Roadha Mihaaru
100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަނީ

100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަނީ

05 މާޗް 2024

ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް، މީހުން ދިރިއުޅޭ 100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް، މީހުން ދިރިއުޅޭ 100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ 100 ދުވަހަށް ހާއްސަކުރި "ހަފްތާ 14" ގެ ދަށުން މިނިސްޓްރީން ކުރަން ހުރި މަސައްކަތުގެ ތަފްސީލު ދެއްވައި، މިނިސްޓަރު ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކުރުމަށް ފަސް އަހަރުގެ ޕްލޭނެއް އެކުލަވާލައި މިދިޔަ މަހު އިފްތިތާހު ކުރައްވާފައިވާ ކަމަށެވެ.

ރާއްޖޭގައި ރަސްމީކޮށް ކުނި މެނޭޖްކުރަން ފެށީ 2004 ވަނަ އަހަރު ސުނާމީ ކާރިސާއަށް ފަހު އެވެ. އޭގެ ފަހުން 79 ރަށެއްގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރަމުން އަޔަސް އެ މަރުކަޒުތަކަކީ ވަރަށް ބޭސިކް ކުނި މެނޭޖްކުރާ ތަންތަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވާހަކަ ދައްކަވަނީ--

ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވާހަކަ ދައްކަވަނީ--

އެހެންވެ، މިނިސްޓަރު ވިދާޅުވީ ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތައް ވެސް ހިމެނޭ ގޮތަށް އެފަދަ 100 މަރުކަޒެއް ރަށްރަށުގައި ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ.

ކުނި މެނޭޖުކުރާ ރަށްރަށުގެ ތަފްސީލު:

- 54 ރަށް - މިއީ މުޅިން އަލަށް ކުނި މެނޭޖްކުރާ މަރުކަޒު އަޅާ ރަށްރަށް

- 44 ރަށް - މަރާމާތުކޮށްގެން ތަރައްގީކުރާ މަރުކަޒުތައް

މިނިސްޓަރު ވިދާޅުވި ގޮތުގައި އެތަންތަނުގައި ކުނި މެނޭޖްކުރާނެ އިކުއިޕްމަންޓްތަކާއި އެކަމަށް ބޭނުންވާނެ ވެހިކަލްތައް ވެސް ހުންނާނެ އެވެ. އަދި އެކަމަށް މީހުން ތަމްރީނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ވެސް ބޮޑެތި މަރުކަޒުތައް ގާއިމުކުރެވި އެކަން ވަށާ ޖެހޭ ނިޒާމެއްގެ ދަށުން ކުރުމުގެ މަސައްކަތް ކުރައްވާ ކަމަށެވެ.

ސަރަހައްދީ ކުނި މެނޭޖްކުރާ ސަރަހައްދު:

• ވަންދޫ

- މިހާރު ވެސް ކުނި މެނޭޖްކުރުމަށް ބޭނުންކުރަމުންދާ ރަށެއް،

- މި ރަށުގައި މިހާރު ވެސް ދުވާލަކު 40 ޓަނުގެ ކުނި މެނޭޖްކުރޭ

- އެކަމަކު އެ މަސައްކަތަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދައި ވަށާ ޖެހޭ ގޮތެއްގައި އެކަން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި

• ތިލަފުށި

- ކ. އަތޮޅުގެ އިތުރުން އއ. އާއި އދ. އަދި ވ. އަތޮޅުގެ ރަށްތަކުން ކުނި ގެންދޭ

- ދުވާލަކު 500 ޓަނުގެ ކުނި އެންދޭ

- މި ސަރަހައްދުގެ އާބާދީ އިތުރުވެ، ކުނި އުފައްދާ މިންވަރު އިތުރުވެ، ސަރުކާރުން ތިލަފުށި ބޮޑުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި

- ފަންޑު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން

• އައްޑޫ

- އެ މަސައްކަތްކުރުމަށް ބޭނުންވާ ފައިސާގެ އެއް ބައި އޭޑީއެފްޑީ ފަންޑުން ވަނީ ލިބިފައި

- އެތަނުގެ މަސައްކަތް 2027 ގެ ނިޔަލަށް ނިމޭނެ

- ގއ. އާއި ގދ. އާއި ފުވައްމުލަކުން ކުނި ގެވޭނެ ގޮތް ހަދާނެ

ކ. ތިލަފުށީގައި ހުންނަ ވެމްކޯގެ ސައިޓު-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކ. ތިލަފުށީގައި ހުންނަ ވެމްކޯގެ ސައިޓު-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ކުނި އަންދާ ނިޒާމުގައި ކުނި އަންދައިގެންނާއި އަދި އޭގެ ވޭސްޓް ހީޓް ރިކަވާ ކޮށްގެން ޕަވާ ވެސް ޖެނަރޭޓްކުރާނެ. އެއީ 11 މެގަވޮޓުގެ ޕަވާ ޖަނަރޭޓްކުރާނެ. އެ މަސައްކަތް ވެސް ދަނީ ފެށިގެން ކުރިއަށް. އެ މަސައްކަތް އެއްކޮށް ނިންމައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ބެލެވެނީ 2024 ގެ ނިޔަލަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ރައްކާތެރި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ދެ ބިލިއަން ރުފިޔާ ހަރަދުވެ އެވެ. މިނިސްޓަރު ވިދާޅުވީ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް މިއަހަރުގެ ބަޖެޓްގައި އޮތީ 172.5 މިލިއަން ރުފިޔާ ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ބަޖެޓްގައި ޖެހިގެންނާއި ބޭރުގެ އެހީގައި އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރައްވާނެ އެވެ.

ކ. ތިލަފުށީގައި ހުންނަ ވެމްކޯގެ ސައިޓުގައި ކުނި ވަކިކުރުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކ. ތިލަފުށީގައި ހުންނަ ވެމްކޯގެ ސައިޓުގައި ކުނި ވަކިކުރުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

- ހަފްތާ 14 ގައި މިނިސްޓްރީގެ ދަށުން ކުރަން ހުރި ކަންކަން:

- އަތޮޅު ފެންވަރާއި ރަށު ފެންވަރުގައި ތިމާވެއްޓާއި ރައްޓެހިކޮށް އެކަން ކުރުމަށް އަމިއްލަ މީހުންނާއި ވިޔަފާރި ފެންވަރުގައި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން

- "މަގޭ ސޯލާ"ގެ ނަމުގައި ގޭބިސީތަކުން އުފައްދާ ކަރަންޓު ކުޑަކުރުމަށް އެކަމާ ގުޅޭ ސިޔާސަަތުތައް ރިވިއުކުރުން