25 ނޮވެމްބަރ 2016
މި ޖީލު ދުށް، ސިޔާސީ ގޮތުން އެންމެ ބޮޑެތި ތުހުމަތުތައް ބައެއް މީހުން ކުރާ އެއް ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ވަހީދު ކަމަށް ވެދާނެ އެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ގޮތާއި ވެރިކަމުގައި ހިނގައި ދިޔަ ގޮތް ލިއެފައި ވަނީ މި ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑެތި ކަންކަމުގެ ގޮތުގަ އެވެ. އާދައިގެ އާއިލާއަކަށް އުފަންވެވަޑައިގެންނެވި ނަމަވެސް ދުނިޔޭގެ އެންމެ ފެންވަރު މަތީ އެއް ޔުނިވަސިޓީން ތައުލީމު ހާސިލްކުރައްވައި ޕީއެޗް.ޑީ ނެންގެވި ފުރަތަމަ ދިވެއްސަކަށް ވެވަޑައިގަތުމުގެ ޝަރަފް ހޯއްދެވި އެވެ.
މި ޖީލު ދުށް، ސިޔާސީ ގޮތުން އެންމެ ބޮޑެތި ތުހުމަތުތައް ބައެއް މީހުން ކުރާ އެއް ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ވަހީދު ކަމަށް ވެދާނެ އެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ގޮތާއި ވެރިކަމުގައި ހިނގައި ދިޔަ ގޮތް ލިއެފައި ވަނީ މި ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑެތި ކަންކަމުގެ ގޮތުގަ އެވެ. އާދައިގެ އާއިލާއަކަށް އުފަންވެވަޑައިގެންނެވި ނަމަވެސް ދުނިޔޭގެ އެންމެ ފެންވަރު މަތީ އެއް ޔުނިވަސިޓީން ތައުލީމު ހާސިލްކުރައްވައި ޕީއެޗް.ޑީ ނެންގެވި ފުރަތަމަ ދިވެއްސަކަށް ވެވަޑައިގަތުމުގެ ޝަރަފް ހޯއްދެވި އެވެ.
މި ހުރިހާ ކަމަކާ ބެހޭ ގޮތުން "އިންސާފު"ގެ ނަމުގައި، ނޫސްވެރިޔާ އަދި ޓީވީއެމްގެ އެގްޒެކްޓިވް އެޑިޓަރު މުހައްމަދު ޖަމީލު ލިޔުއްވި، ރައީސް ވަހީދުގެ ބަޔޮގްރަފީގައި އެމަނިކުފާނުގެ މަސައްކަތްޕުޅު ބައްޓަންކުރެއްވި ގޮތާއި އެކި މީހުންނާ މެދު އަމަލުކުރެއްވި ގޮތާއި ވިސްނުންފުޅު ގެންގުޅުއްވި ގޮތް ބަޔާންކޮށްފައިވެ އެވެ. މިއީ އެ ފޮތުން ފާހަގަކޮށްލެވޭ ބައެއް ކަންކަމުގެ ޚުލާސާއެކެވެ.
ހޮޓެލް ޖެންގައި މިރޭ ބާއްވާ ރަސްމިއްޔާތެއްގައި، ރައީސް ވަހީދުގެ ބަޔޮގްރަފީ ނެރޭނެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓްގެ ގޮތުގައި 2008 ގެ ރިޔާސީ އިންތިހާބަށް ވަހީދު ނިކުންނެވި ނަމަވެސް އެއީ އެމަނިކުފާނު އެންމެ ފުރަތަމަ ބޭނުންފުޅުވި ގޮތެއް ނޫނެވެ.
ގިނަ ސިޔާސީ ޕާޓީތައް ހިމެނޭ ސިޔާސީ ވެއްޓެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްވުމާ އެކު، ވަހީދު އދ. ގައި އަދާކުރެއްވި ވަޒީފާ ދޫކޮށްލައްވައި 2008 ގައި ރާއްޖެ ވަޑައިގަތީ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށެވެ. ގައުމީ އިއްތިހާދު ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ ކުރިން މާލޭގެ މެންބަރުކަން ހޯއްދެވި އިރު ލިބިވަޑައިގެންނެވި ބޮޑު ތަރުހީބަށް ބައްލަވާފައި ކަމަށް ފޮތުގައިވެ އެވެ.
ނަޝީދުގެ ރަނިން މޭޓަކަށް ހަމަޖައްސާނެ ބޭފުޅަކާ މެދު ހިޔާލު ތަފާތުވުން އުފެދުނެވެ. އެކަން ވަހީދަށް ހުށަހެޅުއްވުމުގެ ކުރިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަނިން މޭޓަކަށް ވެވަޑައިގަތުމުގެ ފުރުސަތު ވެސް ވަހީދަށް ލިބިވަޑައިގަތެވެ. އެކަމަކު އަރިސް ބޭފުޅުން ލަފާ ދެއްވީ ގާސިމާ އެކު ވެރިކަން ކުރައްވަން ފަސޭހަ ނުވާނެ ކަމަށެވެ.
