Roadha Mihaaru
ތަރައްގީގެ ސްޕީޑުގެ މަންޒަރު ރައީސް ދެއްކެވި ގޮތް

ތަރައްގީގެ ސްޕީޑުގެ މަންޒަރު ރައީސް ދެއްކެވި ގޮތް

07 ޖުލައި 2019

މި ސަރުކާރުގައި އިގްތިސާދީ ފޯކަސްއެއް ނެތެވެ. އަށް މަސް ވި އިރު ތަރައްގީގެ މަޝްރޫއެއް ނުހިންގަ އެވެ. ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސްޕީޑު ލަހެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރުގައި އިގްތިސާދީ ފޯކަސްއެއް ނެތެވެ. އަށް މަސް ވި އިރު ތަރައްގީގެ މަޝްރޫއެއް ނުހިންގަ އެވެ. ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސްޕީޑު ލަހެވެ.

ހަ މަހަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ބުރާސްފަތިދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވީ އިދިކޮޅުގެ މި ފާޑުކިއުންތަކަށް ރައްޔިތުންނަށް ދެއްވާނެ ޖަވާބަކާ އެކުގަ އެވެ. އެމަނިކުފާނުގެ ސަރުކާރުގެ ސްޕީޑަކީ ފިނިހަކަ ދުވެލި ކަމަށް ބުނާ މީހުންނަށް "ބޮޑު މަންޒަރު" ދެއްކެވީ ތަފާސްހިސާބުންނެވެ.

"މި އަހަރުގެ ތެރޭގައި 29 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދާނެ. ވޭތުވެދިޔަ ސަރުކާރުގައި ފަސް އަހަރުގެ ތެރޭގައި ނިމިފައި ވަނީ 39 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް،" ރައީސް ވަރަށް ހަމަޖެހިވަޑައިގެން ހުންނަވާ ވިދާޅުވި އެވެ.

ތަފާސްހިސާބުން ދެއްކެވި މިސާލުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ސްޕީޑު އަވަސް ކަމަށެވެ. ފަސް އަހަރު ނިމޭ އިރު، ފެނާއި ނަރުދަމާގެ ޚިދުމަތުން އެއްވެސް ރަށެއް މަހްރޫމްވެފައި ނޯންނާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. މި ޖަވާބުން އެމަނިކުފާނު ވިދާޅުވެ ދެއްވި އެހެން ވާހަކައެއް ވެސް އޮތެވެ.

އެއީ، ބޮޑެތި ބިޔަ މަޝްރޫއުތަކުގެ ކުރިން އިސްކަން ދެއްވަނީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވަން ކަމަށެވެ. ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓާއި އަތްފޯރާފަށުގައި ބޯހިޔާވަހިކަމާއި ތައުލީމަކީ މި ސަރުކާރުގެ އެޖެންޑާގެ ތަރުތީބު ކަން ވާހަކަފުޅުން ސާފުކޮށްދެއްވި އެވެ.

ކަރަންޓުގެ އަގަށް ހެޔޮ ބަދަލެއް މިދިޔަ އެޕްރީލް މަހު ގެނައި ނަމަވެސް ރައްޔިތުންގެ އަދިވެސް ޝަކުވާތަކެއް ހުރި ކަން އަމިއްލަފުޅަށް ވިދާޅުވި އެވެ. އެކަމަކު ސަރުކާރުން ފުރަތަމަ އެޅި ފިޔަވަޅަކީ މާލެ އާއި ރަށްރަށުގައި ކަރަންޓުގެ އަގު އެއް ހަމައަކުން ގެނައުން ކަމަށް ވިދާޅުވެ، އަދިވެސް ލުޔެއް ހޯދައި ދެއްވަން ސަރުކާރަށް ދެން ކުރެއްވެން ހުރި ކަންކަން ވެސް ކަމާ ބެހޭ ވުޒާރާތަކުން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ތަރައްގީ އަށް ވުރެ އިސްކަން ދެއްވީ ހަމަޖެހުމަށް

ވެރިކަމަށް ވަޑައިގަތުމަށް ކެމްޕޭންގައި އޮއްސާލެއްވި ވައުދުތަކުގެ މަތިން ހަނދުމަފުޅު ނުނެތޭ ކަމުގެ ޔަގީން މިދިޔަ ބުރާސްފަތިދުވަހު ވެސް ރައީސް ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ހަމަޖެހުމެއް ނެތް ނަމަ ތަރައްގީ ނުގެނެވޭނެ ކަމަށެވެ.

އެންމެ ފުރަތަމަ އިސްކަން ދެއްވީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގާއިމް ކޮށްދެއްވުމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތަރައްގީއަށްޓަކައި ކުރެވޭނެ އެންމެ މުހިއްމު ކަމަކީ އެއީ. އިންވެސްޓަރުންނަށް ރާއްޖޭގައި ހަމަޖެހުން އޮތް ކަން އެބަ އެނގެން ޖެހޭ. އާއްމު ރައްޔިތުންނަށް ފަސޭހަ އިން ހަމަޖެހިލައިގެން ދިރިއުޅެވޭނެ ކަމުގެ ޔަގީންކަން އެބަ އޮންނަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މިއަދު އެ ޔަގީންކަން ވިޔަފާރިވެރިންނަށް ވެސް، ރައްޔިތުންނަށް ވެސް އޮތް ކަން އަޅުގަނޑު އުފަލާ އެކު ފާހަގަކުރަން."

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިން ވެސް ޕްލޭންކޮށްފައި އޮތީ، މި އަހަރުގެ ޖޫން އަދި ޖުލައި މަހުގެ ތެރޭގައި ގިނަ މަޝްރޫއުތައް ބީލަމަށް ލުމަށެވެ. އެކަންކަން ކުރިއަށް އެބަ ދާ ކަމަށް ވިދާޅުވި އެވެ.

