Roadha Mihaaru
އުންމީދަކީ ކުނި މެނޭޖްކުރުމުގެ ޗެމްޕިއަންކަން: ރައީސް

އުންމީދަކީ ކުނި މެނޭޖްކުރުމުގައި ރާއްޖެ ޗެމްޕިއަނަަށްވުން: ރައީސް

15 ޑިސެމްބަރ 2021

ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގައި ރާއްޖެއަކީ ދުނިޔޭގެ ލީޑަރެއްގެ ގޮތުގައި ދުނިޔޭގެ ޗާޓުން ދެކެން ބޭނުންފުޅުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގައި ރާއްޖެއަކީ ދުނިޔޭގެ ލީޑަރެއްގެ ގޮތުގައި ދުނިޔޭގެ ޗާޓުން ދެކެން ބޭނުންފުޅުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ބޭރުގެ އެކި ފަރާތްތަކުގެ އެހީގައި ތިމާވެއްޓާ ގުޅޭގޮތުން ރާއްޖޭގައި މިހާތަަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު، ވޭސްޓު އެނާޖީ ޕްރޮޖެކްޓްގެ ދެ ވަނަ ފިޔަވަހި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ގުދުރަތީ ގޮތުން ރަށްތައް ބެހިފައިވާ ގޮތާއި ރަށްތައް ކުޑަވުމުން ރައްކާތެރިގޮތުގައި ކުނި ނައްތާލަން ބޮޑު ގޮންޖެހުންތަކާ ދިމާވާ ކަމަށެވެ.

އެކަންކަން ހައްލުކުރުމަށް ފަށާފައިވާ 304 މިލިއަން ޑޮލަރުގެ އަގުބޮޑު މަޝްރޫއު ވަރަށް މުހިއްމު ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހި މިއަދު ލޯންޗުކުރިއިރު، ފުރަތަމަ ފިޔަވައްސާ އެކު މިހާރު ވެސް ތިލަފުށިން ބޮޑު ކުރިއެރުމަކާ އެކު ތަފާތު ދައްކަން ފަށާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"އުންމީދަކީ ދެވަނަ ފޭސްގެ މަސައްކަތް ކުރިއަށްދާތަން ފެނުން. އަދި ދުނިޔޭގެ ޗާޓުގައި ރާއްޖެއަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލާ ގައުމެއްގެ ގޮތުގައި ފާހަގަވުން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ތިލަފުއްޓާއި ރަށްރަށުގައި ކުނި އެންދީ އެކަމުގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުމަކަށް މާބޮށް ބެލުމެއް ނެތި އެވެ. އަދި ރައްޔިތުންގެ ސިއްހަތަށް ލިބޭ ގެއްލުމަކަށް ވެސް އޭރު ނުބަލާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރަށްރަށުން ތިލަފުށްޓަށް ކުނި ގެނައުމުގައި ވެސް އެކަން ކުރަމުން އައީ ތިމާވެށްޓަށް މާބޮޑު ސަމާލުކަމެއް ދީގެންނެއް ނޫން. މާލެއިން ތިލަފުށްޓަށް ކުނި އުފުލުމުގައި ވެސް ތިމާވެށި ރައްކާތެރިކުރުމަށް މާ ބޮޑު ސަމާލުކަމެއް އޭރަކު ދެވިފައެއް ނެތް. އެއްތަނުން އަނެއް ތަނަށް ކުނި އުފުލުމުގައި ނުރައްކާތެރި ބާވަތްތަކުގެ ވަރަށް ގިނަ ކުނި ކަނޑަށް އެޅޭގޮތް ވެސް އޭރު މެދުވެރިވޭ. މިއީ ކުނި ރަނގަޅަށް މެނޭޖް ކުރެވޭނެ ނިޒާމެއް ގާއިމްވެފައި އޮތް ނަމަ ވެގެންވާނެ ގޮތެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ގައުމު ތަރައްގީކުރަންވާނީ އަދި އިގްތިސާދީ ހަރަކާތްތައް ހިންގަންވާނީ ވެސް، ރައީސް ވިދާޅުވި ގޮތުގައި، ވަށައިޖެހޭ ނިޒާމެއްގެ ތެރެއިންނެވެ. ރާއްޖެ ފަދަ ބިން ތިރި ގައުމެއްގައި ގުދުރަތީ ވެއްޓާއި މާހައުލީ ނިޒާމުގެ ހިމާޔަތަށް ދޭންޖެހޭ ސަމާލުކަން ވަކިން ބޮޑުކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތަކީ ހަމައެކަނި ކުނި މެނޭޖްކޮށްގެން ތިމާވެށި ރައްކާތެރިކުރުން ނޫންކަމަށާއި ތިމާވެއްޓަށް ގެއްލުންދޭ ބާވަތުގެ ކުނި މަދުކުރުމަކީ ވެސް ވަރަށް މުހިންމު ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ތިލަފުށީގައި ގާއިމްކުރާ ޒަމާނީ ވަސީލަތްތަކުން ކުނި ނައްތައިލާއިރު އެއްލައިލަންޖެހޭ މާބޮޑު އެއްޗެއް ނޯންނާނެ ކަމަށެވެ. ކިތަންމެ ގަދަ ހޫނެއްގައި ކުނި އެންދިޔަސް އެ މެޝިނުން ދުމެއް، ވިހައެއް އަދި ވަހެއް ވެސް ބޭރުނުވާނެ ކަމަށް ވިދާޅުވި އެވެ.

"ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. ދިރިއުޅުމުގެ ހާލަތަށް ވެސް އަންނަނީ ބަދަލު އަންނަމުން. އުމްރާނީ މަސައްކަތްތައް ވެސް އަންނަނީ އިތުރުވަމުން. ފަތުރުވެރިކަން ފުޅާވެ، އިގްތިސޯދީ ހަރަކާތްތައް ވެސް މި ދަނީ އިތުރުވަމުން. މިފަދަ ކޮންމެ ބަދަލަކާ އެކު ކުނި އުފެދޭ މިންވަރު ވެސް އިތުރުވޭ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތިބެންޖެހެނީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން. އަޅުގަނޑުމެންނަކީ އަބަދު ވެސް ރަށްރަށް ކުނިކަހައި ރީތިކޮށް ބަލަހައްޓާ ބަޔަކަށްވާއިރު ރަށު ފަތުރުވެރިކަން ފުޅާވެ، ހޯމް ސްޓޭ ފަތުރުވެރިކަން ތައާރަފްވާއިރު، ރަށްރަށުގެ ސާފުތާހިރުކަމަށް އިތުރު ސަމާލުކަމެއްވެސް ދޭން އެބަޖެހޭ. ރަށްރަށުގެ މާހައުލީ ނިޒާމާއި، ތިމާވެށި ހިމާޔަތްކުރުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ކުރަންޖެހޭނެ،" ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުނި މެނޭޖްކުރާނެ މަރުކަޒުތައް ގާއިމުކުރުމުގެ ބޭނުމަކީ އެއީ ކަމަށާއި އެ މަރުކަޒުތައް ބޭނުންކުރަން ފެށުމުން ރަށްރަށުގައި އުފެދޭ ކުނި ފިޔަވައި، އެނޫން ބާވަތްތަކުގެ ކުނިތައް، ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ގެންގޮސް ރައްކާތެރި ގޮތުގައި ނައްތައިލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.