ވަހީދުގެ އަނބިކަނބަލުންގެ ގޭގައި ސިޔާސީ އެކި ބޭފުޅުންނާ އެކު މި މަޝްވަރާގައި އުޅުއްވަނިކޮށް، ރައީސް މައުމޫންގެ ސަރުކާރުގައި މަތީ މަގާމުތައް އަދާކުރެއްވި އަދި އެމްޑީޕީގެ އިސް ބޭފުޅެއް ކަމަށްވާ އިބްރާހިމް ހުސެން ޒަކީ ވަޑައިގެން ނަޝީދުގެ ރަނިން މޭޓްކަން ހުށަހެޅުއްވި އެވެ. ގައުމީ އެއްބައިވަންތަކަމުގެ ކޯލިޝަނެއް އުފައްދައި އެ ކޯލިޝަންގެ ކެންޑިޑޭޓަކީ ނަޝީދު ކަމަށާއި ރަނިން މޭޓަކީ ވަހީދު ކަމަށް ހަމަޖައްސަން ވާހަކަ ދެކެވުނެވެ. އެއްބަސްވުމަކަށް ނާދެވި އުޅެނިކޮށް ސީދާ ނަޝީދު ވަޑައިގެން އެ ވާހަކާގައި ބައިވެރިވެވަޑައިގެންނެވި އެވެ.
"ސޯފާގައި އިށީނދެވަޑައިގެންފައި އޭނާ ވިދާޅުވި އެވެ. ވަހީދު މިކަން ކުރަމާ ހިނގާށެވެ. ކުރިން ވެސް އަހަރެމެންނަކީ އެކީގައި އުޅުނު މީހުންނެއް ނޫން ހެއްޔެވެ؟" ފޮތުގައި ލިއެފައިވެ އެވެ.
ނަޝީދުގެ ވާހަކަތައް އައްސަވަން އިންނަވާފައި ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެ މީހުން ކުރެ ގިނަ ދުވަސް ވެފައި ހުރީ އަޅުގަނޑަށެވެ. ގިނައިން ބޮޑެތި ތަންތަން ހިންގުމުގެ ތަޖުރިބާ ވެސް ބޮޑަށް ލިބިފައި ވަނީ އަޅުގަނޑަށެވެ. އެހެންވީމާ ފުރަތަމަ ކެންޑިޑެސީ އަޅުގަނޑަށް ދެއްވަންވީ ނޫން ހެއްޔެވެ؟"
ނަމަވެސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މީހުން އެގޮތް ގަބޫލުނުކުރާނެ ކަމަށެވެ. ފޮތުގައިވާ ގޮތުން ނަމަ ނަޝީދު ވެރިކަމަކަށް އިންތިހާބުކުރުމަށް ފަހު ދައުރުގެ މެދަކާ ހިސާބުން ވަހީދަށް ވެރިކަން ދޫކޮށްލެއްވުމުގެ ވާހަކަ ވެސް ވިދާޅުވި އެވެ. އެގޮތުން، ދެ އަހަރެއްހާ ދުވަހު ވެރިކަން ކުރައްވާފައި ވަހީދަށް ވެރިކަން ހަވާލުކުރެއްވިދާނެ ކަމަށާއި "މި ވާހަކަ އަހަރެން ކަރުދާސްގަނޑެއްގައި ލިޔެފައި ސޮއިކޮށްފައި ދީ ވެސް ފާނަމޭ" ވިދާޅުވި އެވެ. ވަހީދު ޖަވާބުދެއްވީ ހަމައެކަނި ހިނިތުންވުމަކުންނެވެ. އެއްވެސް އެއްޗެކޭ ވިދާޅެއް ނުވެ އެވެ.
ނަަމަވެސް ފަހުން ކުރި މަޝްވަރާތަކަށް ފަހު، ސަރުކާރުގައި ނައިބު ރައީސްގެ ގޮތުގައި ވަހީދަށް ދޭނެ ބާރުތަކާ ބެހޭ ގޮތުން އެއްބަސްވުމަކަށް އާދެވި ނަޝީދުގެ ރަނިން މޭޓްކަން ވަހީދު ގަބޫލުފުޅުކުރެއްވި އެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ކުއްޔަށް ދިނުމާ، ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީގެ އިސް ބައެއް ބޭފުޅުން ދެކޮޅުހައްދަވައި ޕާޓީގެ ޖަލްސާއެއްގައި އެ ވާހަކަ ދެއްކެވި އެވެ. މިއީ އެމްޑީޕީ ސަރުކާރުގެ ސިޔާސަތާ ދެކޮޅު ވާހަކައަކަށް ވުމުން ވަހީދަށް ފިއްތުން ކުރިމަތިވި އެވެ. އޭގެ ކުރިން ވެސް، މުހިންމު ކަންކަން ނިންމުމުގައި ނައިބު ރައީސް ވަރަށް ބޮޑަށް އެކަހެރި ކޮށްފައި ހުންނަ ކަމަށް ވަހީދު ވިދާޅުވެ އެވެ. އެމަނިކުފާނު އެންމެ ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިނުގަތީ ނައިބު ރައީސަށް ވުރެ ބޮޑަށް އެހެން ބަޔަކު ރައީސަށް ގޮތް ކިޔައި، ސަރުކާރުގެ ކަންކަމަށް ނުފޫޒު ފޯރުވާތީ އެވެ.
