Roadha Mihaaru

ނޫސްވެރިކަން އެއްކޮށް ނައްތާލާނެ، ބިން އަނބުރާ ގެންދޭ: އިބޫ

ނޫސްވެރިކަން ރެގިއުލޭޓް ކުރުމާ އެކު ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ގާނޫނީ ބާރު ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަކީ މިނިވަން ނޫސްވެރިކަމަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށާއި އެހެންވެ ބިލް އަނބުރާ ގެންދަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ގޮވާލައްވައިފި އެވެ.

މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި

ނޫސްވެރިކަން ރެގިއުލޭޓް ކުރުމާ އެކު ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ގާނޫނީ ބާރު ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަކީ މިނިވަން ނޫސްވެރިކަމަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށާއި އެހެންވެ ބިލް އަނބުރާ ގެންދަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ގޮވާލައްވައިފި އެވެ.

އެ ބިލް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައި ބަހުސް ފެށުމާ އެކު، ހޫނުވެފައިވާ މި މައްސަލައާ ގުޅުވައިގެން ކުރީގެ ރައީސް އިބޫ އެކްސްގައި ވިދާޅުވީ، "މީޑިއާތައް އުވާލައި، ވަކިވަކި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް އޮތް މި ބިލަކީ މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލާނެ ބިލެއް" ކަމަށެވެ.

"ދައުލަތުގެ ތިން ބާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އުފަލަމުންދާ މީޑިއާތަކުގެ މިނިވަންކަން ނަގާލުމަށް ހުށަހަޅާފައިވާ މި ބިލު އަނބުރާ ގެންދިޔުމަށް ގޮވާލަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލްގައިވާ ގޮތުން ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކޮމިޝަނުގައި މަޖިލީހުގެ ރުހުމާ އެކު ތިން މެމްބަރުން ކޮމިޝަނަށް އައްޔަންކުރުމުގެ ބާރު ރައީސަށް އޮތް ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. ކޮމިޝަންގެ ރައީސަކު ކަނޑަޅުއްވަނީ ބިލްގައިވާ ގޮތުން ރައީސެވެ.

އަދި މީޑިއާ ކޮންޓެންޓާ ގުޅޭ މައްސަލަ ބަލަން ހާއްސަ ކޮމިޓީގައި ކޮމިޝަންގެ މެމްބަރުންގެ އިތުރުން މީޑިއާތަކުގެ ހަތަރު މެމްބަރަކު ތިއްބަވަ އެވެ.

ބިލްގައި ހިމެނޭ ބައިތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ ބޮޑަށް ކަންބޮޑުވަނީ މީޑިއާތަކަށާއި ވަކިވަކި ނޫސްވެރިންނަށް ބޮޑެތި އަދަބު ދެވޭ ގޮތަށް ކަނޑައަޅާފައިވުމެވެ.

މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތައް:

- ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5،000ރ. އާއި 25،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާކުރެވުން.

- ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވުން

- މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން

- ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން

- މައްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން

- ބްރޯޑްކާސްޓުކުރުން ހުއްޓުވަން އެންގުމުގެ ބާރު ލިބުން

ނޫސްވެރިންނަށް ލިބިފައިވާ ގިނަ ބާރުތަކެއް ހިފަހައްޓާފައިވާ މި ބިލާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފަ އެވެ. ނޫސްތައް ބަންދުކޮށް ޖޫރިމަނާކޮށް ނޫސްވެރިންނަށް ބޮޑެތި އަދަބުތަކެއް ދޭން އެ ބިލުގައި ހިމަނާފައިވުމަކީ އެކަމާ ދެކޮޅު ހަދާ ސަބަބުތައް ކަމަށް އެމްޖޭއޭ އިން ބުންޏެވެ.

ބިލް ހުށަހެޅުއްވި މެމްބަރު ހަންނާން ވިދާޅުވީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ، ރާއްޖޭގެ މީޑިއާ ބާރުވެރިކުރުމުގެ ބޭނުމުގައި ކަމަށެވެ.

"ތެދު ޚަބަރު މީޑިއާތަކުން ފަތުރަން މަގުފަހިކޮށްދީފައި ވާނެ. ދައުލަތުގެ ހަތަރު ވަނަ ބާރުގެ ގޮތުގައި މީޑިއާއަށް ހަރުދަނާކަމާ އެކު ހަރަކާތްތެރިވާން ޖާގަ ހޯދައިދީފައިވާނެ،" އަމިއްލަ ގޮތުން ހުށަހެޅުއްވި ބިލްގެ ދިފާއުގައި އޭނާ ވިދާޅުވި އެވެ.