Roadha Mihaaru
100 ދުވަސް ވާނީ އެޕްރީލް 12 ގައި: ރައީސް އޮފީސް

ސަރުކާރަށް 100 ދުވަސް ވާނީ އެޕްރީލް 12 ގައި: ރައީސް އޮފީސް

24 މާޗް 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މަސައްކަތުގެ 100 ދުވަސް ހަމަވާނީ އަންނަ މަހުގެ 12 އަށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މަސައްކަތުގެ 100 ދުވަސް ހަމަވާނީ އަންނަ މަހުގެ 12 އަށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް، ކޯލިޝަނަކުން ނުކުންނަވައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގެ ހުވާ ކުރެއްވީ، ނޮވެމްބަރު، 17، 2018 ގަ އެވެ. އެއާއެކު، ކެމްޕޭންގައި ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ހިމެނޭ ގޮތުން ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަންކަން އިއުލާން ކުރެއްވި އެވެ.

ހުވާ ކުރެއްވި ތާރީޚުން ފެށިގެން ރަސްމީ ބަންދު ދުވަސްތަކާ އެކު ގުނާ ނަމަ، ވެރިކަމުގެ 100 ދުވަސް ފެބުރުއަރީ މަހުގެ ފަހުކޮޅަށް ހަމަވާނެ އެވެ. އެކަމަކު، ރައީސް އޮފީހުން ނިންމާފައި ވަނީ ސަރުކާރުގެ މަސައްކަތުގެ 100 ދުވަސް ބަންދު ދުވަސްތަކާ ނުލައި ގުނާ ގޮތަށެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު "މިހާރު" އަށް ވިދާޅުވީ ސަރުކާރުގެ މަސައްކަތުގެ 100 ދުވަސް ރަސްމީކޮށް ފާހަގަކުރަނީ އަންނަ މަހުގެ 12 ގައި ކަމަށެވެ. އޭގެ ކުރިން އެކި ދާއިރާތަކަށް ރައީސް ވެވަޑައިގަތް ވައުދުތައް ހާސިލްކުރެވިފައި ހުރި މިންވަރު މި ހަފުތާގައި ރައްޔިތުންނަށް ހާމަކުރަން ފަށާނެ ކަމަށް ހޫދު ވިދާޅުވި އެވެ.

"ސަރުކާރުގެ މަސައްކަތުގެ 100 ދުވަސް ފާހަގަކުރަން، މި މަހުގެ 27 ގައި ކައުންޓް ޑައުންއެއް ފަށާނެ. އެ 10 ދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން ވައުދުތައް ފުރިހަމަކުރެވިފައިވާ ތަފްސީލްތައް އާއްމު ކުރާގޮތަށް ހަމަޖެހިފައި އޮތީ،" ހޫދު ވިދާޅުވި އެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހު ހާސިލް ކުރާނެ ޖުމްލަ 161 ވައުދެއް އޮތީ އިއުލާން ކޮށްފަ އެވެ. ވައުދުތައް ބަހާލާފައި ވަނީ އެއް ދުވަސް، ހަތް ދުވަސް، 30 ދުވަސް، 60 ދުވަސް އަދި 90 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރައްވާ ގޮތަށެވެ.