ވަހީދުގެ ޕާޓީއަށް ސަރުކާރުން ދިން މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރަން ފެށީ އެ ނުތަނަވަސްކަމުގެ ތެރޭގަ އެވެ. ބައެއް ބޭފުޅުން މަގާމު ދިފާއުކުރެއްވީ އެމްޑީޕީ އަށް ސޮއިކުރައްވައިގެންނެވެ.
ޖީއެމްއާރަށް އެއާޕޯޓް ދިނުމާއި ފެން ކުންފުންޏާއި ދިރާގުގެ ހިއްސާއިން ބައެއް ބޭރު ބަޔަކަށް ވިއްކާލުން އަދި ބޯޑަ ކޮންޓްރޯލް ސިސްޓަމްގެ މައްސަލާގައި ސަރުކާރަށް އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކާ އެކު ސިޔާސީ މަސްރަހު ބަނަވެ މަޖިލިސް ތެރެއިންނާއި ޖުޑީޝަރީ ތެރެއިން ސަރުކާރަށް ކުރިއަށް ދެވޭނެ ގޮތެއް ރައީސް ނަޝީދަށް ފެނިވަޑައެއް ނުގަތެވެ. ވަހީދު ގަބޫލުފުޅުކުރައްވާ ގޮތުގައި އޭރު ސަރުކާރާ ދެކޮޅަށް ހިނގި ކަންކަމުގައި އެމަނިކުފާނުގެ ޕާޓީއަށް އެވަރުގެ އަދަބެއް ދޭން ޖެހޭ ސަބަބެއް ނެތެވެ.
ސަރުކާރާ ދެކޮޅު ހަރަކާތްތަކުން މަގުތައް ހަލަބޮލިވި އިރު ވަހީދު ހުންނެވީ މުޅިން ބާކީވެފަ އެވެ. ވަހީދު ސިފަކުރައްވާފައިވާ ގޮތުގައި އެމަނިކުފާނަށް މަލާމާތް ރައްދުވާ ގޮތަށް ހިނގާ ކަންކަމާއި އިހްތިރާމް ކުޑަކުރުމުގެ ކަންކަމަށް ބަދަލެއް ނައިސް ކުރިއަށް ދިޔަ އެވެ.
"އައްޑު އަތޮޅުގައި ބޭއްވި ސާކް ސަމިޓުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމުން ވެސް ކަންތައް ދިމާވީ އެކަހަލަ ގޮތަކަށެވެ. އެއްވެސް ޕްރޮޓޮކޯލެއް ނެތެވެ. އެއާޕޯޓްގައި ނައިބު ރައީސް ރިސީވް ކުރާނެ މީހަކު ނެތެވެ. ދަތުރުފުޅު ކުރައްވާނެ ވެހިކަލެއް ވެސް ހަމަޖެހިފައެއް ނުވެ އެވެ. އެންމެ ފަހުން ސިފައިންގެ ސެކިއުރިޓީގެ މީހަކަށް އެކަން ފާހަގަކުރެވިގެން ވެހިކަލެއް ހޯދައިގެން ނައިބު ރައީސަށް ދަތުރުކުރެއްވޭނެ ގޮތް ހަމަޖައްސައިދިނެވެ،" ފޮތުގައިވެ އެވެ.
ސަރުކާރުގެ އެއްވެސް ކަމަކަށް މަޖިލީހުން ރުހުން ނުލިބުމާއި ހައްޔަރުކުރާ މީހުން ކޯޓުން ދޫކޮށްލުން ފަދަ ކަންކަމާ ގުޅިގެން ސަރުކާރު އޮތީ ހޫނުވެފަ އެވެ. މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމާއި އޭރު ޕީއޭގެ ލީޑަރަކަށް ހުންނެވި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރި އެވެ. މި ނޫނަސް އިދިކޮޅު ބައެއް ބޭފުޅުން ހައްޔަރުކުރުމާ އެކު ކުރިމަތިވި ބޭރުގެ ފިއްތުންތަކާ އެކު މަސްރަހު ފިނިކުރަން އިނގިރޭސި ވިލާތާއި އެމެރިކާގެ މަންދޫބުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި "މިޑް ޓާމް އިލެކްޝަނަކާ ބެހޭ ގޮތުން އަޅުގަނޑު ޔާމީނާ ވެސް ވާހަކަ ދައްކައިފީމޭ" ރައީސް ނަޝީދު ވިދާޅުވި ކަމަށް ވަހީދުގެ ފޮތުގައިވެ އެވެ. އެކަމަކު ނަޝީދު އިސްތިއުފާ ދެއްވިޔަސް ނައިބު ރައީސް ކަންތައް ކުރައްވާނީ ކިހިނެއް ކަމެއް ނޭނގޭ ނޫންހޭ ޔާމީން ވިދާޅުވި ކަމަށް ވެސް ބުނެފައިވެ އެވެ.
