Roadha Mihaaru
ހިއުމަން ރައިޓްސް 75 އަށް ނައިބު ރައީސް ޖެނީވާ އަށް

"ހިއުމަން ރައިޓްސް 75" ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖެނީވާ އަށް

10 ޑިސެމްބަރ 2023

އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މަތީފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ރޭ، ސުވިޒަލޭންޑުގެ ޖެނީވާ އަށް ވަޑައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައީސް އޮފީހުން ބުނީ، ނައިބު ރައީސްގެ މި ދަތުރުފުޅުގައި އދ. ގެ އިންސާނީ ހައްގުތަކާބެހޭ ހައި ކޮމިޝަނަރުގެ އޮފީހާއި ސްވިޒަލޭންޑްގެ ސަރުކާރާ ގުޅިގެން އިންތިޒާމުކުރާ "ހިއުމަން ރައިޓްސް 75"ގެ މަތީފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އިންސާނީ ހައްގުތަކުގެ މުސްތަގްބަލު، ތިމާވެށި އަދި މޫސުން" މި މައުލޫއުތަކަށް ހާއްސަކޮށް ކުރިއަށް ގެންދާ ރައުންޑްޓޭބަލް ބައްދަލުވުމާއި ބޭރު ގައުމުތަކުގެ އިއްޒަތްތެރިން އަދި އދ. ގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާ ވެސް ނައިބު ރައީސް ބައްދަލުކުރެއްވުމަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"ހިއުމަން ރައިޓްސް 75"ގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާދަމާ އަދި އަންގާރަ ދުވަހު އެވެ.

ނައިބު ރައީސް ޖެނީވާ އަށް ވަޑައިގަތީ މިދިޔަ ހަފުތާގައި ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ބައިވެރިވެވަޑައިގަތުމަށް ފަހުގަ އެވެ.