Roadha Mihaaru
ރަންބީރާއި އާލިއާ އުޅެނީ ރައްޓެހިވެގެން: މަހޭޝް

ރަންބީރު ކަޕޫރާއި އާލިއާ ބަޓް ރައްޓެހިވެގެން އުޅޭކަން މަހޭޝް ބަޓް ކަށަވަރުކޮށް ދީފި

12 ޑިސެމްބަރ 2018

ރާލިއާގެ ނަމުގައި މީޑިއާތަކުން މިހާރު މުހާތަބު ކުރާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އާލިިއާގެ ބައްޕަ މަހޭޝް ބަޓް ފުރަތަމަ ފަހަރަށް ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާލިއާގެ ނަމުގައި މީޑިއާތަކުން މިހާރު މުހާތަބު ކުރާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އާލިިއާގެ ބައްޕަ މަހޭޝް ބަޓް ފުރަތަމަ ފަހަރަށް ކަށަވަރުކޮށް ދީފި އެވެ.

ޓެލެގްރާފަށް ދިން އިންޓަވިއުއެއްގައި މަހޭޝް ބުނީ ރަންބީރަކީ އޭނާގެ ދަރިފުޅަށް އެންމެ އެކަށީގެންވާ ބައިވެރިިޔާ ކަމަށާއި އެ ގުޅުމާ ދޭތެރޭ އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

"ރަންބީރަކީ ވަރަށް ރަނގަޅު ޒުވާނެއް. އަދި އެއީ އަހަރެން ވަރަށް ގަޔާވާ ވެސް މީހެއް. އެކަމަކު އާލިއާ އާއި ރަންބީރުގެ ގުޅުން ކުރިއަށް ގެންދާނެ ހިސާބެއް އެނގޭނީ އެ ދެ މީހުންނަށް،" ކާމިޔާބު ވަރަށް ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ މަހޭޝް ބުންޏެވެ.

އާލިއާ، ބައްޕަ މަހޭޝްއާ އެކު.

އޭނާ ބުނި ގޮތުގައި 21 ވަނަ ގަރުނާ ހަމައަށް އައި އިރު ކައިވެނީގެ ގުޅުމާ ދޭތެރޭ މީހުން ދެކޭ ގޮތަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފަ އެވެ. އެހެންވެ އާލިއާ އާއި ރަންބީރުގެ ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދައްކަން އޭނާ އަށް ނޭނގޭ ކަމަށް މަހޭޝް ބުންޏެވެ.

"އެ މީހުންގެ މިސްރާބު ހުރީ ކައިވެންޏަކާ ދިމާލަށްތޯ ބުނާކަށް އަހަންނަކަށް ނޭނގޭ. އަދި ދެ މީހުންގެ ގުޅުމާ ބެހޭ ގޮތުން އަހަރެން މާ ބޮޑަށް ވާހަކަ ދައްކާކަށް ވެސް ބޭނުމެއް ނޫން،" އޭނާ ބުންޏެވެ. "އެކަމަކު އަހަރެމެން އެންމެން މި ތިބީ ވާން އުޅޭ ގޮތެއް ބަލަން މަޑުކޮށްލައިގެން."

އާލިއާ، 25، އާއި ރަންބީރު، 36، ރައްޓެހިވެގެން އުޅޭކަން އާލިއާގެ ބައްޕަ މަހޭޝް ކަށަވަރުކޮށް ދިން ނަމަވެސް އެ ދެ ތަރިން މިހާތަނަކަށް އެކަމަކަށް ރަސްމީކޮށް އެއްބަހެއް ނުވެ އެވެ. އެކަމަކު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަހަލަ އިޝާރާތްތަކެއް ތަންކޮޅެއް ދުރުދުރުން ދީފައިވެ އެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ އާލިއާ އާއި ރަންބީރުގެ އާއިލާގެ މެދުގައި ވެސް މިހާރު ވަރަށް ގުޅުން ބަދަހިކަމެވެ.

އާލިއާ އާއި ރަންބީރު ދެ މީހުންގެ މަންމައިންނާ އެކު.

އަނެއްކޮޅުން ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރް، ރަންބީރު ކައިވެނި ނުކޮށްގެން އެ ވާހަކަ ވަރަށް ގިނައިން މި ފަހުން ދައްކައި އުޅެ އެވެ. އެމެރިކާގައި މިހާރު ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ އެކްޓަރު ބުނެފައިވާ ގޮތުގައި މަރުވުމުގެ ކުރިން ރަންބީރުގެ ފަރާތުން ލިބޭ ކާފަ ދަރިންނާ އެކު މަޖާކޮށްލަން ބޭނުންވެ އެވެ.

އާލިއާ ދާދި ފަހުން ބުނި ގޮތުގައި އޭނާގެ އުމުރުން 30 އަހަރު ވުމުގެ ކުރިން ކައިވެނި ކުރާނެ އެވެ. އެކަމަކު މި ވަގުތު ކައިވެންޏާ ދޭތެރޭ ވިސްނާ ވަރަށް ވުރެ އޭނާ ޅަ ކަމަށް ބުންޏެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އާލިއާ އާއި ރަންބީރު ވަނީ 2020 ގައި ކައިވެނި ކުރަން ނިންމައިފަ އެވެ.

ދެ ތަރިން އެކީގައި ކުޅޭ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ" ގެ ޝޫޓިން ވެސް މިހާރު ނިންމާލާފައިވާ އިރު، އެ ފިލްމު އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރިލީޒް ކުރާނެ އެވެ.