ވަހީދު ގަބޫލުފުޅުކުރައްވަނީ އެކަހަލަ ވާހަކަތަކެއް އެވަގުތު އެ އައީ މިޑް ޓާމް އިލެކްޝަނެއް ބޭއްވުމާ ބެހޭ ގޮތުން ނަޝީދާއި ޔާމީނާ ދެމެދު ކޮންމެވެސް މަޝްވަރާތަކެއް ކުރައްވާފައި ވާތީ ކަމަށެވެ.
މިޑް ޓާމް އިލެކްޝަނަކާ ބެހޭ ގޮތުން ވަހީދު ދެކެވަޑައިގެންނެވި ގޮތެއް ފޮތުގައި ނެތެވެ.
ނަޝީދުގެ ވެރިކަން ނިމުމަކަށް އައުމުގެ ފަހު މަރުހަލާގެ ފެށުމަކަށް ވީ އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރުމެވެ. ވަހީދު ވިދާޅުވެފައިވާ ގޮތުގައި އަބްދުﷲ ގާޒީ ހައްޔަރުކުރެވޭނެ ގޮތެއް އޮތްތޯ އެންމެ ފުރަތަމަ ސުވާލުކުރެއްވީ ނަޝީދެވެ. އެއީ ޖެނުއަރީ 2012 ގައި ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭފާނާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ހޯމް މިނިސްޓަރު ހަސަން އަފީފާއި ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހާ އެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގަ އެވެ.
ފަސީހު ވިދާޅުވީ ގާނޫނީ ގޮތުން އެކަން އޮންނަ ގޮތެވެ. އެކަމަކު ގައުމީ ސަލާމަތަށް ނުރައްކާވާ އެތައް ބަޔަކު ދޫކޮށްފި ކަމަށާއި އެހެންވެ ގައުމީ ސަލާމަތަށް ނުރައްކާވާ ނަމަ އަބްދުﷲ ގާޒީ ހައްޔަރުކުރެވިދާނެ ކަމަށް ތަލްހަތު ވިދާޅުވި ކަމަށް ފޮތުގައިވެ އެވެ. މި ނުތަނަވަސްކަމުގައި ފަސީހާއި އަބްދުﷲ ގާޒީ އާއި އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިންއާ އެކު ވެސް ބައްދަލުވުންތަކެއް ދިޔަ ކަމަށްވެ އެވެ. އެކަމަކު ސަރުކާރުން ބޭނުންވާ ގޮތަކަށް އެކަމެއް ނުވި އެވެ. އެންމެ ފަހުން ޖެނުއަރީ 16 ގައި އަބްދުﷲ ގާޒީ ހައްޔަރުކުރީ އެވެ. އަނެއް ދުވަހު ދައުލަތުގެ ހުރިހާ ބާރުތަކެއްގެ ވެރިން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އަބްދުﷲ ގާޒީ ދޫކޮށްލަން އުއްތަމަ ފަނޑިޔާރު ރައީސަށް ދެންނެވުމުން ރައީސް ކޯފާވެ އެ ބައްދަލުވުން ކުރިއަކަށް ނުދިޔަ އެވެ.
ވަހީދު ވިދާޅުވަނީ ސަރުކާރާ ދެކޮޅު ހަރަކާތްތަކުން ރަށުތެރޭ ނާމާންވެފައި ވަނިކޮށް އެއް ރެއެއްގެ ދަން ގަޑިއެއްގައި އިދިކޮޅު ފަރާތްތަކުން ވަހީދާ ބައްދަލުކުރި ކަމަށް ވިޔަސް ސަރުކާރާ ދެކޮޅު އެއްވެސް ކަމެއްގައި ބައިވެރިވާން ނުވަތަ އެފަދަ ރޭވުމެއްގެ ވާހަކަ ވެސް ދައްކަވާފައި ނުވާނެ ކަމަށެވެ. ނަޝީދު އިސްތިއުފާ ދެއްވައިފި ނަމަ ވެރިކަމާ ހަވާލުވާން ތައްޔާރުތޯ، އިދިކޮޅު ޕާޓީތަކުގެ ބޭފުޅުން އެއްސެވި ކަމަށާއި، އޭގެ ޖަވާބުގައި ގާނޫނު އަސާސީގައިވާ ގޮތަށް އަމަލުކުރައްވާނެ ކަމަށް ވަހީދު ވިދާޅުވި އެވެ. އެކަމަކު އެ ބައްދަލުވުމަށް ފަހު އިދިކޮޅު މީހުން ނިކުތް އިރު މީޑިއާ ޖަމާވެފައި އޮތުމުން އެކަމުގެ އެޑްވާންޓޭޖް ނަގައި، ނައިބު ރައީސް ހުންނެވީ ވެރިކަމާ ހަވާލުވާން ތައްޔާރަށް ކަމަށާއި ސިފައިންނާއި ފުލުހުން ވެސް އެކަމަށް ތާއީދުކުރާނެ ކަމަށް އިދިކޮޅު ބޭފުޅުން ވިދާޅުވީ އެގޮތަށް ވާހަަކަ ދެކެވިފައި އޮވެގެން ނޫން ކަމަށް ވަހީދު ވިދާޅުވެ އެވެ.
