11 ނޮވެމްބަރ 2018
ވެރިކަމާ ހަވާލުވާ މީިހުންގެ އިޚުލާސްތެރިކަން ނެތުމުން ގައުމަށް ދިމާވާ ބޮޑެތި މައްސަލަތަކުގައި ވެރިކަމުގެ ނިޒާމް ގޯސްކުރުން އަނެއްކާވެސް މި އޮތީ މައުލޫއަކަށް ވެފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުން ފެށިގެން އެމްޑީޕީގެ ބައެއް މީހުންގެ ނަޒަރުގައި ރާއްޖެއަށް "އެކަށީގެންވަނީ" ބަރުލަމާނީ ނިޒާމެކެވެ. މި މަހު 17 ގައި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާގެ ހަ ވަނަ ރައީސްގެ ގޮތުން ހުވާކުރައްވާ އިރު، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ އެތެރޭގެ ވިސްނުން އަނެއްކާ ހުރީ ނިޒާމް ބަދަލުކުރުމުގެ ލަނޑުދަނޑިއާ ދިމާއަށް ބާވަ އެވެ؟
ވެރިކަމާ ހަވާލުވާ މީިހުންގެ އިޚުލާސްތެރިކަން ނެތުމުން ގައުމަށް ދިމާވާ ބޮޑެތި މައްސަލަތަކުގައި ވެރިކަމުގެ ނިޒާމް ގޯސްކުރުން އަނެއްކާވެސް މި އޮތީ މައުލޫއަކަށް ވެފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުން ފެށިގެން އެމްޑީޕީގެ ބައެއް މީހުންގެ ނަޒަރުގައި ރާއްޖެއަށް "އެކަށީގެންވަނީ" ބަރުލަމާނީ ނިޒާމެކެވެ. މި މަހު 17 ގައި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާގެ ހަ ވަނަ ރައީސްގެ ގޮތުން ހުވާކުރައްވާ އިރު، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ އެތެރޭގެ ވިސްނުން އަނެއްކާ ހުރީ ނިޒާމް ބަދަލުކުރުމުގެ ލަނޑުދަނޑިއާ ދިމާއަށް ބާވަ އެވެ؟
ދިވެހިންނަށް ބޮޑަށް ދަސްވެފައި މި އޮތީ ރިޔާސީ ނިޒާމެވެ. ނުވަތަ ފަސް އަހަރުން އެއް އަހަރު ރިޔާސީ އިންތިހާބުގައި ވޯޓު ލައިގެން ރައީސަކު ހޮވާށާއި ފަސް އަހަރުން އެއް އަހަރު އާންމު އިންތިހާބެއްގައި ރައްޔިތުންގެ މަޖިލިހަށް މެމްބަރުން އިންތިހާބުކުރާށެވެ. އެކަމަކު ރަައްޔިތުންގެ މަޖިލިހަކީ ވެރިކަން ހިންގާ ބާރެއް ނޫނެވެ. އެ ޒިންމާ ދިވެހިން ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.
އާ ގާނޫނުއަސާސީ ހެދުމުގެ މަސައްކަތުގައި ވެރިކަމުގެ ނިޒާމްގެ ބާބު އެކުލަވާލުމުގެ ކުރިން ނިންމީ ރަައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ. ނަޝީދު އިސްވެ ހުންނަވައި އެމްޑީޕީން ކެމްޕޭންކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން ރައްޔިތުންނަށް ވިސްނައިދިނީ ރިޔާސީ ނިޒާމެއްގެ މުހިންމުކަމެވެ. ވޯޓުގެ ނަތީޖާ އަކީ 62 ޕަސެންޓް ދިވެހިން، ރިޔާސީ ނިޒާމަށް ތާއީދުކުރުމެވެ.
ވެރިކަމުގެ ނިޒާމް ބަދަލުކުރަންޏާ އަނެއްކާވެސް ދާން ޖެހޭނީ، ގާނޫނުއަސާސީ ބުނާ ގޮތުން، އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށެވެ. އެހާ ވެސް ބޮޑަށް އެކަން އޮތީ ގާނޫނުއަސާސީގައި ހިމާޔަތްކޮށްފަ އެވެ. ރައީސްގެ މަގާމަށް އަންނަ މީހަކު ނުވަތަ ރަައްޔިތުންގެ މަޖިލިިހުގެ މެޖޯރިޓީ ހޯދާ ޕާޓީއަކުން ހިތަށްއަރާ ކޮންމެ ފަހަރަކު ބަދަލުކުރެވޭނެ ކަމެއް ނޫން ގޮތަށް ހަދައިފަ އެވެ.
