Roadha Mihaaru
ރައީސް ވަހީދު: ކެތްތެރިކަމުގެ ދޮޅު އަހަރު

ރައީސް ވަހީދު: ކެތްތެރިކަމުގެ ދޮޅު އަހަރު

11 ނޮވެމްބަރ 2018

އެމްޑީޕީގެ މީހުންގެ ނަޒަރުގައި އެއީ "ބާޣީއެކެ"ވެ. ބައިނަލްއަގުވާމީ ފެންވަރެއްގައި ކުރި ތަހުގީގަކުން، ފެބްރުއަރީ 7 އަކީ، ބަގާވާތެއް ނޫން ކަމާއި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅު އިޚުތިޔާރުގައި ކަމަށް ވިޔަސް، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ސަޕޯޓަރުން އެކަން ގަބޫލެއްނުކުރެ އެވެ. އެހެންކަމުން ރައީސް މުހައްމަދު ވަހީދަކީ، ވެރިކަން "ހޯއްދެވި" ގޮތުން ފެށިގެން، ވެރިކަން ނިންމާލެއްވި ދުވަހާ ހަމައަށް ވެސް، ރާއްޖޭގެ އެތައް ހާސް ބައެއްގެ ސީދާ ނުރުހުން އަމާޒުވި ސިޔާސީ ލީޑަރެކެވެ.

މޫސާ ލަތީފް މޫސާ ލަތީފް

އެމްޑީޕީގެ މީހުންގެ ނަޒަރުގައި އެއީ "ބާޣީއެކެ"ވެ. ބައިނަލްއަގުވާމީ ފެންވަރެއްގައި ކުރި ތަހުގީގަކުން، ފެބްރުއަރީ 7 އަކީ، ބަގާވާތެއް ނޫން ކަމާއި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅު އިޚުތިޔާރުގައި ކަމަށް ވިޔަސް، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ސަޕޯޓަރުން އެކަން ގަބޫލެއްނުކުރެ އެވެ. އެހެންކަމުން ރައީސް މުހައްމަދު ވަހީދަކީ، ވެރިކަން "ހޯއްދެވި" ގޮތުން ފެށިގެން، ވެރިކަން ނިންމާލެއްވި ދުވަހާ ހަމައަށް ވެސް، ރާއްޖޭގެ އެތައް ހާސް ބައެއްގެ ސީދާ ނުރުހުން އަމާޒުވި ސިޔާސީ ލީޑަރެކެވެ.

ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާގެ ހަތަރު ވަނަ ރައީސްގެ ގޮތުން މަގާމާ އެމަނިކުފާނު ހަވާލުވެވަޑައިގަތީ، އެހެން އެއްވެސް ރައީސަކަށް ކުރައްވަން ޖެހުނު ކަހަލަ ތަޖުރިބާއެއްގެ ތެރައަކުން ނޫނެވެ. ރައީސްކަމުގެ މަގާމަށް ވަޑައިގަތުމަކީ، ޔަގީނުން ވެސް، ވަހީދުގެ ހުވަފެންފުޅެކެވެ. އދ. ގެ މަތީ މަގާމަކުން އިސްތިއުފާ ދެއްވައި ރާއްޖެ ވަޑައިގަތީ ވެސް އެ އުއްމީދުގަ އެވެ.

އެކަމަކު އެކަނިމާއެކަނި ނުކުންނަވައިގެން ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވޭ ފަދަ ސިޔާސީ ބާރުވެރިޔަކަށް ވަހީދެއް ނުވެ އެވެ. އެހެންކަމުން ޚިޔާރުކުރެއްވީ ދެން އޮތް އެންމެ ރަނގަޅު ފުރުސަތެވެ: އެންމެ ބޮޑު ސިޔާސީ ޕާޓީގެ ކެންޑިޑޭޓް ނަޝީދުގެ ރަނިން މޭޓުގެ މަގާމެވެ.

ދެ ބޭފުޅުންގެ މިޒާޖު އުޑާއިބިމާހާ ތަފާތެވެ. ނަޝީދަކީ ސިޔާސީ ހަރަކާތްތައް ހަލުވި، މީހުންގެ ސަޕޯޓް ހޯއްދަވަން ކުޅަދާނަ، އެހެން މީހަކު ބުނެފާނެ، ހީކޮށްފާނެ، ގަބޫލުކޮށްފާނެ ގޮތަކާ މެދު ވިސްނަވާ ބޭފުޅެއް ނޫނެވެ.

ވަހީދަކީ މަޑުމައިތިރި، ގޮތްދޫކުރައްވާ ކަހަލަ ބޭފުޅެކެވެ.

އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުވުމާ އެކު ރާއްޖޭގެ ވެރިކަމާ ނަޝީދު ހަވާލުވެވަޑައިގަތީ ވަރަށް ދަތި ހާލަތެއްގައި ރާއްޖެ އޮއްވަ އެވެ. ސިޔާސީ ހަލަބޮލިކަމުގެ އިތުރުން އިގުތިސާދީ ގޮތުން ދުނިޔެއަށް ކުރިމަތިވެފައި އޮތް ވެއްޓުމުގެ ނުބައި އަސަރުތައް އޮތީ ލައްވާލައިފަ އެވެ. ދުނިޔޭގެ ބޭންކިންގެ ނިޒާމް ފުނޑުވެ، އާ ދިރުމަކަށް ވިންދު ޖަހަން ފެށިއިރު އޭގެ އެންމެ ނުބައި އަސަރު ރާއްޖޭގެ ޓޫރިޒަމަށް އޮތީ ކޮށްފަ އެވެ.

ނަޝީދަށް އެއްކޮޅުން ބައްލަވަން ޖެހިފައި އޮތީ އިދިކޮޅުން ކޮންޓްރޯލް އަތުލި ރައްޔިތުންގެ މަޖިލިހުގެ ދުއްތުރާތަކެވެ. އަނެއްކޮޅުން ފައިސާ ނެތް ބަޖެޓެއްގައި ގައުމު ހިންގަވާށެވެ. މި ހާލަތުގައި އާ އަދި ޒުވާން ސަރުކާރަކަށް ހެދޭނެ ގޯސްތައް، އެމްޑީޕީގެ ވެރިކަމުގައި ފެނުނެވެ. އޭގެ ބައެއް ކަންކަން ވަހީދަށް ގަބޫލުފުޅުނުކުރެއްވިދާނެ އެވެ. މިސާލަކަށް ޖޫން 29، 2010 ގައި ކެބިނެޓްގެ ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވި ގޮތެވެ. ރައީސް ނަޝީދާއި ނައިބު ރައީސް ވަހީދު ފިޔަވައި ކެބިނެޓްގެ އެހެން ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވީ، ސަރުކާރު ހިންގަން އިދިކޮޅު ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލިހުގެ އުނދަގޫތައް ބޮޑުވެގެން ކަމަށް، ނަޝީދު ވިދާޅުވެ އެވެ.

ޖުލައި 26، 2016- މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީންގެ ދެކަނަލުން ސަރުކާރުގެ އިސްވެރިންނާއި ބޭރުގެ ސަފީރުންނަށް ރޭ ދެއްވި ޖާފަތުގައި ކުރީގެ ރައީސް ވަހީދުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.

ޖުލައި 26، 2016- މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީންގެ ދެކަނަލުން ސަރުކާރުގެ އިސްވެރިންނާއި ބޭރުގެ ސަފީރުންނަށް ރޭ ދެއްވި ޖާފަތުގައި ކުރީގެ ރައީސް ވަހީދުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.

އިދިކޮޅު ހަރަކާތްތައް ހުރީ، ރައީސް ނަޝީދަށް ޕްރެޝަރު ބޮޑުވާ ގޮތަށެވެ. ބޮޑު އިސްތިއުފާގެ އެއް ދުވަސް ކުރިން، އިންޑިއާގެ ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމާ ދެކޮޅަށް އިދިކޮޅު ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީ އާއި ދިވެހި ގައުމީ ޕާޓީ އަދި އަދާލަތު ޕާޓީން ކުރަމުން ދިޔަ ކަންކަމުން އެމްޑީޕީ ސަރުކާރު އޮތީ ރުޅިވެރިކަމެއްގެ ތެރޭގަ އެވެ.