ސަރުކާރާ ދެކޮޅު ސިލްސިލާ މުޒާހަރާތައް، އަބްދުﷲ ގާޒީ ހައްޔަރުކުރުމާ އެކު ވަރުގަދަވެ އޭގެ ފަހުން 22 ދުވަސް ވެއްޖެ އެވެ. ފެބްރުއަރީ 6، 2012 ވަނަ ދުވަހުގެ ރޭ މުޒާހަރާ ކުރިއަށް ދަނިކޮށް ސަރުކާރަށް ތާއީދުކުރާ މީހުން ވެސް އާޓިފިޝަލް ބީޗަށް ނިކުމެ ދެ ބައި މީހުން ތަޅާފޮޅަށް ފެށި އެވެ. ހިނގައިދިޔަ ހަމަނުޖެހުމާ އެކު ފުލުހުންގެ ބަޔަކު އިހުތިޖާޖު ފެށި އެވެ. ސިފައިންނަށް އެ މީހުން މައިތިރިއެއް ނުވި އެވެ. ސަލާމަތީ ބާރުތަކުން އެއް ބަޔަކު އަނެއް ބަޔަކާ ތަޅާފޮޅި އެވެ.
މި ހުރިހާ ކަމެއް ހިނގަމުން ދިޔައިރު ވެސް ރަސްމީ ނަޝީދު އެއްވެސް ގޮތަކުން ނައިބު ރައީސް ވަހީދަށް މައުލޫމާތެއް ނުދެއްވަ އެވެ. ވަހީދު ވިދާޅުވެފައިވާ ގޮތުގައި އެނގިވަޑައިގަތް ކަމެއް އެނގިވަޑައިގަތީ ޓީވީތަކުން ފެންނަ މަންޒަރުތަކާއި ބައެއް ބޭފުޅުންގެ ފަރާތުން އިވުނު ވާހަކަތަކުންނެވެ. އެކަމަކު ނަޝީދު އިސްތިއުފާ ދެއްވަން އުޅުއްވާ ކަމުގެ ޚަބަރުތައް ޓީވީތަކުން ކިޔަން ފެށި ފަހުން ޕީޕީއެމްގެ މަޖިލިސް ތިން މެންބަރަކު ހިލާލީގެ އަށް ވަޑައިގެން ވަހީދު އިސްތިއުފާ ނުދެއްވަން އެދިވަޑައިގެންނެވި ކަމަށް ފޮތުގައި އޮތެވެ. އެކަމަކު އެ މެންބަރުންގެ ނަމެއް ހާމައެއް ނުކުރައްވަ އެވެ.
ނަޝީދު އިސްތިއުފާ ދެއްވިކަން ވަހީދަށް އެންގެވީ އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދެވެ. އުއްތަމަ ފަނޑިޔާރަށް ވެސް އެންގެވި އެވެ. ވަހީދު ވިދާޅުވެފައި ވަނީ ނަޝީދު އިސްތިއުފާ ދެއްވި ޚަބަރު ޓީވީން އިވިފައި ވަނިކޮށް ހަވީރު 3:30 އަށް ރައީސް ކަމުގެ ހުވާކުރައްވަން ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމަށް ޝާހިދު ދެންނެވި އެވެ. އަދި އޭނާ އެގޮތަށް އަމަލުކުރެއްވި އެވެ.
ރައީސްކަމުގެ ހުވާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވި އިރު މަޖިލީހުގެ ރައީސްގެ ކޮޓަރިކޮޅުގައި، އޭރު ސިފައިންގެ ވަޒީފާއިން ރިޓަޔާކުރައްވާފައިވާ ކާނަލް މުހައްމަދު ނާޒިމް އިންނެވި އެވެ. އަދި ހުވާކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ކަމަކަށް ސިފައިންގެއަށް ވަޑައިގެންވި އިރު ވެސް އަރިހުގައި ނާޒިމް ވަޑައިގެންނެވި ކަމަށާއި ސިފައިންގެ ވެރިންނާ ބައްދަލުކުރެއްވުމުގެ އިންތިޒާމު ހަމަޖެހިފައި ވާތީ ރައީސަށް ހުރި ގޮނޑިކޮޅުގައި އިށީނދެވަޑައިގަތުމާ އެކު ރައީސް ވަހީދުގެ ކަނާތް ފަރާތުން ޖެހިގެން ހުރި ގޮނޑީގައި ނާޒިމް އިށީނދެވަޑައިގެންނެވި އެވެ. އެކަމާ ވަހީދުގެ ހިތްޕުޅުގައި ސުވާލު އުފެދުނު ކަމަށް ފޮތުގައި ލިއެފައިވެ އެވެ. ނަމަވެސް ވަކި އެއްޗެކޭ ވިދާޅެއް ނުވެ އެވެ.
ސިފައިންނާ ބައްދަލުކުރެއްވުމަށް ފަހު ރައީސް ވަހީދު އެދިވަޑައިގަތީ އެއްބައިވަންތަކަމަށެވެ. އަދި މާ އަވަސްއަރުއްވާލައްވާފައި މުލީއާގެއިން ނަޝީދު ނިކުމެވަޑައިގަންނަވާނެ ކަމެއް ނެތް ކަމަށް، ސިފައިން މެދުވެރިކޮށް ވަހީދު ދެންނެވި އެވެ. އެކަމަކު އެގޮތް ނަޝީދު ބޭނުންފުޅެއް ނުވި އެވެ. ވަހީދު ވިދާޅުވި ގޮތުގައި ނަޝީދާއި ނަޝީދުގެ އާއިލާ އަށް ފުރިހަމަ ހިމާޔަތް ދިނުމަށް ސިފައިންނަށް އެންގެވި އެވެ.
ނަޝީދުގެ ވެރިކަން ވެއްޓުމާ އެކު ޖެހިގެން އައި ފެބްރުއަރީ 8 ވަނަ ދުވަހު ނަޝީދުގެ ސަޕޯޓަރުން މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވި އެއްވުންތަކުން ސަރުކާރުގެ އިމާރާތްތަކުގައި ހުޅުޖެހުމާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުން ފަދަ އެތައް ކަމެއް ހިނގި އެވެ. މި ހުރިހާ ކަމަކަށް ފަހު ޖެހިގެން އައި ދުވަހު ރައީސް ވަހީދުގެ އަރިހަށް އަވަށްޓެރި ގައުމެއްގެ ސަފީރަކު ވަޑައިގެން، ރައީސް ބޭނުންފުޅު ނަމަ ނަޝީދު އެ ސަފީރުގެ ގައުމަށް ގެންދެވިދާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު މިއީ ކޮން ގައުމެއްގެ ސަފީރެއް ކަމެއް ވަހީދު ހާމަކުރައްވާފައެއް ނުވެ އެވެ.
ވަހީދު ޖަވާބު ދެއްވީ ނަޝީދު ރާއްޖޭގައި ހުންނެވި ނަމަވެސް އެއްވެސް ގެއްލުމެއް ލިބިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަމާ އެކުގަ އެވެ.
ރައީސް ވަހީދުގެ ނައިބަކަށް ހަމަޖައްސަން އެންމެ ފުރަތަމަ ހުށަހެޅުއްވީ ކުރީގެ މިނިސްޓަރު އިސްމާއިލް ޝަފީއު އަށެވެ. އެކަމަކު އެފަދަ މަގާމެއް ބޭނުންފުޅު ނުވާ ކަމަށް ޝަފީއު ވިދާޅުވި އެވެ. މުހައްމަދު ވަހީދުއްދީން (ޑީން) އަށް އެ މަގާމު ހުށަހެޅުއްވީ އޭގެ ފަހުންނެވެ. ވަހީދު ވިދާޅުވި ގޮތުގައި ޑީން މަގާމު ގަބޫލުފުޅު ކުރެއްވީ އަމިއްލަފުޅު ގޭގައި، ބަނޑޮހުގައި ދިރިއުޅުއްވޭ ގޮތަށް ޝަރުތުކުރައްވައިފަ އެވެ.
ނަޝީދުގެ ވެރިކަމުގައި ހިންގަން ފަށާފައިވާ ގިނަ ޕްރޮޖެކްޓްތަކުގައި ކޮރަޕްޝަން އެކުލެވޭ ކަމަށާއި އެހެންވެ ހުއްޓާލަން ޖެހޭ ކަމަށް އާ ސަރުކާރުގެ ވަޒީރުން ވަހީދަށް ދެންނެވި އެވެ. އެކަމަކު ޖީއެމްއާރް އަތުން އެއާޕޯޓް އަތުލައި އެ މީހުން ފޮނުވާލުމަކީ، ވަހީދު ވިދާޅުވެފައިވާ ގޮތުގައި، އެއް އިރެއްގައި ވެސް ގެންގުޅުއްވި ވިސްނުންފުޅެއް ނޫނެވެ. ރަނގަޅަށް ހުރި ކަންކަން ބަހައްޓާފައި ގޯސްކޮށް ހުރި ކަންކަން ރަނގަޅުކޮށް ރަނގަޅަށް ހިނގާ ޕްރޮޖެކްޓްތަކައިގެން ކުރިއަށް ދާން ނިންމެވި އެވެ.
