10 ޑިސެމްބަރ 2018
އިންސާނީ އަސާސީ ހައްގުތައް ކަށަވަރުކޮށް ނުދެވޭ ނަމަ މި ސަރުކާރު ދެމިއޮތުމުގެ ބޭނުމެއް ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އިންސާނީ އަސާސީ ހައްގުތައް ކަށަވަރުކޮށް ނުދެވޭ ނަމަ މި ސަރުކާރު ދެމިއޮތުމުގެ ބޭނުމެއް ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މާލެއިން ބޭރަށް ކުރައްވާ ދެވަނަ ދަތުރުފުޅުގައި އއ. އުކުޅަހަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން ސަރުކާރާ މަތި ކޮށްފައިވާ ވާޖިބުތަކާއި ޒިންމާތަކުގެ މަތިން ހަނދާން ނުނައްތަވާ ކަމަށެވެ.
"އިންސާނީ އަސާސީ ހައްގުތައް ކަށަވަރުކޮށް ނުދެވޭ ނަމަ މި ސަރުކާރު ދެމިއޮތުމުގެ އެއްވެސް ބޭނުމެއް ނެތް. އަޅުގަނޑު ހިތުން [ދެމި] ނުވެސް އޮންނާނެ،" މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ބޮޑު ތާއީދެއް އޮންނަ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީ އަށް މަގު ކޮށޭނީ ވެސް އިންސާނީ ހައްގުތައް ކަށަވަރު ކޮށްދީގެން ކަމަށެވެ. އެގޮތުން، ކަރާމާތްތެރި އަބުރުވެރި ދިރިއުޅުމަކަށް މީހުންނަށް ދެވޭނީ އެ މީހުންގެ އިންސާނީ ހައްގުތަށް ކަށަވަރު ކޮށްދެވިގެން ކަމަށް ވިދާޅުވި އެވެ.
މިއަދަކީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ދުވަސް ކަމަށް ވާތީ، ދުވަހާ ގުޅޭ ގޮތުން ރައީސް ވަރަށް ތަފުސީލްކޮށް ވާހަކަފުޅު ދެއްކެވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސުލްހަވެރިކަމާ އެކު، ދިިރިއުޅުމުގެ ވިސްނުން ސިކުނޑީގައި އުފެދޭނީ ހައްގުތަށް ލިބޭ ކަމުގެ އިހުސާސް ކުރެވުމުންނެވެ.
"އަބުުރުވެެރި ތާހިރު ދިރިއުޅުމަކަށް ހުރަސް އަޅާ ނަމަ އެ ހައްގު ހޯދުމަށް ތެދުވާން ޖެހޭ. އުޖާލާ ކުރިމަގަކަށް ކުރާ އުއްމީދުތައް ފަނޑު ނަމަވެސް ހިޔަންޏެއް އެޅިއްޖެ ނަމަ އެ ހައްގުގެ ދިފާއުގައި ވަކާލާތު ކުރަން ޖެހޭނެ،" އިންސާނީ ހައްގުތައް ހިމާޔަތް ކޮށްދިނުމުގެ ވައުދާ އެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ރާއްޖޭގައި އިންސާނީ ހައްގުތަކާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށްފައިވާ ކަމަށާއި އެހެންވެ، ބައިނަލް އަގުވާމީ ބައެއް ޖަމާއަތްތަކުން ރާއްޖެއާ މެދު ދެކޭ ގޮތް ބަދަލުވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މިއީ ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާނެ ސަރުކާރެއް ނޫން ކަމަށާއި އެމަނިކުފާނަށް އެންމެ މުހިއްމު ކަމަކީ ރައްޔިތުންގެ އިންސާނީ ހައްގުތައް ކަށަވަރުކޮށް ދެއްވުން ކަމަށެވެ.
"މާތްﷲގެ ވާގިފުޅާ އެކު މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް ދެމި އޮންނާނީ ދިވެހި ރައްޔިތުންގެ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގައި" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އުކުޅަހަށް ވަޑައިގެން ތުއްތު ކުއްޖަކު އުރާލައްވައިގެން.---ފޮޓޯ: ރައީސް އޮފީސް
މަސްވެރި ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ އުކުޅަހަށް ރައީސް ވަޑައިގަތީ މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާއި ދުނިޔޭގެ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ. މިއަދުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް އެހެން ބައެއް ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ. ރައީސް އުކުޅަހަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގިނަ ބަޔަކު ބަނދަރަށް ނުކުތެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސް ކަމަށް ވަޑައިގެންނެވި ފަހުން އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ފުރަތަމަ ވަޑައިގެންނެވީ ކ. ދިއްފުށްޓަށެވެ. އުކުޅަހަކީ އެގޮތުން އެމަނިކުފާނު ދެވަނައަށް ވަޑައިގެންނެވި ރަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި އަހަރުގެ ރިޔާސީ ޓިކެޓު ދިނުމަށް ފާސްކުރީ ވެސް އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގަ އެވެ.
މި ސަރުކާރަށް އަބަދުވެސް ފާޑުކިޔޭނެ: ރައީސް
އަސާސީ ހިދުމަތްތައް ދިނުމުގައި ތަފާތުނުކުރާނަން: ރައީސް
ހައްގުތަކާ ގުޅޭ ގޮތުން ރައީސްގެ އުންމީދީ ވާހަކަފުޅެއް!
މިހާރު ހިޔާލުފާޅުކުރަނީ ގައުމުގެ ތަރައްގީ އަށް: ރައީސް
އެޗްއާރުސީއެމްގެ މިނިވަންކަމަށް ފުރުސަތު ދޭނަން: ރައީސް
ރައީސް އުކުޅަހަށް ވަޑައިގެންފި
ނައިބުރައީސް، ހިއުމަންރައިޓްސް ކޮމިޝަނަރާ ބައްދަލުކޮށްފި
ހިއުމަން ރައިޓްސް 75 އަށް ނައިބު ރައީސް ޖެނީވާ އަށް
އެމްޑީޕީގެ ރައީސް ކަމަށް އިބޫ ހަމަޖައްސައިފި
"އުކުޅަހު ރައްޔިތުން މިތިބީ އުފަލުން ފުރިފައި"