ފެބްރުއަރީ 7 އާ ހަމައަށް ސިޔާސީ ހަލަބޮލިކަން ހޫނުވަމުން ދިިޔަ އިރު ވެސް، ރައީސް ނަޝީދާއި އެމްޑީޕީގެ މެމްބަރުން ގަބޫލުކުރީ ނައިބު ރައީސްގެ ފަރާތްޕުޅުން އެކަށީގެންވާ އެހީތެރިކަން ނުލިބޭ ކަމަށެވެ. އިދިކޮޅު ފަރާތްތަކާ އެކު ވަހީދު ގުޅުން ބާއްވަވާކަމުގެ ތުހުމަތުތައް ވެސް ކުރެ އެވެ. އެކަމަކު ގާތް ބޭފުޅުން ކައިރީ ވަހީދު ވިދާޅުވަމުން ގެންދެވީ ސިޔާސީ އިދިކޮޅު ފަރާތްތަކާ ވާހަކަ ދެއްކެވުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ރައީސް ނަޝީދާއި ނައިބު ރައީސާ ދެމެދު އޮތް ހުރިހާ ގުޅުމެއް ގާތްގަނޑަކަށް ކެނޑުނީ އެވެ. ސިފައިން ނެރެގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ޖެނުއަރީ 16، 2012 ގައި ހައްޔަރުކޮށް، ބަންދުގައި ބެހެއްޓި މައްސަލަ ސަބަބަކަށް ނަގައިގެން އިދިކޮޅުން ސިލްސިލާކޮށް ބޭއްވި މުޒާހަރާތައް ދިޔައީ ކުރިއަށެވެ. ރައީސް ނަޝީދަށް ތާއީދުކުރައްވާ، ވަހީދު އެއްވެސް ވާހަކަފުޅެއް ނުދައްކަވަ އެވެ. އޭގެ ބަދަލުގައި ދުނިޔޭގެ ބޮޑު މީޑިއާއެއް ކަމަށްވާ އެސޯސިއޭޓް ޕްރެސް (އޭޕީ)އަށް ދެއްވި އިންޓަވިއުއެއްގައި ވަހީދު ގޮވާލެއްވީ، އަބްދުﷲ ގާޒީ ދޫކޮށްލުމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވެސް ވިދާޅުވި އެވެ.

މިއީ އޭރު ވެސް އެމްޑީޕީގެ ސަޕޯޓަރުންނަށް ވަހީދުގެ "ޣައްދާރުވެވަޑައިގަތުމެ"ވެ. އެކަމަކު ވަހީދު އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތް ބިނާކުރެއްވީ ސުޕްރީމް ކޯޓުގެ އަމުރަށެވެ. ސުޕްރީމް ކޯޓުން އޭރު އޮތީ އަބްދުﷲ ގާޒީ ވަގުތުން ދޫކޮށްލަން އަމުރު ނެރެފަ އެވެ. ވަހީދުގެ ނަޒަރުގައި، އެންމެ މަތީ ކޯޓުން އެގޮތަށް އަންގައިފި ނަމަ ޖެހޭނީ އެއަށް އަމަލްކުރާށެވެ.

އެކަމަކު އެއަށް ވުރެ ބޮޑަށް އަދުލުއިންސާފުގެ ނިޒާމަށް ރައީސް ނަޝީދާއި އެމްޑީޕީގެ ސަރުކާރުގެ އިތުބާރު އޮތީ ގެއްލިފަ އެވެ. އެހެންކަމުން އަބްދުﷲ ގާޒީގެ ދިފާއުގައި ވަހީދު ދައްކަވާ ވާހަކަފުޅުތަކާއި މައްސަލަ އެންމެ ހޫނުވަމުން ދިޔަ ދަނޑިވަޅު، އިދިކޮޅު ފަރާތްތަކާ، ހިލާލީ ގޭގައި ބައްދަލުކުރެއްވުން ފަދަ ކަންކަމުން އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުވީ "ބަޣާވާތްކުރުމު"ގެ ތުހުމަތެވެ.

ހުވާކުރެއްވުމާއި އެމްޑީޕީގެ ބޮޑެތި މުޒާހަރާތައް

ފެބްރުއަރީ 7 ގެ ހަމަނުޖެހުންތަކަށް ފަހު ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވުމާ އެކު، ރައީސްކަމުގެ ހުވާކުރައްވަން ވަޑައިގަންނަވަން މަޖިލިހުގެ އޭރުގެ ރައީސް އަބްދުﷲ ޝާހިދު ވަހީދަށް ދައުވަތު ދެއްވި އެވެ. ހަމަ އެ ދުވަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތެވެ.

އެކަމަކު އެއީ ފަސޭހައިން ރައީސްކަން ކުރެއްވޭނެ ހާލަތެއް ނޫނެވެ. އަނެއް ދުވަހު އެމްޑީޕީގެ ބޮޑު އެއްވުމާއި ފުލުހުންގެ އަނިޔާވެރިކަމާއި އެމްޑީޕީގެ ސަޕޯޓަރުން ރާއްޖޭގެ އެކި ރަށްރަށުގެ ސަރުކާރުގެ އިމާރާތްތަކުގައި ހުޅު ޖަހާ ރޯކޮށްލުން ފަދަ، ރާއްޖޭގެ ތާރީޚު އޭގެ ކުރިން ނުދެކޭ ފަދަ ނުރައްކާތެރިކަމަކާ ވަހީދަށް ކުރިމަތިވެވަޑައިގަތެވެ.