ހދ. ހޮނޑައިދު އަށް އެއް ރޭ ފުލުހުން އަރައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ހައްޔަރުކުރި ހާދިސާ އާއި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބެ ހައްޔަރުކުރަން އެ ގެޔަށް ފުލުހުން ވަން ހާދިސާ އަށް އިޝާރާތް ކުރައްވަމުން ވަހީދު ވިދާޅުވެފައި ވަނީ ފުލުހުންގެ މައްޗަށް އެހެން ބަޔަކު ބާރު ފޯރުވާ ކަމަށެވެ.
ސަރުކާރުގައި ހިމެނުނު ކޮންމެ ޕާޓީއަކުން ޖީއެމްއާރު އެއްބަސްވުމާ މެދު ދެކޭ ގޮތެއް ބަލައި ހުށަހެޅި ކަންކަމުގެ ޕްރެޒެންޓޭޝަނެއް ތައްޔާރުކޮށް މަޝްވަރާކޮށްގެން ގޮތެއް ހޯދަން ވަހީދު ބޭނުންފުޅުވި އެވެ. އެކަމަކު އެ ބައްދަލުވުމުގައި މިހާރުގެ ރައީސް ޔާމީން، "އަޅުގަނޑުމެންނަށް ފެންނަ ގޮތް އޮންނާނީ ދަންނަވާފަ"އޭ ވިދާޅުވެ ބައްދަލުވުން ދޫކުރައްވައި ވަޑައިގަންނަވަން އުޅުއްވި ކަމަށް ފޮތުގައިވެ އެވެ. އެކަމަކު ވަހީދު އެދިވަޑައިގަތުމުން ޔާމީން މަޑުކުރެއްވި އެވެ.
ވަހީދު ބޭނުންފުޅު ނުވިޔަސް ސަރުކާރުގައި ހިމެނުނު ޕާޓީތަކުން ޖީއެމްއާރާ ދެކޮޅަށް ކެމްޕޭން ވަރުގަދަކޮށް އެންމެ ފަހުން ޖީއެމްއާރުގެ އެއްބަސްވުން އުވާލެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރަކަށް ހުންނެވި ޑރ. އަފްރާޝީމް އަލީ، ވަރަށް އަނިޔާވެރި ގޮތަކަށް އަވަހަރާކޮށްލި ކަމުގެ ޚަބަރު، ނިއު ޔޯކްގައި ހުންނަވަނިކޮށް އެންމެ ފުރަތަމަ ދެއްވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ކަމަށް ވަހީދު ވިދާޅުވެ އެވެ. އެކަން އެނގިވަޑައިގަތުމާ އެކު އިނގިރޭސި ވިލާތުގެ ފުލުހުންގެ އެހީތެރިކަން ހޯދަން އޭރުގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒަށް އެންގެވި އެވެ. އެކަމަކު އިނގިރޭސި ވިލާތުގައި އޭނާ ދަންނަ ބަޔަކު ނޫޅޭ ކަމަށް ރިޔާޒް ދެންނެވި އެވެ. އޮސްޓްރޭލިޔާގެ އެއްބާރުލުން ވެސް ނުލިބުމުން އެންމެ ފަހުން އެމެރިކާގެ އެފްބީއައިގެ އެހީ ހޯއްދެވީ އެވެ. ތަހުގީގަށް ފަހު ރައީސް ވަހީދަށް ދަންނަވާފައި ވަނީ ގަތުލުގައި ދީނީ އެއްވެސް ކަމެއް ނޫޅޭ ކަމަށާއި އެކަން ގޮސް ޖެހެނީ އެމްޑީޕީގެ އެކްޓިވިސްޓަކާއި ސިފައިންގޭގައި އުޅޭ މީހެއްގެ މައްޗަށް ކަމަށެވެ.
ފޮތުގައި ވަހީދު ވިދާޅުވެފައިވާ ގޮތުގައި އެއީ ސިޔާސީ ގަތުލެއް ކަމަށް ފެންނަން ހުރި ކަންކަމަށް ބަލައިގެން ބުނެވިދާނެ އެވެ. އެކަމަކު ސާބިތުވާ ވަރުގެ ހެކި ލިބިފައިނުވާ ކަމަށް ވިދާޅުވި އެވެ.
ހދ. ހޮނޑައިދު އަށް އެއް ރޭ ފުލުހުން އަރައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ހައްޔަރުކުރި ހާދިސާ އާއި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބެ ހައްޔަރުކުރަން އެ ގެޔަށް ފުލުހުން ވަން ހާދިސާ އަށް އިޝާރާތް ކުރައްވަމުން ވަހީދު ވިދާޅުވެފައި ވަނީ ފުލުހުންގެ މައްޗަށް އެހެން ބަޔަކު ބާރު ފޯރުވާ ކަމަށެވެ.