އެކަމަކު ނަޝީދު ދައްކަވާ ވާހަކަތަކަށް ބަލާއިރު ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ގެންދަވަން ބޭނުންފުޅުވާކަން އެނގެ އެވެ. ތިން އަހަރެއްހާ ދުވަހު އަރުވާލެވިގެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ދެއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވެސް އެމަނިކުފާނު ވިދާޅުވީ އަބަދުވެސް ތާއީދުކުރައްވަނީ ބަރުލަމާނީ ނިޒާމަކަށް ކަމަށެވެ.
އެކަމަކު ރާއްޖޭގެ ތަޖުރިބާ އަށް ބަލާއިރު މި އުޅެނީ ނިޒާމްގެ މައްސަލައެއް ނޫނެވެ. މި އުޅެނީ ވެރިކަން ކުރާ ބައެއްގެ އިޚުލާސްތެރިކަން ނެތުމާއި ގިނަ ދިވެހިންނަށް ގަބޫލުނުކުރެވޭ ގޮތަށް ވެރިކަން ކުރުމުގެ އާދައެކެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުން ފެށިގެން، މައުމޫން، ނަޝީދު އަދި އަބްދުﷲ ޔާމީން ފަރާތްޕުޅުން ވެސް ފެނުނީ އެ މަންޒަރުތަކެވެ. ވެރިކަމުގައި ތިއްބަވާ އިރު، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރެއްވުމާއި އިދިކޮޅު މީހުންނަށް ޖެއްސުންކުރުމެވެ. ޚިޔާނާތުގެ މައްސަލަތަކެވެ.
އޮގަސްޓް 18، 2007 ގައި ރާއްޖޭގައި އޮތް ރިޔާސީ ނިޒާމުގެ ވޯޓުގައި، ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރެއްވި ގާނޫނީ ވަކީލް ހުސުނުއްސުއޫދު ވިދާޅުވީ ރާއްޖެ އަށް މިހާރު ކުރިމަތިވެގެން މި އުޅެނީ "ޓްރާންސިޝަނަލް ދުވަސްވަރަކަށް ވުމާ އެކު އެކްސްޕެރިމެންޓް ކުރުމުގެ ބައެއް" ކަމަށެވެ.
"މިއީ ހުރިހާ ގައުމެއްގައި ވެސް ދިމާވާ މައްސަލައެއް. ކުރީގެ ތަޖުރިބާއަށް ބަލާފައި... ކޮން ނިޒާމެއްތޯ އެންމެ ރަނގަޅީ،" ސުއޫދު ވިދާޅުވި އެވެ.
"މީގައި [މިހާރަށް ބަލާއިރު] ހަމަ އަސްލު ވެސް މައްސަލަތަކެއް އެބަ ހުރި."
އެކަމަކު ސުއޫދު ވިދާޅުވި ގޮތުގައި ކޮންމެ ނިޒާމެއްގައި ވެސް ސިޔާސީ މީހުންގެ އިހުލާސްތެރިކަން ނެތިއްޖެ ނަމަ މަައްސަލަތައް ދިމާވާނެ އެވެ. އެހެންކަމުން ހައްލަކީ ހަމައެކަނި ވެރިކަމުގެ ނިޒާމް ބަދަލުކުރުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖެނުއިން ބަޔަކު އިހުލާސްތެރިކަމާ އެކު، އަމިއްލަ އެދުން ދޫކޮށްލައިގެން މަސައްކަތް ކުރާ ބަޔަކު ނެތިއްޖެއްޔާ ހައްލެއް ނުލިބޭނެ،" ސުއޫދު ވިދާޅުވި އެވެ.