ސައޫދީ އަރަބިއްޔާގައި ދާދި ފަހުން ބޭއްވި ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވްގައި ވަލީ އަހުދު މުހައްމަދު އާއި ޖޯޑަންގެ ރަސްގެފާން އަބްދުﷲ އަދި ރާއްޖޭގެ ކުރީގެ ރައީސް ވަހީދު ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ:އޭއެފްޕީ

ސައޫދީ އަރަބިއްޔާގައި ދާދި ފަހުން ބޭއްވި ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވްގައި ވަލީ އަހުދު މުހައްމަދު އާއި ޖޯޑަންގެ ރަސްގެފާން އަބްދުﷲ އަދި ރާއްޖޭގެ ކުރީގެ ރައީސް ވަހީދު ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ:އޭއެފްޕީ

އެމްޑީޕީގެ ވަރުގަދަ ހަރަކާތްތައް ހުއްޓުނީކީ ނޫނެވެ. ރައީސްކަމުން ވަހީދު އިސްތިއުފާ ދެއްވަން ގޮވާލަން ބޭއްވި މުޒާހަރާ ދަންމާލައި، ހެންވޭރުކޮޅު އުސް ފަސްގަނޑު ސަރަހައްދު އެ ޕާޓީގެ ސަޕޯޓަރުންގެ ދަށަށް ވެސް ގެންދިޔައީ އެވެ.

އެކަމަކު ހުރިހާ ކަމެއް ވެސް އޭގެ ޒާތުގައި މައިތިރިވެ، ސަރުކާރު ހިންގެވުމުގައި ވަހީދު ދެމިހުންނެވި އެވެ. އެއީ، އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން ސިފަކުރެއްވި ގޮތުގައި، "ކެތްތެރިކަމު"ގެ ނަތީޖާ އެވެ.

"ކެތްތެރިކަން އެއީ ވަހީދުގެ އެންމެ ބޮޑު އެއް ސިފަ. ދެވަނަ ކަމަކީ ގިނަ ބަޔަކު ގޮވައިގެން އުޅުއްވަން އެނގިވަޑައިގަތުން. ތިން ވަނަ ކަމަކީ މަޝްވަރާކުރައްވައިގެން ކަންކަން ނިންމެވުމުގެ އުސޫލު،" ވަހީދުގެ އަރިހުގައި މަސައްކަތްކުރެއްވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް ވާހަކަދައްކަވަމުން، ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެރިކަން ބަދަލުވި ގޮތް، ބައިނަލްއަގުވާމީ ފެންވަރުގައި ވެސް އަދި އެތެރޭގެ ހާލަތުގައި ވެސް އޮތީ ބޮޑު މައްސަލައަކަށް ވެފަ އެވެ. އެކަމަކު އދ. އާއި ކޮމަންވެލްތު ފަދަ ޖަމާއަތްތަކުގެ އެހީތެރިކަމާ އެކު، ހުރިހާ ކަމެއް ވެސް ވަހީދު ކުރިއަށް ގެންދެވީ ވިސްނުން އިސްކުރައްވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ އެ ސިފަތައް ވަހީދަށް ލިބިވަޑައިގަތީ އދ. ގައި އެ އަދާކުރެއްވި މަސައްކަތްތަކުގެ ސަބަބުންހެން. އެހާ ހަލަބޮލި ދުވަސްވަރެއްގައި ވެރިކަން ކުރެއްވުނީ އެ ކެތްތެރިކަން ހުރީމާ."

އެކަމަކު ފެބްރުއަރީ 7 ގެ ހާދިސާއާ މެދު އުފެދޭ ސުވާލުތައް ގިނަ އަދަދެއްގެ ރައްޔިތުންގެ ހިތުން ދުވަހަކު ވެސް ފިލައިގެންނެއް ނުދާނެ އެވެ. އަދި އެއީ ސިޔާސީ ހަލަބޮލިކަމުގައި ވެރިކަމެއް ބަދަލުވެގެން ދާއިރު ދުނިޔެ ދައްކާ އެއް ހަގީގަތެވެ. އެހެންކަމުން ވަހީދުގެ ރަނގަޅު ސިފަތައް އެއް ބަޔަކު ފާހަގަކުރާ އިރު، އެމްޑީޕީގެ ތާރީޚުގައި އެމަނިކުފާނުގެ ނަންފުޅު އޮތީ ކިލަނބުވެފަ އެވެ.