Roadha Mihaaru

މަގޭ ސާފު ރާއްޖެ: ކުނި މެނޭޖުކުރުމާ ބެހޭ ފުރަތަމަ ގައުމީ ކޮންފަރެންސް އަންނަ މަހު ބާއްވަނީ

ރާއްޖޭގައި ކުނި މެނޭޖުކުރުމާ ބެހޭ ފުރަތަމަ ގައުމީ ކޮންފަރެންސް "މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް 2025" އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

ކުނި މެނޭޖުކުރުމާ ބެހޭ ގައުމީ ކޮންފަރެންސް ބާއްވަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

19 ޖޫން 2025

ރާއްޖޭގައި ކުނި މެނޭޖުކުރުމާ ބެހޭ ފުރަތަމަ ގައުމީ ކޮންފަރެންސް "މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް 2025" އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެ ކޮންފަރެންސް އިއުލާންކުރީ އެކަމަށްޓަކައި، މާލެ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގައި ހުންނަ މަގޭ ސާފު ރާއްޖެ ބިލްޑިންގްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގައުމީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ތަރައްގީކޮށް، ހަރުދަނާކުރުމުގެ މަގުސަދުގައި މި ސަރުކާރުން އިއުލާނު ކޮށްފައިވާ "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމްގެ ދަށުން، މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން "މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް 2025" އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތު އިންތިޒާމްކުރުމަށް އިވެންޓް މޯލްޑިވްސްއާއެކު އެއްބަސްވުން ބަދަލުކުރުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތިމާވެއްޓާ ބެހޭ މިނިސްޓްރީން "މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް 2025" އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތު އިންތިޒާމްކުރުމަށް އިވެންޓް މޯލްޑިވްސްއާއެކު އެއްބަސްވުން ބަދަލުކުރުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ މަސައްކަތުގެ ދަށުން، ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖު ކުރާނެ ގޮތުގެ މައުލޫމާތާއި ކުނި މެނޭޖުކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާ މެދު ގައުމީ ފެންވަރުގައި މަޝްވަރާ ކުރުމަށް އަންނަ މަހުގެ 20 އިން 23 އަށް ހަތަރު ދުވަހުގެ ކޮންފަރެންސެއް ބާއްވަން ވެސް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ އެ ކޮންފަރެންސްގެ ރަސްމީ ބްރޭންޑިން އާއި ވެބްސައިޓް އަދި ސޯޝަލް މީޑިއާ ހޭންޑްލްތައް ތައާރަފު ކޮށްދެއްވައިފަ އެވެ. އަދި އެ ކޮންފަރެންސް ރާވައި އިންތިޒާމްކުރުމުގެ މަސައްކަތް "އިވެންޓް މޯލްޑިވްސް"އާ ހަވާލުކޮށް، އެއްބަސްވުމުގައި ވަނީ ސޮއިކޮށްފި އެވެ.

މިނިސްޓްރީން ބުނީ އެ ކޮންފަރެންސްގައި، ރާއްޖޭގެ ހުރިހާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި ކުނި މެނޭޖުކުރުމާ ގުޅުންހުރި ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި ކުންފުނިތަކާއި ޖަމިއްޔާތަކުގެ އިތުރުން ޓޫރިޒަމް ދާއިރާގެ ފަންނީ ބޭފުޅުންނާއި ތަޖުރިބާކާރުން ހިމެނޭހެން 500 އެއްހާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން "މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް 2025" އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތިމާވެއްޓާ ބެހޭ މިނިސްޓްރީން "މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް 2025" އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ކޮންފަރެންސް ބާއްވަނީ ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ކުރިއަށް ގެންދާ "މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުން" ހަރަދުކޮށްގެން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ވިދާޅުވީ ކުނި މެނޭޖުކުރުމަށް ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި މި ވަގުތު ހިންގަމުން އަންނަ މަޝްރޫއުތަކުގެ އިތުރުން، އެ މަސައްކަތަށް ބޭނުންވާ ސައްހަ މައުލޫމާތު ކައުންސިލުތަކަށް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މިހާރު ހިންގަމުން އަންނަ އަދި ކުރިއަށް ރޭވިފައިވާ ކުނި މެނޭޖުކުރުމުގެ ވަސީލަތްތައް ތަރައްގީކުރުމުގެ މަޝްރޫއުތަކުން ލިބޭ ނަތީޖާ އާއި، ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި އެކި ފަރާތްތަކުގެ ދައުރު ފުރިހަމަ ގޮތުގައި އަދާކޮށް، ކުނި މެނޭޖުކުރުމުގެ ގާނޫނީ އޮނިގަނޑުގެ މައުލޫމާތާއި އެކި ރަށްރަށުގެ ތަޖުރިބާ އާއި ކާމިޔާބީގެ މައުލޫމާތުގެ މައްޗައް ބިނާކޮށްގެން މެނުވީ، ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާނުކުރެވޭނެ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.