ހޮނޑައިދު އަށް ފުލުހުން އެރީ ޕޮލިސް ކޮމިޝަނަރު ރިޔާޒު އަށް އެނގިވަޑައިގެން ނޫން ކަމަށާއި އެއީ އަތޮޅު ޕޮލިހުން ހިންގި ވަކި އޮޕަރޭޝަނެއް ކަމަށް ވަހީދަށް ރިޔާޒު ދެންނެވި އެވެ. އަދި ޝާހިދުގެ ގެޔަށް ފުލުހުން ވަދެ، އާއިލާގެ ދުވަސްވީ މީހުންނަށް ވެސް އުނދަގޫވާ ގޮތަށް އަމަލުކުރި ކަމަށާއި އެކަމަކު އެއީ ފުލުހުންނަށް އެއަށް ވުރެ މާ ރީއްޗަށް ކުރެވެން ހުންނަ ކަންކަން ކަމަށް ވަހީދު ގަބޫލުފުޅުކުރައްވަ އެވެ.
ފުލުހުންނަށް ބާރު ފޯރުވާ އެހެން ބާރުތަކެއް އުޅޭ ކަމަށް ވިދާޅުވިޔަސް އެއީ ކޮން ބައެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށް ފޮތުގައިވެ އެވެ.
ވަހީދުގެ ވެރިކަން ދަމަހައްޓަން އެމްޑީޕީއާ ދެކޮޅު ޕާޓީތަކުން މަސައްކަތްކުރި ކަމަށް ވިޔަސް، ވަހީދު ވިދާޅުވި ގޮތުގައި، ރިޔާސީ ދައުރު ހަމަވުމާ ގާތްވި އިރު ކޮންމެ ޕާޓީއަކުން ވެސް އުޅުނީ ވެރިކަން ހޯދާށެވެ. ވަހީދު ވަކިން ނިކުމެވަޑައިގަތުމުގެ ކުރިން، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަވަން ރައީސް މައުމޫނާ ވެސް މަޝްވަރާކުރެއްވި އެވެ. އެކަމަކު ޕާޓީގެ މެންބަރަކަށް ވިތާ ހަ މަސް ނުވާ މީހަކަށް ރިޔާސީ ކެންޑިޑޭޓަކަށް ނުވެވޭނެ ކަމަށް ޕީޕީއެމްގެ ކައުންސިލުން ފާސްކުރުމުން އެ ފުރުސަތު ގެއްލިވަޑައިގަތީ އެވެ.
ޑީއާރްޕީގެ ލީޑަރު ތަސްމީން އަލީއާ ގުޅިވަޑައިގެން ވަހީދު މަސައްކަތް ފެއްޓެވި އިރު ވަހީދާ ދެކޮޅަށް ކުރީގެ މިތުރުން މަޖިލިސް ތެރެއިންނާއި އެކި ދިމަދިމާލުން މަސައްކަތް ކުރަމުން ގެންދިޔަ އެވެ. ކުދި ޕާޓީތައް އުވޭ ގޮތަށް ގާނޫނު އިސްލާހުކުރުމާއި ސަރުކާރަށް ދަތިވާނެ ކިތަންމެ ކަމެއް ކުރިމަތިކުރުވިކަމަށް ވަހީދު ވިދާޅުވި އެވެ. އަނެއްކޮޅުން، ވަހީދަށް އެއްބާރުލުން ދޭން އޮތް ޑީއާރްޕީ އާއި އަދާލަތުގެ މާ ބޮޑު ޕްލޭނެއް ނެތި އެކަމަކު ކެމްޕޭން ފައިސާ އެ މީހުންނާ ހަވާލުކުރަން ކުރި ޑިމާންޑްތަކާއި އެމެރިކާ އިން ގެނައި ތަޖުރިބާކާރުންގެ ލަފަޔަށް ބެލުމެއް ނެތި ކުރަމުން ދިޔަ ޕްލޭނެއް ނެތް ކެމްޕޭންތަކުން ވަހީދަށް ނުތަނަވަސްކަން ލިބިވަޑައިގަތެވެ. ނަތީޖާއަކަށް ވީ ރިޔާސީ އިންތިހާބުގައި ބޮޑު ބައްޔަކަށް ބަލިވެވަޑައިގަތުމެވެ.
އެހެންކަމުން އެމަނިކުފާނުގެ ވެރިކަން ނިމުނީ ވެސް، ރައީސް ނަޝީދުގެ ވެރިކަމުގައި އެކަހެރިކޮށް ބެހެއްޓި ގޮތަށް، އެކަނިވެރިވެގެންނެވެ.
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"
ވެރިކަން ބަދަލުވިގޮތާ މެދު އުފާކުރާކަށް ނުޖެހޭ: ވަހީދު
ކުރީގެ ރައީސުން ކުރިމަތިލިޔަ ނުދޭން ތާއީދެއް ނުކުރަން
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!
އިބޫއަކީ ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން ހުރި މީހެއް
ބޭނުމީ ދޮޅު އަހަރުތަ؟ ނޫނީ ފަސް އަހަރުތަ؟
ސުޕްރީމް ކޯޓަށް ރައީސް އަޒުލް ކުރެވިދާނެތަ؟
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!
އަސްލު ސައިޒް ފެންނަން އަދި ގާތް ވެސް ނުވޭ!
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