ނާސިރުގެ ދެ ދައުރާއި މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ދިޔަ ގޮތް އިހަށް ބާއްވާފައި، އާ ގާނޫނުއަސާސީގެ ފަހުން ވެރިކަން ކުރެއްވި ބޭފުޅުންގެ ތަޖުރިބާ އަށް ބަލައިލުން ރަނގަޅެވެ. އެ ދެ ބޭފުޅުން ވެރިކަން ކުރެއްވީ ހުރިހާ ބާރެއް ރައީސަށް ލިބިދީފައި އޮތް ގާނޫނުއަސާސީއެއްގެ ދަށުންނެވެ. ނަޝީދާއި ޔާމީން ވެރިކަން ކުރެއްވީ، ވެރިކަމުގެ ތިން ބާރު މުޅިން މިނިވަންކަން، ކަންކަމާ ފާރަވެރިވާނެ މިނިވަން މުއައްސަސާތަކަށް، ސީދާ ގާނޫނުއަސާސީން ބާރު ދީފައި އޮއްވަ އެވެ. އެކަމަކު ނަޝީދުގެ ވެރިކަމުގައި ރާއްޖެ އަށް ފައިދާ ހުރި ބައެއް ކަންކަން ތައާރަފުކުރި ގޮތަށް ދިވެހިން ދެބައި ވާނެ ކަންކަން ވެސް ފެނުނެވެ. ނަޝީދު ވެރިކަން ކުރެއްވީ ރައްޔިތުންގެ މަޖިލިހުުގެ މެޖޯރިޓީ ނެތި ކަމަށް ވުމާއި އިދިކޮޅުގައި ތިބީ މައުމޫންގެ 30 އަހަރުގެ ވެރިކަމުގެ ތަޖުރިބާ އާއި ސަޕޯޓް އޮތް ބަޔަކަށް ވުމުން، ވަރަށް ގިނަ ހުރަސްތަކެއް ވެސް ކުރިމަތިކުރުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީގެ ބޭނުންކޮށްގެން ނަޝީދުގެ ސަރުކާރަށް ސީދާ ޖެއްސުން ކުރީ އެވެ. އެއީ ހަމައެކަނި އިދިކޮޅު ޕާޓީއެއްގެ ގޮތުން އުފުލަން ޖެހޭ ޒިންމާގެ ބޭރުން ސަރުކާރު ހިންގަން އުނދަގޫކުރުމުގެ ސިޔާސަތެއް ވެސް، އޭރުގެ އިދިކޮޅު މީހުންގެ ތެރޭގައި އޮތެވެ.
ދެކޮޅުން ވެސް ގޮތްދޫނުކުރުމުގެ ނަތީޖާއަކީ ފެބްރުއަރީ 7 އެވެ. އެއީ ހަމައެކަނި ސިޔާސީ މީހުންނަށް ކުރަން ޖެހުނު ތަޖުރިބާއެއް ނޫނެވެ. އާންމު އެތައް ހާސް ދިވެހިން ވެސް، އެ ތަޖުރިބާ ނެގީ ފިލާވަޅެއްގެ ގޮތުގަ އެވެ. އެއް ބަޔަކަށް ގަބޫލުކުރެވުނީ ސަރުކާރަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ނެތް ނަމަ ގައުމު ނުހިންގޭނެ ކަމެވެ. އެހެންކަމުން 2014 ގެ އާންމު އިންތިހާބުގައި އޭރުގެ އިދިކޮޅު އެމްޑީޕީއަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ނުލިބި، ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަމާ ހަވާލުވި ޕީޕީއެމް ކޯލިޝަނެވެ.
ރައްޔިތުން ހެޔޮ ނިޔަތުގައި ހަވާލުކުރި ޒިންމާތައް، ރައީސް ޔާމީނުން ފެށިގެން، މެޖޯރިޓީ އޮތް ޕީޕީއެމް ކޯލިޝަންގެ ރަައްޔިތުންގެ މަޖިލިހުން އަދާކުރީ ވަރަށް ގޯސްކޮށެވެ. ޚުދުމުހުތާރުކަން ބޮޑުވެ، ގާނޫނުއަސާސީގެ ބާރު ވެސް ހަމަ ފުނޑާލީ އެވެ. ސުއޫދު އެ ވިދާޅުވާ "އިޚުލާސްތެރިކަން" ފެންނަން ނެތުމުންނެވެ. ރައްޔިތުންގެ މަޖިލިހާއި ޝަރުއީ ނިޒާމް، ސަރުކާރުގެ ކުޅޭކުޅޭ ބަޔަކަށް ވެގެން ދިޔައީ ޒިންމާތައް ނުނަގައި، ގައުމަށްޓަކައި އޮންނަން ޖެހޭ އިހުލާސްތެރިކަން ދޫކޮށްލުމުންނެވެ.
އަމިއްލަ އެދުން އިސްކުރާ ބަޔަކު ތިބެގެން ބަރުލަމާނީ ނިޒާމަކުން ވެސް ނެރެވޭނެ ރަނގަޅެއް ނެތެވެ. އެ ނިޒާމްގައި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ހޯދާ ބަޔަކު ސަރުކާރާ ހަވާލުވާ އިރު، ފައިސާ އަށް ވިކިގެން ދާ ނަމަ، އަބަދުވެސް އޮންނާނީ މެޖޯރިޓީ ބަދަލުވެ ބަދަލުވެ އެވެ. އެންޓި ޑިފެކްޝަން ގާނޫނެއް ހަދައި، މެމްބަރުންނަށް ޕާޓީ ބަދަލުނުކުރެވޭ ގޮތަށް އޮތަސް، ގިނަ މެމްބަރުން ގަނެވޭ ނަމަ، ބޭނުންވާ ގޮތަށް ވެރިކަން ކުރަން ގާނޫނުއަސާސީ ބަދަލުކޮށް، ގާނޫނުތައް ވެސް އިސްލާހުކޮށް ނުވަތަ އުވާލާނެ އެވެ.
