Roadha Mihaaru
ނައިބުރައީސް، ހިއުމަންރައިޓްސް ކޮމިޝަނަރާ ބައްދަލުކޮށްފި

ނައިބު ރައީސް، އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަރާ ބައްދަލުކުރައްވައިފި

12 ޑިސެމްބަރ 2023

‎ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް، އދ. ގެ ހިއުމަން ރައިޓްސް ހައިކޮމިޝަނަރު ވޮލްކާ ޓާކްއާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

‎ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް، އދ. ގެ ހިއުމަން ރައިޓްސް ހައިކޮމިޝަނަރު ވޮލްކާ ޓާކްއާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

ވޮލްކާ ޓާކްއާ ނައިބު ރައީސް ބައްދަލުކުރެއްވީ ސްވިޒަލޭންޑުގެ ޖެނީވާގައި ކުރިއަށްދާ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މަތީފަންތީގެ ހަރަކާތްތަކުގެ ތެރެއިންނެވެ.

‎ރައީސް އޮފީހުން ބުނީ އިންސާނީ ހައްގުތައް ނެގެހެއްޓުމުގެ ގައުމީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުގެ އެންމެހާ އިދާރާތަކާއި ރަސްމީ އޮފީސްތައް ހިމެނޭހެން މަސައްކަތް ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް މި ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވި ކަމަށެވެ.

ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރުމުގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހާއި އެ މަޖިލީހާ ގުޅިފައިވާ ނިޒާމުތަކަށް އެއްބާރުލުން ދީގެން ރާއްޖެއިން ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން ވެސް ނައިބު ރައީސް ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

‎މި ބައްދަލުކުރެއްވުމުގައި ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.

ރައީސް އޮފީހުން ބުނީ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށާއި ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ދެ ބޭފުޅުން އަލިއަޅުއްވާލެއްވި ކަމަށެވެ.

ހާއްސަކޮށް، ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި ގާޒާއަށް މިހާރުން މިހާރަށް ބޭނުންޖެހިފައިވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ޔަގީންކުރުމުގެ މުހިންމު މައުޟޫއަށް އަށް ނައިބު ރައީސް އަލިއަޅުއްވާލެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

"ހިއުމަން ރައިޓްސް 75"ގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިއްޔެ އާއި މިއަދެވެ.