Roadha Mihaaru
އައިސްކްރީމް ބައިސްކަލު ހުއްޓުވުމުން ބަދަލުދޭން ޖެހިއްޖެ

އައިސްކްރީމް ބައިސްކަލު ހުއްޓުވުމުން 405،000ރ. ދޭން ހުކުމްކޮށްފި

14 ނޮވެމްބަރ 2018

އައިސްކްރީމް ބައިސްކަލުތަކެއްގައި އައިސްކްރީމް ވިއްކުމުގެ ވިޔަފާރި މީހަކު ކުރަމުން ދަނިކޮށް، މާލޭ ސިޓީ ކައުންސިލުން އެކަން ގާނޫނާ ޚިލާފަށް ހުއްޓުވި މައްސަލައިގައި ގެއްލުމުގެ ބަދަލަށް އެ މީހާ އަށް 400،000ރ. ދައްކަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އައިސްކްރީމް ބައިސްކަލުތަކެއްގައި އައިސްކްރީމް ވިއްކުމުގެ ވިޔަފާރި މީހަކު ކުރަމުން ދަނިކޮށް، މާލޭ ސިޓީ ކައުންސިލުން އެކަން ގާނޫނާ ޚިލާފަށް ހުއްޓުވި މައްސަލައިގައި ގެއްލުމުގެ ބަދަލަށް އެ މީހާ އަށް 400،000ރ. ދައްކަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

މީގެ ހަތް އަހަރު ކުރިން 2011 ގައި މާލޭގައި އައިސްކްރީމް ބައިސްކަލުތަކެއްގައި މީހަކު އައިސްކްރީމް ވިއްކުމުގެ ވިޔަފާރި ކުރަމުން ދަނިކޮށް އޭރުގެ މާލޭ ސިޓީ ކައުންސިލުން ވަނީ އެކަން ހުއްޓުވައިފަ އެވެ. އެ މައްސަލައިގައި 2012 ގައި ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ އެ ވިޔަފާރި ހުއްޓާލަން އެންގުމުގެ ބާރު ސިޓީ ކައުންސިލަށް ނޯންނާނެ ކަމަށެވެ. އެކަމަކު ގެއްލުމުގެ ބަދަލު ހޯދަން ބައިސްކަލްތަކުގެ ވެރިފަރާތުން ދައުވާ ކުރުމުން ސިވިލް ކޯޓުން ނިންމާފައި އޮތީ ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށެވެ.

އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ހުކުމްކުރީ ގެއްލުމުގެ ބަދަލަށް 405،000ރ. އެ މީހާ އަށް ދިނުމަށެވެ. އެ މީހާގެ ފަރާތުން އެދުނީ 1.1 މިލިއަން ރުފިޔާ ގެއްލުމުގެ ބަދަލަށް ނަގައިދިނުމަށް ކަމަށް ވިޔަސް، ހައި ކޯޓުގެ ހުކުމުގައިވަނީ ހުށަހެޅި ހެކިތަކަށް ބަލާއިރު އެ މިންވަރަށް އޭނާ އަށް ގެއްލުން ލިބުނު ކަން ސާބިތުނުވާ ކަމަށެވެ.

އެކަމަކު އެ ވިޔަފާރި ހުއްޓުވާލުމުން އެ މީހާ އަށް ލިބުނު ގެއްލުމަށް އަދުލުވެރި ބަދަލެއް ދިނުމުގެ ގޮތުން ހައި ކޯޓުން ނިންމީ އޭނާ އެ ވިޔަފާރި ކުރި އިރު ދުވާލަކަށް ލިބުނު އާމްދަނީ ރޭޓުން 90 ދުވަހަށް ވާ ފައިސާ ބަދަލުގެ ގޮތުގައި ނަގައި ދިނުމަށެވެ. ގެއްލުމުގެ ބަދަލަށް ހަތަރު ލައްކަ ރުފިޔާ ކަނޑައެޅީ އެ ގޮތަށް ހިސާބު ހެދުމަށް ފަހު އެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަންގާފައިވަނީ 405،000ރ އެއް މަސް ތެރޭގައި ދެއްކުމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އަދި އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.