Roadha Mihaaru
މިނިވަން ނޫސްވެރިކަމަކީ ކުރިއްސުރެ ދެކޭ ހުވަފެނެއް:އިބޫ

މިނިވަން ނޫސްވެރިކަމެއް އޮތުމަކީ ކުރިއްސުރެ ދެކޭ ހުވަފެނެއް: އިބޫ

18 އޮކްޓޯބަރ 2018

ރާއްޖޭގައި ޒަމާނީ ނޫސްވެރިކަން މިނިވަންކަމާއެކު އޮތުމަކީ ކުރިންސުރެ ދެކެވަޑައިގަންނަވަމުން އައި ހުވަފެނެއް ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގައި ޒަމާނީ ނޫސްވެރިކަން މިނިވަންކަމާއެކު އޮތުމަކީ ކުރިންސުރެ ދެކެވަޑައިގަންނަވަމުން އައި ހުވަފެނެއް ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ކުރިން ޓީވީއެމްގެ ޕްރޮޑިއުސަރުކަން ވެސް ކުރެއްވި އިބޫ ރާއްޖެ ޓީވީ އަށް ވަޑައިގެން އެ ސްޓޭޝަންގެ މުވައްޒަފުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިކަން ބިރުވެރި ދުވަސްވަރެއްގައި ވަނިކޮށް އަމިއްލަފުޅަށް ތަޖުރިބާ ކުރެއްވިފައި ވާތީ މިނިވަން ނޫސްވެރި ކަމަކަށް ފުރުސަތު އޮތުމަކީ އުއްމީދު ކުރައްވަމުން އައި ކަމެއް ކަމަށެވެ.

"ނޫސްވެރިމުގެ ތެރޭގައި ކޮންމެވެސް ވަރަކަށް އުޅެވިފައި ހުރީމާ އަދި ވަރަށް ބިރުވެރި ދުވަސްވަރެއްގައި އޭގެ ތެރޭގައި އުޅެވިފައި ހުރީމާ އޭގެ ނުރައްކާ އަޅުގަނޑަށް އިހުސާސް ކުރެވޭ،" 1984 އިން 1989 އަށް ޓީވީއެމްގައި އުޅުއްވި އިބޫ ވިދާޅުވި އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން އާ ގާނޫނުއަސާސީން ނޫސްވެރިކަމަށް މިނިވަންކަން ލިބުނު ކަމަށާއި އޭގެ ނަތީޖާ ފެނުނު ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. ނަމަވެސް އޭގެ ފަހުން އަނެއްކާ ވެސް ނޫސްވެރިކަން ވަނީ ކުރިއަށްވުރެ މާ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައި ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ރާއްޖެ ޓީވީއަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ރާއްޖެ ޓީވީ

އިބޫ ރާއްޖެ ޓީވީއަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ރާއްޖެ ޓީވީ

މިނިވަން ނޫސްވެރި ކަމަކަށް ފުރުސަތު ދެއްވުމަކީ އިބޫގެ ރިޔާސީ އިންތިޚާބުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. އެގޮތުން ނޫސްވެރިކަމަށް ހުރަސް އެޅޭގޮތަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަދާފައިވާ އަބުރުގެ ގާނޫނު އުވާލައްވާނެ ކަމަށް އިބޫ އޭރު ވިދާޅުވެފައިވެ އެވެ.

އިބޫއަކީ 1990 ވަނަ އަހަރު، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުޑަ ދުވަސްކޮޅަކަށް ދެއްވި ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރޭގައި ނެރުނު "ސަންގު"ގައި އަމަލީ ގޮތުން ނޫސްވެރިކަން ކުރެއްވި ބޭފުޅެކެވެ. އަދި އެ ދުވަސްވަރު މައުމޫން ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅެއްގައި "ސަންގު"ގެ ފަރާތުން ވަޑައިގަތީ ވެސް އިބޫ އެވެ.

ޑިމޮކްރަސީއަށް އަލުން ރާއްޖެ ހުޅުވި، 2005 ގައި، މިނިވަން ނޫސްވެރިކަމެއް ފެށުނު އިރު ނެރުނު ނޫސް "މިނިވަން"ގެ އެއް ހިއްސާދަރަކީ ވެސް އިބޫ އެވެ.

އެމަނިކުފާނު ރާއްޖެ ޓީވީގެ މުވައްޒަފުންނާ ބައްދަލުކުރައްވާ ވިދާޅުވީ އެއީ އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި މީޑިއާ ކަމަށެވެ. އެހެންކަމުން އެ ސްޓޭޝަންގެ ޓީމަށް ޝުކުރު އަދާކުރެއްވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި ރާއްޖެޓީވީއަކީ ރާއްޖޭގެ އެންމެ މަގުބޫލް ޓީވީ އެވެ. އެމަނިކުފާނު ވެސް ކޮންމެ ދުވަހަކު ހެނދުނު އެންމެ ފުރަތަމަ ބައްލަވަނީ ރާއްޖެ ޓީވީ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އިބޫ ރާއްޖޭގެ ގިނަ ރަށްރަށަށް ވަޑައިގެންނެވިއިރު އެ ދަތުރުފުޅުތަކުގައި މީޑިއާ ބައިވެރި ކުރެއްވި އެވެ. އިބޫ ވަނީ އެ ކަވަރޭޖްތަކުގައި ބައިވެރިވި ނޫސްވެރިންނާ މިދިޔަ ހުކުރު ދުވަހު ބައްދަލު ކުރައްވައިފަ އެވެ.