ވައުދުތަކާ ގުޅޭ ތަފްސީލްތަކެއް

- ހިލޭ ޑިގްރީ އަށް ކިޔަވަން ހުށަހަޅާފައިވާ 4685 ދަރިވަރުންގެ ތެރެއިން 3009 ކުދިންނަށް ވަނީ ލިއުން ހަވާލުކޮށްފައި.

- އަތޮޅުތަކުގައި 5،000 ހައުސިން ޔުނިޓް އަޅަން ވަނީ ބީލަމަށް ލާފައި.

- ހުޅުމާލޭގައި 4،200 ހައުސިން ޔުނިޓް އެޅުމަށް ފްރޭމްވޯކް އެގްރިމެންޓެއްގައި ވަނީ ސޮއިކޮށްފައި.

- ދެ ކޮޓަރި އަށް 6،000ރ. އަދި ތިން ކޮޓަރީގެ ފްލެޓެއްގެ އަގު 7،000ރ. އަށް ވުރެ ބޮޑު ނުވާނެ.

- ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެބަދޭ.

- ގުޅީފަޅުން ފްލެޓް ގަނެ ނިކަމެތި ވި އާއިލާތަކަށް 140 ފްލެޓް ހަމަޖައްސާނެ.

- ކޮމާޝަލް ޕޯޓް ގުޅީފަޅަށް ބަދަލުކުރުމުގެ މަސައްކަތް ފެބުރުއަރީގައި ފަށާނެ.

- މާލެ އާއި ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ކޯޒްވޭއަކުން ގުޅާލާނެ.

- ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ހުއްޓިފައި އޮއްވައި އަލުން ފަށައިފި، އެންމެ ލަސްވެގެން 2023 ގައި ޚިދުމަތް ދޭން ފަށާނެ.

- މިހާތަނަށް 12 ރިސޯޓް ހުޅުވައި 9 ރިސޯޓެއް ހުޅުވަން ތައްޔާރުވެއްޖެ. މިއާއެކު 17،000 ވަޒީފާ އުފެދޭނެ.

- އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބިލް މި އަހަރު މަޖިލީހަށް ފޮނުވާނެ.

- ޓާޝަރީ ހޮސްޕިޓަލް ފެންވަރަށް 5 ހޮސްޕިޓަލެއް އަންނަނީ ތަރައްގީ ކުރަމުން.

- ފުވައްމުލަކުގެ 31 މަގު ހެދުމަށް ވަނީ ސޮއިކޮށްފައި.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ހޭދަކުރެއްވި ދެ ގަޑިއެއްހާ އިރުގެ ތެރޭގައި، ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ތަންފީޒުވަމުންދާ މިންވަރުގެ ތަސައްވަރެއް ވެސް ދެއްކެވި އެވެ. ނިގުޅައިގަތް ހައްގުތަކާއި ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތް ހިނގާ ގޮތް ވެސް ވިދާޅުވި އެވެ.

ޝަރުއީ ދާއިރާ އިސްލާހުކޮށް، ރައްޔިތުންގެ އިތުބާރު ދަމަހައްޓާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. ސުޕްރީމް ކޯޓުގެ ބެންޗް އެކަނި ބަދަލުކުރުމަކީ ހައްލެއް ނޫން ކަމަށް ވިދާޅުވެ، ކޯޓުތަކުގައި އިންސާފުން ބޭރުން ހުކުމް ކުރާ ފަނޑިޔާރުންނާ ދޭތެރޭގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ތަރައްގީއާ ގުޅޭ ކަންކަމުގެ އިތުރުން ރައްޔިތުންނަށް މާޔޫސްކަން ލިބޭ ކަންކަމުގެ ތަފްސީލުތައް އަމިއްލަ އަށް ހިއްސާކޮށްދެއްވި އެވެ.

އެއް ކަމަކަށް ވިދާޅުވީ ދައުލަތުން އެތައް ބިލިއަން ރުފިޔާއެއްގެ ބަދަލު އެކި ފަރާތްތަކަށް ދޭން ޖެހިފައިވާ މައްސަލަ އެވެ. މިއީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަން ފާހަގަކުރައްވަމުން ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި ގޯސްކޮށް އެއްބަސްވުންތައް އުވާލާފައި އޮތުމުން އެ ބުރަ ވަނީ ދައުލަތަށް އުފުލަން ޖެހިފައި ކަމަށެވެ. ހައްގުތައް ހޯދައިދެއްވާނެ ކަމަށް ވެވަޑައިގަތް ވައުދު ފުއްދެން އޮތީ، ސަރުކާރުން ގޯސްކޮށް ހުރި ކަންކަން އިސްލާހުކޮށްގެން ކަމަށް ވިދާޅުވި އެވެ.

ޖުމްލަކޮށް، ހުރިހާ ވައުދުތަކަކަށް އަލިއަޅުއްވާލައްވައި ރައީސް ދެއްވި ޔަގީން ކަމަކީ މި އެވެ؛

ފަސް އަހަރުގެ ދައުރު ނިމޭއިރު، ރައްޔިތުންނަށް ވެވަޑައިގަން ވައުދުތައް ފުއްދަވައިދެއްވާނެ އެވެ. ސްޕީޑާ މެދު ވާހަކަ ދައްކަވާނީ އޭގެ ފަހުން ކަމަށް ވިދާޅުވާ ރާގުގައި ވާހަކަފުޅު ނިންމަވާލެއްވީ ކުރީގެ ސަރުކާރުގެ ގޯސްތައް އިޔާދަނުކުރައްވާނެ ކަމުގެ ހިތްހަމަޖެހުން ގެނެސްދެއްވަމުންނެވެ.