10 ޑިސެމްބަރ 2022
އިންސާނީ ހައްގުތަކުގެ ދާއިރާއިން ދިވެހި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ އަސާސީ ހިދުމަތްތައް ދިނުމުގައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އިންސާނީ ހައްގުތަކުގެ ދާއިރާއިން ދިވެހި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ އަސާސީ ހިދުމަތްތައް ދިނުމުގައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ އިންސާނީ އަސާސީ ހައްގުތަކާ ގުޅިފައިވާ ޒަރޫރީ ހިދުމަތްތައް، ދިވެހި ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ވަރަށް މުހިންމު މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
"ރަށްރަށުގައި ގާއިމުނުކުރެވި ހުރި އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރުމަށް ސަރުކާރުން ނިންމައިގެން އެ މަސައްކަތް ކުރިއަށް ގެންދަނީ، އިންސާނީ އަސާސީ ހައްގުތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ގާނޫނު އަސާސީން ދިވެހި ދައުލަތާ މަތިކޮށްފައިވާ ޒިންމާގެ ދަށުންނެވެ،" އެމަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި، ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތައް ލިބެން ހުރުމަކީ، ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ކުރިން ވެސް ވިދާޅުވެފައިވެ އެވެ. އެ އަމާޒުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަން މިހާރު ވަނީ ހަވާލު ވެސް ކޮށްފަ އެވެ.
ތާރީހީ ދުވަހެއް: ފެނާއި ނަރުދަމާގެ ވައުދު ވާންޖެހޭ ރަށެއް ދެން ނޯންނާނެ https://t.co/tkAjuRsIWr
— Mihaaru (@Mihaarunews) December 29, 2021
މި އަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަހަށް، އދ. އިން ކަނޑައަޅާފައިވާ ޝިއާރު، "ކަރާމާތާއި މިނިވަންކަމާއި އިންސާފު، އެންމެންނަށް" އަށް އަލިއަޅުއްވާލައި ރައީސްގެ ހިތާބުގައި ވިދާޅުވީ، އިންސާނުންގެ މެދުގައި އޮންނަން ޖެހޭ ހަމަހަމަކަމާއި އިހުތިރާމާއި ގަދަރުކުރުމުގެ ސިފަ ދެމެހެއްޓުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން އެ ޝިއާރުން ރަމްޒުކޮށްދޭ ކަމަށެވެ.
ރައީސް ވިދާޅުވީ އިންސާނީ ހައްގުތަކުގެ އަސާސަކީ ހަމައެކަނި ހައްގުތަކެއް ލިބުން ނޫން ކަމަށާއި އަސާސީ ކޮންމެ ހައްގަކާއެކު އުފުލަން ޖެހޭ ޒިންމާތަކަކާއި އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކެއްވާ ކަމަށެވެ. އެ މަސްއޫލިއްޔަތުތަކަކީ؛
• ދިރިހުރުމުގެ ހައްގު ލިބުމަށް އެދޭއިރު، އަނެކާގެ ފުރާނައަށް ގެއްލުމެއް ނުދިނުމުގެ ޒިންމާ.
• މުދަލާއި އާމްދަނީ ހޯދުމުގެ ހައްގަށް އެދޭއިރު، އަނެކާގެ މުދަލާއި ތަކެއްޗަށް ނުޙައްގުން އަރައިނުގަތުމުގެ ޒިންމާ.
• ތިމާގެ އަބުރާއި ކަރާމާތް ރައްކާތެރިކުރުމަށް އެދޭއިރު، ކުރާ ކަމަކުން ނުވަތަ ބުނެލާ ބަހަކުން ވިޔަސް، އަނެކާގެ އަބުރާއި އިއްޒަތަށް އުނިކަމެއް ނުދިނުމުގެ ޒިންމާ.
• ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ވަކާލާތުކުރާއިރު، އަނެކާގެ އަބުރާއި އިއްޒަތް ގެއްލިގެންދާ މިންވަރަށް ތިމާގެ މިނިވަންކަމުގެ ލަގަން ދޫކޮށްނުލުމުގެ ޒިންމާ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާއިރު، މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައި ވަނީ، އެ ހައްގުތަކަށް ހުރަސްއެޅޭ ގޮތަށް މުޖަތަމައުގެ ތެރޭގައި ހުރި ނުރަނގަޅު އާދަތައް ނައްތައިލުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ ޖިސްމާނީ، ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް، މުޅި މުޖުތަމައު އެކުގައި މަސައްކަތް ކުރަންޖެހެ އެވެ. އިންސާނީ ހައްގުތަކަށް އެންމެ ބޮޑަށް ހުރަސްއެޅޭ އިޖުތިމާއީ މައްސަލަތަކާއި ކުށްތައް ހުއްޓުވުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ،" އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަނިވެރިކަމުގައި އުމުރުގެ ފަހު ދުވަސްތައް ގުނަމުންދާ ދޮށީ އުމުރުގެ މީހުންނަށް ހައްގުވާ އާއިލީ ލޯތްބާއި އަޅާލުން ދިނުމަށް ސަމާލުކަން ދޭންޖެހެ އެވެ. ހަމައެފަދައިން، މައިންބަފައިންގެ ލޯބިން މަހުރޫމުވެފައިވާ ކުޑަކުދިންނަށް މުޖްތަމައުގެ ތެރެއިން އަޅާލުމާއި ލޯތްބާއި ކުލުނުގެ މާހައުލެއް ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެކެވެ."
މިނިވަންކަމާއި އަދުލު އިންސާފާއި ސުލްހަވެރިކަން، މުޖުތަމައުގައި ދެމެހެއްޓޭނީ އެކަކު އަނެކަކާ މެދު އިހުތިރާމާއި ލޯތްބާއި އިންސާފާއެކު މުއާމަލާތް ކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ. އިންސާނަކަށް ވީތީ ކޮންމެ މީހަކަށް ލިބެން ޖެހޭ އެންމެ އަސާސީ ހައްގުތައް ވެސް ފުރިހަމަ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރެވޭނީ، ކޮންމެ މީހަކު ވެސް، ތިމާގެ އަމިއްލަ ނަފުސަށް ލިބުމަށް އެދޭ އިހުތިރާމާއި މިނިވަންކަމާއި އިންސާފު، ތިމާގެ ފަރާތުން އަނެކާއަށް ދީގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް 75 އަށް ނައިބު ރައީސް ޖެނީވާ އަށް
ހައްގުތަކާ ގުޅޭ ގޮތުން ރައީސްގެ އުންމީދީ ވާހަކަފުޅެއް!
މިހާރު ހިޔާލުފާޅުކުރަނީ ގައުމުގެ ތަރައްގީ އަށް: ރައީސް
އެޗްއާރުސީއެމްގެ މިނިވަންކަމަށް ފުރުސަތު ދޭނަން: ރައީސް
ހައްގުތައް ޔަގީންކޮށްނުދެވޭނަމަ ސަރުކާރުގެ ބޭނުމެއް ނެތް
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ހަބީބް އައްޔަންކޮށްފި
ޕީޖީއަށް ހުށަހެޅީ މި ސަރުކާރުގެ މައްސަލައެއް ނޫން
ބަދަލުގެ ގޮތުގައި ފަޅުތަކާއި ބިންތައް ވެސް ދޭން ނިންމި
ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ނުކުރަން ނިންމައިފި
ނައިބުރައީސް، ހިއުމަންރައިޓްސް ކޮމިޝަނަރާ ބައްދަލުކޮށްފި