Roadha Mihaaru
އެއިޑްސްއާ ދެކޮޅަށް "ނޯ ޔުއަ ސްޓޭޓަސް" ފަށައިފި

އެއިޑްސްއާ ދެކޮޅަށް "ނޯ ޔުއަ ސްޓޭޓަސް" ކެމްޕެއިން ފަށައިފި

04 ޑިސެމްބަރ 2018

އެއިޑްސް ބައްޔާ ދެކޮޅަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިންތިޒާމު ކުރާ "ނޯ ޔުއަ ސްޓޭޓަސް" ކެމްޕެއިން، ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފައްޓަވައި ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެއިޑްސް ބައްޔާ ދެކޮޅަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިންތިޒާމު ކުރާ "ނޯ ޔުއަ ސްޓޭޓަސް" ކެމްޕެއިން، ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފައްޓަވައި ދެއްވައިފި އެވެ.

އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތުގައި، އެ ކެމްޕެއިން ފައްޓަވައި ދެއްވުމަށް ފަހު ފައިސަލް ވިދާޅުވީ އެއިޑްސް ބަލިން ރައްކާތެރިވުމަށް ބާރު އެޅުމުގެ ގޮތުން ހުރިހާ ދާއިރާއެއް ހިމެނޭ ގޮތަށް ހިންގާ އެކި ޕްރޮގްރާމްތައް ބެލުމާއި ހިންގުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރަން ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.

އެ ނިޒާމު ގާއިމުކުރެވުމުން ހަރަދު ކުޑަވެ، ފަސޭހަ އިން އެފަދަ ޕްރޮގްރާމްތައް ހިންގަން މަގުފަހިވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

އެއިޑްސްއާ ދެކޮޅަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރި އަށް ގެންދާ "ނޯ ޔުއަ ސްޓޭޓަސް" ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ބޭފުޅުން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެއިޑްސްއާ ދެކޮޅަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރި އަށް ގެންދާ "ނޯ ޔުއަ ސްޓޭޓަސް" ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ބޭފުޅުން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި އެއިޑްސް ބަލީގެ ހާލަތު އިތުރުނުވެ ހިފެހެއްޓިފައި ވުމަކީ ވަރަށް ބޮޑު ކާމީޔާބީއެއް ކަމަށެވެ. އަދި ހަރުދަނާ ގޮތެއްގައި އެކަން ކުރި އަށް ގެންދިއުމަށް އެއިޑްސް އަށް ޓެސްޓުކޮށް އެ މީހެއްގެ ހާލަތު ދެނެގަނެވިފައި އޮތުމަކީ ބަލިން ރައްކާތެރިވުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަން ފާހަގަކުރެއްވި އެވެ.

"ރާއްޖެއަކީ ގިނަ ބަޔަކު ހިޖުރަކޮށް ދިރިއުޅެމުން އަންނަ ގައުމަކަށް ވާއިރު، އެ މީހުން ވެސް އެޗްއައިވީ އަށް ޓެސްޓު ކުރުން މުހިއްމު،" ފައިސަލް ވިދާޅުވި އެވެ.

އިޖުތިމާއީ އެކި ކަންކަމުގައި މަދަނީ ޖަމިއްޔާތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު އެފަދަ ޖަމާއަތްތަކުގެ މަސައްކަތް ފާހަގަ ކުރައްވައި އެ މަނިކުފާނު ވަނީ އެ ތަންތަނަށް ދޭ މާލީ އެހީތެރިކަން އިތުރު ކުރުމަށް ބާރުއަޅުއްވައިފަ އެވެ.

އެއިޑްސްއާ ދެކޮޅަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރި އަށް ގެންދާ "ނޯ ޔުއަ ސްޓޭޓަސް" ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ނިޝާން އަލީ /މިހާރު

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ އެއިޑްސް ފަދަ ބައްޔަށް އާއްމުންގެ ހޭލުންތެރިކަން ވަރަށް މުހިއްމު ކަމަށެވެ. އެހެންވެ ސިއްހީ ދާއިރާއާ ގުޅުން ހުރި މަސައްކަތްތަކުގައި ހުރިހާ ފަރާތެއްގެ އެއްބާރުލުން ސަރުކާރަށް ދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

"ނޯ ޔުއަ ސްޓޭޓަސް" އަކީ އެއިޑްސް އަށް ވީހާ ވެސް ގިނަ ބަޔަކު ޓެސްޓު ކުރުމަށް ފެށި ކެމްޕެއިނެކެވެ. އޭގެ ދަށުން ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އަދި އައިޖީއެމްއެޗުން ހިލޭ ޓެސްޓު ކުރެވޭނެ އެވެ. އެ ކެމްޕެއިން ފެށުމަށް ފަހު ނައިބު ރައީސް ވަނީ އެޗްއައިވީ އަށް ޓެސްޓު ކުރައްވައިފަ އެވެ.