08 ޑިސެމްބަރ 2018
ރާއްޖެއަށް ލިބިފައިވާ ޖަޒީރާވަންތަ ސިފަ ދެމެހެއްޓޭނީ މި ޗާލު ވެށި ސާފުތާހިރުކޮށް ބަލަހައްޓައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ލިބިފައިވާ ޖަޒީރާވަންތަ ސިފަ ދެމެހެއްޓޭނީ މި ޗާލު ވެށި ސާފުތާހިރުކޮށް ބަލަހައްޓައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
މުޅި ރާއްޖެ ސާފުކުރުމަށް ކުރިއަށް ގެންދާ "ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ" ޕްރޮގްރާމް ފައްޓަވައި ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެ މަޝްހޫރުވެފައި ވަނީ ސާފުތާހިރުކަމަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ތަނެއްގެ ގޮތުގައި ކަމަށެވެ. އެހެންވެ އަލުން އެ ސިފަ އަށަގެންނެވުމަށް އެކަނިކުފާނު އެދިވަޑައިގަތެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސާފުކުރުމުގެ ބޮޑު ޕްރޮގްރާމް ހިމެނުއްވީ، ރާއްޖޭގެ ހިތްގައިމުކަމާއި ނަލަކަން ދަމަހައްޓައިގެން މެނުވީ ރާއްޖޭގެ ގުދުރަތީ ރީތި މުއްސަނދިކަމުގެ ނަފާ ހެޔޮގޮތުގައި ނުލިބޭނެ ކަމަށް ގަބޫލުފުޅު ކުރެއްވޭތީ އެވެ.
"ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ" ޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
"ކުނި ނައްތާލުމަކީ މި ރާއްޖޭގެ ކޮންމެ ރަށަކަށް ދިމާވެފައިވާ ވަރަށް ބޮޑު އިޖުތިމާއީ މައްސަލައެއް. އެފަދަ ކޮންމެ މައްސަލައެއްގެ ހައްލު ފެށެނީ ފަރުދުންގެ ކިބައިން ކަމަށް ވާތީ، މިކަމުގައި ވެސް ފަރުދުންގެ ޒިންމާއާ ދައުރު ވަރަށް ބޮޑު. ގޮނޑުދޮށްތަކާއި ކަނޑުފަޅުތަކާއި ފަރުތަކަށް ކުނި ބޭރުވަމުން ދަނީ ރަށުތެރޭގައި އުފެދޭ ކުނި ރައްކާތެރިކަމާއެކު ނައްތާލެވޭނެ ނިޒާމުތަކެއް އެކަށައެޅިފައި ނެތުމުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހުރިހާ ރަށަކަށް އެފަދަ ނިޒާމެއް ބޭނުންވާ ކަން ގަބޫލުފުޅުކުރައްވާ ކަމަށާއި ސަރުކާރުގެ އަމާޒަކީ އެފަދަ ނިޒާމުތައް ކޮންމެ ރަށެއްގައި ގާއިމްކޮށްދިނުން ކަމަށެވެ.
މާލޭގައި އުފެދޭ ކުނީގެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ އަޅުގަނޑުމެންގެ އަތުން މަގުތަކަށް އަޅާ ކުނި ކަމަށާއި ގުދުރަތީގޮތުން އުފެދޭ ކުންޏަށް ވުރެ ގިނައިން މަގުތަކުން ފެންނަނީ އެކި ޒާތުގެ ހުސް ޕެކެޓުތަކާއި ޕްލާސްޓިކް ފުޅި އާއި ކޮތަޅު ފަދަ ތަކެތި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިއަދު މި ފަށަނީ މި މުއްސަނދި ވެށި ކުރިއަށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިއްމު މަސައްކަތް. ތިމާވެށީގެ ނުރައްކާތަކުން މި ދުނިޔެ ސާފުކުރަން ކުރާ މަސައްކަތުގައި ޖަޒީރާ ގައުމެއްގެ ލީޑަރެއްގެ ގޮތުގައި މި ރާއްޖެއަށް ދެމި އޮވެވޭނީ ވެސް ސާފުތާހިރުކަންމަތީ މި ރާއްޖެ ބާއްވައިގެން،" ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
"ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ" ޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު، ރައީސް އިބްާރާހިމް މުހައްމަދު ސޯލިހު (ކ) އަދި ކުރީގެ ރައީސް މައުމޫން މަގުމަތި ސާފުކުރައްވަނީ- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ކުނި މެނޭޖުކުރުމުގެ އެންމެ ކުރު މަގަކީ، ކުންޏަކީ ކޮންމެހެން އުފެދެން ޖެހިގެން މެނުވީ ނުއުފެދޭ އެއްޗަކަށް ހެދުން ކަމަށާއި ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދަން ނިންމާފައިވާ ސާފުކުރުމުގެ މި ޕްރޮގްރާމަށް އެންމެން އެއްބާރުލުން ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ވަށައިގެންވާ އިމާރާތްތަކުން ވެސް ތަރައްގީއެއް ނުފެންނަ ކަމަށެވެ. ތަރައްގީއާ އަހުލާގު ދައްކުވައިދެނީ ސާފުތާހިރުކަމުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކި ބޭނުންތަކުގައި ރާއްޖެ އަންނަ ބޭރު މީހުންނަށް، ދިވެހިންގެ އަހުލާގާއި ސާފުތާހިރުކަން ދައްކައިދޭނީ މާލެތެރެ ސާފުވެގެން ކަމަށެވެ. އެހެންވެ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރިއަށްގެންދަން، މަހަކު އެއްފަހަރު ހުރިހާ އިދާރާއަކުން ވެސް އެއް ދުވަސް ހުސްކޮށްލަ ދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.
އުންމީދަކީ ކުނި މެނޭޖްކުރުމުގެ ޗެމްޕިއަންކަން: ރައީސް
ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް ރައީސް ފައްޓަވައި ދެއްވައިފި
ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހު
"މަހާސިންތާއިން ކުނީގެ މައްސަލައަށް ހައްލެއް ލިބޭނެ"
100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަނީ
"ސިޓީއަކަށް މުހިންމުވާ އަސާސީ ހިދުމަތްތައް ހަމަވެެއްޖެ"
މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
ކުނި މެނޭޖުކުރުމަށް ގްރީން ފަންޑުން ފައިސާ ދީފި
ކުނި މެނޭޖުކުރާ ސާމާނު ހޯދުން ލަންކާ ކުންފުންޏަކަށް
މަޖިލިސް ޗުއްޓީ އަށް، ކޮތަޅުގެ އިސްލާހު ލަސްވެދާނެ!