެއް އަތުވެއްޖެ:ހޫދު

ސްޕީޑު ރައްޔިތުން ނިންމާ، ބަދަލުތަކެއް އަތުވެއްޖެ: ތަރުޖަމާން

13 ޖޫން 2019

ވޭތުވެދިޔަ ހަ މަސް ތެރޭގައި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ ކަަމަށް ވިދާޅުވެ، ސަރުކާރުގެ ހިންގުން ލަސްކަމަށް ކުރާ ޝަކުވާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ދިފާއުވެވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވޭތުވެދިޔަ ހަ މަސް ތެރޭގައި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ ކަަމަށް ވިދާޅުވެ، ސަރުކާރުގެ ހިންގުން ލަސްކަމަށް ކުރާ ޝަކުވާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ދިފާއުވެވަޑައިގެންފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޫދު ވިދާޅުވީ ގައުމަށް އައި ހެޔޮބަދަލުތައް ފެންނަ ކަމަށެވެ. ކޮރަޕްޝަން އާއްމުވެ، ކުރީގެ ސަރުކާރުގައި އަނިޔާ އާއި އިންސާފަށް ކުރި ޝަކުވާތަކުގެ އަޑު މިހާރަކު ނީވޭ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިިޔާސީ ކަންކަމާ ގުޅުވައި ސިޔާސީ އެކި ބޭފުޅުން ޖަލަށް ލައިގެން ފާޅުކުރަމުންދިޔަ ކަންބޮޑުވުން ވެސް ހުއްޓިއްޖެ އެވެ. ދައުލަތުގެ މުއައްސަސާތައް މުށުތެރެއަށް ލައިގެން މި ސަރުކާރުގެ އުޅޭ ތަނެއް ވެސް މިހާރު ނުފެންނާނެ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުގެ ސްޕީޑު، ފާސްޓުތޯ، ސްލޯތޯ، އިންޓަމީޑިއެޓްތޯ ގޫގްލްތޯ ދަންނަވާކަށް އަޅުގަނޑަކަށެއް ނޭނގެ. އެ ނިންމަވާނީ ރައްޔިތުން، އެކަމަކު އަޅުގަނޑަށް އެނގޭ ކަމަކީ ބަދަލުތަކެއް އައިސްފި ކަން،" ހޫދު ވިދާޅުވި އެވެ.

މި ސަރުކާރުގައި ބޮޑެތި މަޝްރޫއުތައް ނުފެންނާތީ ކުރާ ޝަކުވާތަކަށް ވެސް، ހޫދުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޖަވާބު ދެއްވި އެވެ.

"ތިބޭފުޅުން ބައްލަވާ، ވޭތުވެދިޔަ ހަ މަސް ތެރޭގައި ކޮން ސަރުކާރަކުންތޯ މިސާލަކަށް ބޮޑެތި އިންފްރާ ސްޓްރަކްޗާ ޕްރޮޖެކްޓްސްތައް ހިންގާފައި ހުރީ. ވަރަށް ޔަގީންކަމާ އެކު މި ދަންނަވަނީ ނުހުންނާނެ،" ހޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ބަޖެޓުގައި ގިނަ މަޝްރޫއުތައް ހިމަނާފައިވާ އިރު، 117 ރަށެއްގެ މަޝްރޫއު މިހާރު އޮތީ އެކި މަރުހަލާގަ އެވެ. އޭގެތެރެއިން 41 ރަށެއްގައި އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

"އެއީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ހިންގުނު މިންވަރަށް ވުރެ އިތުރު އަދަދެއް،" ހޫދު ވިދާޅުވި އެވެ.

ހޫދުގެ ވާހަކައިގެ ޚުލާސާ: (ހެޔޮ ބަދަލަށް ކުރި ބައެއް ކަންކަން)

- އަޅުގަނޑު ކިޔެވި ދުވަސްވަރު، ވަކި ލާރިން އޭ ލެވެލްގެ ފީ ދެއްކި ތަން ފެނުނު. އެކަމަކު މި ސަރުކާރުން ހިލޭ ކިޔަވަން ހުޅުވާލުމަކީ ދަރިވަރުންނަށް ބޮޑު ލުޔެއް.

- ހިލޭ ޑިގްރީ އަށް ފުރުސަތު ހުޅުވާލުމަކީ ރައީސްގެ 100 ދުވަހު އެންމެ އިސްކަން ދެއްވި އެއް ކަންތައް، ލޯނަށް ހުށަހެޅުމުގައި ދިމާވި އިދާރީ މައްސަލައިގައި ރައީސް ކަންބޮޑުވެވަޑައިގެންނެވި. އަލުން ހުޅުވާލީ އެކަން ހައްލުކޮށްފައި.

- 213 ސްކޫލުގައި ހިލޭ ނާސްތާ ފަށައިފި.

- އެސްއެމްއީ ލޯނަށް 251 ފޯމު ހުށަހެޅި، އޭގެތެރެއިން 23 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން މިހާތަނަށް ވަނީ ނިންމާފައި.

- އަލަށް ވިހާ މައިންނަށް ހަ މަސް، ބައްޕަ އިންނަށް އެއް މަސް ލިބޭނެ.

- ޕެންޝަން ފަންޑުން ހައްޖަށް ދެވޭނެ އުސޫލަށް ބަދަލު ގެނެސް މިހާރު 80 ޕަސެންޓް ނެގޭ ގޮތަށް ބަދަލުކޮށްފައި.

- ދައުލަތުގެ މާލީ ހާލަތު ހަފުތާއަކު އެއް ފަހަރު އާއްމުކުރާނެ.

- ކަރަންޓް އަގު ބޮޑު ކަމުގެ ޝަކުވާ ކުރި، އެކަމަކު މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 186 ރަށުގެ ކަރަންޓް އަގު މިދިޔަ މަހު ހެޔޮވާނެ.

- ކުރިއަށް އޮތް ފަސް އަހަރަށް ސަރުކާރުގެ މަގުޗާޓު ވަނީ އެކުލަވާލާފައި. ޖުލައި މަހު އާއްމުކުރާނަން.

ހޫދު ވިދާޅުވި ގޮތުގައި މަގު ޗާޓުގައި ސަރުކާރުން އެކި ރަށްރަށުގައި ހިންގާނެ މަޝްރޫއުތައް ހިމެނޭނެ އެވެ. އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީކުރުވަން ވެސް އާއްމުންނަށް ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުގެ މުހިއްމު އެއް ވައުދަކީ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކޮށްދީ، ބޭއިންސާފުން ދިން ފްލެޓްތަކުގެ ހައްގުވެރިން ހޯދުމެވެ. އެކަމަށް ކޮމިޓީއެއް އެކުލަވާލާފައިވާ އިރު، ޝަކުވާ ހުށަހަޅަން އާއްމުންނަށް ހުޅުވާލި ފުރުސަތުގައި ފާހަގަކުރި މައްސަލަތައް މިހާރު ވަނީ ދިރާސާކޮށްފަ އެވެ.

"އެ ބޭފުޅުން ވަަރަށް އަވަހަށް އިތުރު ތަފްސީލް ދެއްވާނެ،" ހޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ އެކި ސަބަބުތަކަށްޓަކައި ނުހައްގުން ވަޒީފާ އިން ވަކިކުރި މީހުންނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ.