Roadha Mihaaru
ޒާރާ އާއި މުސްކާން އަށް އެތައް ފަރާތެއްގެ އެހީ!

ޒާރާ އާއި މުސްކާން އަށް ގިނަ ފަރާތްތަކެއްގެ އެހީ ލިބިއްޖެ

20 ނޮވެމްބަރ 2018

ދިވެއްސަކާ ކައިވެނިކޮށް، ކުއްޖަކު ލިބުނު ފަހުން ވަރިކުރުމުން ދަރިފުޅު ގޮވައިގެން ބިކަ ހާލުގައި އުޅެމުން އަންނަ، ނޭޕާލަށް އުފަން ޒާރާގެ ވާހަކަ ޓުވިޓާގައި ހިއްސާ ކުރުމުން ގިނަ ކުންފުނިތަކަކާއި ފިހާރަތަކުން އިސްނަގައިގެން އެ ދެމައިންނަށް ގިނަ އެހީތަކެއް ވެއްޖެ އެވެ.

މުހައްމަދު ފައިޒާން އިސްމާއިލް މުހައްމަދު ފައިޒާން އިސްމާއިލް

ދިވެއްސަކާ ކައިވެނިކޮށް، ކުއްޖަކު ލިބުނު ފަހުން ވަރިކުރުމުން ދަރިފުޅު ގޮވައިގެން ބިކަ ހާލުގައި އުޅެމުން އަންނަ، ނޭޕާލަށް އުފަން ޒާރާގެ ވާހަކަ ޓުވިޓާގައި ހިއްސާ ކުރުމުން ގިނަ ކުންފުނިތަކަކާއި ފިހާރަތަކުން އިސްނަގައިގެން އެ ދެމައިންނަށް ގިނަ އެހީތަކެއް ވެއްޖެ އެވެ.

އެގޮތުން އެ ދެމައިންގެ ދިރިއުޅުމަށް ލުޔެއް ގެނެސް ދިނުމަށް ޓަކައި ލޮޓަސް ފިހާރައިން ޒާރާ އަށް ސައިކަލެއް ދީފައި ވެއެވެ. އަދި މުސްކާނަށް ބައިސްކަލެއް ހަދިޔާކޮށް، ލޮޓަސް ފިހާރައިން ވަނީ މުސްކާންގެ ސްކޫލް އިންޓަވަލަށް ގެންދަން ބޭނުންވާ ތަކެތި ހަދިޔާ ވެސް ކޮށްފަ އެވެ. އަދި ލޮޓަސް އިން ހަދިޔާ ކުރި ސައިކަލް ދުއްވުމަށް ބޭނުންވާާ ލައިސަންސް، ގައިޑަންސް ޑްރައިވިން ފަރާތުން ޒާރާ އަށް ނަގައިދިނުމުގައި އަންނަނީ އެހީވަމުންނެވެ.

ލޮޓަސް އިން ޒާރާ އާއި މުސްކާން އަށް ހަދިޔާ ކުރި ސައިކަލު.

އެ ދެމައިންނަށް ފޯރުކޮށްދީފައިވާ އެހީތަކުގެ ތެރެއިން ޕްލާޒާ އިން އެއް އަހަރު ދުވަހުގެ ސެންޓު ޒާރާ އަށް ހަދިޔާކޮށްފައި ވެއެވެ. އަދި ގޭތެރޭގައި ބޭނުންކުރާ މިކްސަރު ފަދަ ތަކެތި އެސްޓީއޯއިން ހަދިޔާ ކުރި އެވެ.

ގިނަ ކުންފުނިތަކަކުން އެކުގައި ޒާރާއާ މަޝްވަރާ ކޮށްގެން ދިން އެހީގައި އޭޑީކޭ ޖީކޭޓީ، ބީއެޗްއެމް، ޕަބްލިސިޓީ ބިއުރޯ، ދަމާސް އަދި ސީހައުސް ވެސް ހިމެނެ އެވެ. ބިކަ ހާލުގައި އުޅެމުން އައި ޒާރާ އާއި މުސްކާންގެ ވާހަކަ ސޯޝަލް މީޑިއާގައި އާންމު ވުމުން، އާންމުންގެ ތެރެއިން ގިނަ ފަރާތެއްގެ އެހީ ވެސް ވަނީ އެ ދެމައިންނަށް ފޯރުކޮށްދީފަ އެވެ. އެގޮތުން ފައިސާ ހޯދުމަށް ހުޅުވާލި ފަންޑަށް 27،000 ރުފިޔާ ގޮތުގައި ހިލޭ އެހީ ފޯރުކޮށްދީފައި ވެއެވެ.

ރާއްޖޭގެ އާންމުންނާއި ވިޔަފާރިވެރި ކުންފުނިތަކުން އިސްނަގައިގެން އެ ދެމައިންނަށް އެހީ ވުމުން، ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ހަ މަހު އެ ދެމައިންނަށް ލުއި ކަމެއް ލިބޭނެ އެވެ.