ފަނޑިޔާރުން އައްޔަންކުރުމާއި މިނިވަން މުއައްސަސާތައް އެކުލަވާލާ އިރު އެފަދަ މަޖިލިހަކުން ގައުމުގެ ފައިދާ އަށް ވުރެ ބޮޑަށް ވިސްނާނީ އެ މީހުންގެ އަމިއްލަ އެދުމަށެވެ. އެހެންކަމުން ކޮންޓްރޯލްކުރެވޭ ފަނޑިޔާރުން ލުމާއި މިނިވަން މުއައްސަސާތައް ވެސް ގޮނޑިކޮއްކޮއަކަށް ބަދަލުކޮށްލުން އޮންނާނީ އެ މަޖިލިހުގެ ސިޔާސަތަކަށް ވެފަ އެވެ.
ބަރުލަމާނީ ނިޒާމެއް ގެނައުމުގެ ވިސްނުން ގެންގުޅުމަކީ ގޯހެއް ނޫނެވެ. އެކަމަކު ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާ ނަމަ އެ ބަދަލުން ނުކުންނާނެ ވަކި ރަނގަޅު ނަތީޖާއެއް ނުފެނެ އެވެ. ސިޔާސީ މީހުންނަކީ މުޅި ގައުމުގެ މަސްލަހަތު ހިމާޔަތްކުރެވޭ ބަޔަކަށް ނުވާ ނަމަ، އަބަދުވެސް ވިސްނާނީ ބާރުގެ ބޭނުންކޮށްގެން ވަގުތީ ހައްލުތަކަށެވެ. ގާނޫނުއަސާސީގައި ވަކި ސިފަތަކެއް ހިމަނާފައި އޮންނަ މަގުސަދާ މެދަކު ނުވިސްނާނެ އެވެ.
އެހެންކަމުން ކޮންމެ ނިޒާމެއް އޮތަސް ބޭނުންވަނީ އިޚުލާސްތެރިންނެވެ. އެފަދަ ސިޔާސީ މީހުންނަށް، ގާނޫނުއަސާސީ އާއި ގާނޫނުތަކުން މަނާކުރާ ކަންކަން ދެނެގަނެ، އެ އުނދަގުލުގައި އުޅެން އެނގޭނެ އެވެ. އުޅެން ފަރިތަވާނެ އެވެ. ރާއްޖޭގައި އަދި މި ފެންނަނީ އުނދަގުލެއް ވާ ނަމަ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އެކަމާ ކުރިމަތިނުލާ ތަނެވެ. އިދިކޮޅު މީހުންގެ ބާރު ކެނޑުވުމުން ފެށިގެން، އާންމު ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގުތައް ފުނޑާލައިގެން ވިޔަސް އެކަމެއް ކުރާ ތަނެވެ.
މިއީ ރިޔާސީ ނިޒާމަކުން ނުވަތަ ބަރުލަމާނީ ނިޒާމަކުން ހުއްޓުވޭނެ ކަންކަމެއް ނޫނެވެ.
އިސް ވެރިޔަކު ނެތުމުން މައުމޫން ފާޑުވިދާޅުވެއްޖެ
މައުމޫނަށް ދިމާވި ހާލަތަކީ ރައީސާއި ނަޝީދަށް އިބުރަތެއް
އިންތިގާލީ އިންސާފުގެ އޮފީހުން ކެމްޕެއިނެއް ފަށަނީ
މޯކޮމް މައްސަލަ އަނެއްކާ ވެސް ރިވިއުކުރަނީ
މޯކޮމް މައްސަަލައިގެ ރިޕޯޓް ވަހީދު ފޮރުވިކަމުގެ ތުހުމަތު
"ޔާމީން ހުކުމް ނުހައްގޭ މައުމޫނަށް ވިދާޅެއް ނުވެވޭނެ"
ކުރީގެ ރައީސުން އިނާޔަތް ދޫކޮށްލައްވާ: ސަލީމް
ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ވިސްނުމާއި ފިކުރު
ހުކުމަށް ފަހު ރައީސުންނަށް އިނާޔަތް ލިބޭ ގޮތް ހަދައިފި
އޮޅުން ބޮޅުން: އަނެއްކާވެސް މި ޖެހުނީ އެ ކަމާ